Roadha Mihaaru
ކަލިނަރީ ޗެލެންޖާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށަނީ

ކަލިނަރީ ޗެލެންޖާ އެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށަނީ

27 ސެޕްޓެމްބަރ 2019

ފަނަރަ ވަނަ ހޮޓަލް އޭޝިއާ އެގްޒިބިޝަން އަންނަ މަހު 7 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފަނަރަ ވަނަ ހޮޓަލް އޭޝިއާ އެގްޒިބިޝަން އަންނަ މަހު 7 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

މި އަހަރުގެ އެގްޒިބިޝަން ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގަ އެވެ. އެގްޒިބިޝަންގެ އިތުރުން އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވެސް އެގްޒިބިޝަންގެ ތެރޭގައި ކުރިއަށްދާނެ އެވެ. މި ޗެލެންޖު ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 6 ގައެވެ.

މި އަހަރުގެ އެގްޒިބިޝަނުގައި 45 ގައުމަކުން ބައިވެރިވެ އެވެ. މީިގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ، ޗައިނާ، އަދި މެލޭޝިއާ ހިމެނެ އެވެ. މި ގައުމުތަކުން ޖުމްލަ 160 ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮޓެލް އޭޝިއާގެ އޮފިޝަލަކު ބުނީ ކޮންމެ އަހަރަކު ބާއްވާ މި އެގްޒިބިޝަނަކީ އޭޝިއާ ބައްރުގެ ގައުމުތަކުން އިންތިޒާރު ކުރަމުން އަންނަ ފެއާއެއް ކަމަށެވެ. އެގޮތުން މި ފެއާގައި އެކި ގައުމުތަކުގެ ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު މި ފެއާގެ ޒަރިއްޔާ އިން ހޯދާކަމަށް ހޮޓެލް އޭޝިއާގެ އޮފިޝަލް ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން ބައިވެރިވާ ކަލިނަރީ ޗެލެންޖަކީ ވެސް އެތައް ބަޔަކު އިންތިޒާރުކުރާ އެއް ޗެލެންޖެވެ. މި ޗެލެންޖަކީ ވޯލްޑް ޝެފްސް ޗެމްޕިއަންޝިޕްގެ ގޮތުގައި ވެސް ބައެއް ގައުމުތަކުން ސިފަ ކުރެ އެވެ. މި އަހަރުގެ ޗެލެންޖުގައި 70 ގައުމަން 450 ޝެފުން ބައިވެރިވާނެ އެވެ.

ހޮޓެލް އޭޝިއާ އިން ބުނީ މި ޗެލެންޖަކީ ރާއްޖޭގެ ޒުވާން ޝެފުން ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޗެލެންޖެއް ކަމަށެވެ. މި ޗެލެންޖުގައި މި އަހަރު ވެސް ގިނައަދަދެއްގެ ދިވެހި ޝެފުން ބައިވެރިވާނެ އެވެ. މި އަހަރުގެ ޗެލެންޖުގައި ޖަޖުކުރާނީ 15 ގައުމެއްގެ 24 ޖަޖުންގެ ޕެނަލަކުންނެވެ.