Roadha Mihaaru
މަލިކުގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް

އިންޑިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރު މަލިކަށް، އަސްކަރީ މަރުކަޒެއް ހަދަނީ

15 ފެބުރުއަރީ 2024

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ލަކްޝަދީޕްގެ އަގައްޓީ އާއި މިނިކޯއި (މަލިކު) ގައި ހަދައި އެ ދެ ތަން އަންނަ މަހު އިފްތިތާހުކުރަން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ލަކްޝަދީޕްގެ އަގައްޓީ އާއި މިނިކޯއި (މަލިކު) ގައި ހަދައި އެ ދެ ތަން އަންނަ މަހު އިފްތިތާހުކުރަން ނިންމައިފި އެވެ.

މި ދެ މަރުކަޒުގެ މަސައްކަތަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އިންޑިއާގެ މަނަވަރެއްގައި އަންނަ މަހު 4-5 އަށް ދަތުރުކުރައްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. މި ރަސްމިއްޔާތަށް އިންޑިއާގެ 15 މަނަަވަރު، ރާއްޖެއާ 524 ކިލޯމީޓަރުގައި އޮންނަ މަލިކަށް ދާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުންޏެވެ. މި ފްލީޓްގައި ޑެސްޓްރޯޔާސް، ފްރިގޭޓްސް އަދި ސަބްމެރިން ވެސް ބައިވެރިވާނެ އެވެ. މިއީ އިންޑިއާގެ ކަނޑުގެ ސިފައިން މީގެ ކުރިން ބާރު ދައްކާލުމަށް މީގެ ކުރިން ދުވަހަކު ވެސް ނުބާއްވާ ވަރުގެ ބޮޑު ހަރަކާތަކަށް ވާނެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރަށް ފަހު އިންޑިއާއިން ވަނީ އަގައްޓީ އާއި މަލިކުގައި ކަނޑުގެ ސިފައިންގެ ބާރު ގަދަކޮށް އެ ސަރަހައްދުގައި އޮންނަ ކަނޑުދަތުރުގެ މުހިންމު މަގާއި އެ މަގުގެ މުއާސަލާތީ ކަންކަން ހިމާޔަތްކުރުމަށް އިސްކަން ދީފަ އެވެ.

ސުއެޒް ކެނަލުން ދެކުނު އިރުމަތީ އޭޝިއާއަށް ދަތުރުކުރާ މުދާ އުފުލާ އުޅަނދުތައް ދަތުރުކުރަނީ ލަކްޝަދީޕާއި މަލިކާ ދެެމެދު އޮންނަ ނައިން ޑިގްރީ ޗެނަލް އާއި އަންޑަމަން އާއި ނިކޯބާ އައިލެންޑާ ދެމެދު އޮންނަ ޓެން ޑިގްރީ ޗެނަލްއިންނެވެ.

ހިންދުސްތާން ޓައިމްސް އިން ބުނީ އަސްކަރީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަކީ މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ގޮތުން އިންޑިއާއިން ދޭ ވަރުގަދަ މެސެޖެއް ކަމަށާއި މި ރަސްމިއްޔާތަށް ފަހު އިންޑިއާގެ ކޮމްބައިންޑް ކޮމާންޑާސް ކޮންފަރެންސް އިންޑިއާގެ އެއާކްރްފާޓް ކެރިއަރުތަކުގައި ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން މަލިކުގައި އަސްކަރީ އަދި މަދަނީ މަތިންދާބޯޓު ޖެއްސޭ ގޮތަށް އަލަށް އެއާސްޓްރިޕެއް އަޅައި އަގައްޓީގައި މިހާރު އޮތް އެއާސްޓްރިޕް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ވެސް ހިންދުސްތާން ޓައިމްސް އިން ބުންޏެވެ.

މިއީ އިންޑޯ-ޕެސިފިކް އަދި ސަރަހައްދުގެ މެރިޓައިމް ސެކިއުރިޓީ ވަރުގަދަކޮށް މިކަމުގައި އިސް ދައުރެއް އަދާކުރުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

އިންޑިއާއިން އަންނަނީ އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސްގައި ވެސް އަސްކަރީ ފެސިލިޓީތައް ގާއިމްކުރަމުންނެވެ. މިއީ ކޮމާޝަލް ޝިޕިން އަށް ރައްކާތެރިކަން ލިބޭނެ އަދި އެ ރަށްތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް ވެސް ލިބޭނެ ބާރަކަށް ވާނެ ކަމަށް އިންޑިއާއިން ދެކެ އެވެ.