Roadha Mihaaru
އައްޑޫން ފްލެޓް ލިބުނު މީހުންނަށް ސޮއިކުރަން މުހުލަތެއް

އައްޑޫން ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރަން މުހުލަތެއް ދީފި

27 ފެބުރުއަރީ 2020

އައްޑޫގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ފްލެޓްގެ އެއްބަސްވުމުގައި ސޮއިނުކޮށް ތިބި މީހުންނަށް މުހުލަތެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ސޮއިނުކުރާ ނަމަ ފްލެޓްތައް ކެންސަލްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ފްލެޓްގެ އެއްބަސްވުމުގައި ސޮއިނުކޮށް ތިބި މީހުންނަށް މުހުލަތެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ސޮއިނުކުރާ ނަމަ ފްލެޓްތައް ކެންސަލްކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހިތަދު އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް އެއްބަސްވުމުގައި ސޮއިނުކުރާ ކަމަށެވެ. އެހެންވެ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސޮއިކުރަން ވަނީ މުހުލަތެއް ދީފަ އެވެ.

ކައުންސިލުން ބުނީ އެ މުއްދަތު ހަމަވާ އިރު، އެއްބަސްވުމުގައި ސޮއިނުކުރާ މީހުންގެ ފުލެޓްތައް ކެންސަލްކޮށް، ފްލެޓް ލިސްޓުން ނަން ވެސް އުނިކުރަން ނިންމާފައިވާ ކަމަށެވެ. މި ގޮތަށް ނިންމީ ފްލެޓްތައް ވީހާ ވެސް އަވަހަކަށް ހަވާލުކޮށް ނިންމަން ބޭނުންވާތީ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހިތަދޫގައި އިމާރާތްކުރި 264 ފްލެޓާއި ހުޅުދޫގައި އިމާރާތްކުރި 48 ފްލެޓްގެ ތެރެއިން ފުރަތަމަ ދޫކުރަން ނިންމި ފްލެޓްތަކަށް ކުރިމަތިލި މީހުންގެ މެދުގައި ގުރުލައި، ފްލެޓްތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރުގެ މަސައްކަތް ކައުންސިލުން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގަ އެވެ.

އޭރު ކައުންސިލުން ބުނެފައި ވަނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް ވެސް ހަވާލުކޮށް ނިންމުން ކަމަށެވެ.

ހިތަދޫގެ ފްލެޓްތަކެއް. ފޮޓޯ/ މުހައްމަދު ޝުޖާއު.

ހިތަދޫގެ ފްލެޓްތަކެއް. ފޮޓޯ/ މުހައްމަދު ޝުޖާއު.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން އިމާރާތްކުރި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. އަދި ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ހަލާސްވަންދެން 20 އަހަރު ވަންދެން މަހަކު 3،000ރ. ދައްކަން ޖެހެ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި 1،500 ހައުސިން ޔުނިޓް އަޅަން ވެސް ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިން ޔުނިޓް އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން އަޅާނީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމް އަދި ބަދިގެ ހިމެނޭ ހައުސިން ޔުނިޓްތަކެއް ކަމަށެވެ.