Roadha Mihaaru
ބިދޭސީން ރަޖިސްޓްރީކުރުން ގަލޮޅު ދަނޑަށް ބަދަލުކުރަނީ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރަނީ

01 އޮކްޓޯބަރ 2019

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކޮށް ގަވައިދަށް ފެއްތުމަށް ކުރަންޖެހޭ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކޮށް ގަވައިދަށް ފެއްތުމަށް ކުރަންޖެހޭ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ބައްދަލުކުރެއްވި އެވެ.

މި މަޝްވަރާތައް ފެށީ ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލުމާ އެކު ގިނަ އަދަދެއްގެ ބިދޭސީން، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އޮފީސް ސަރަހައްދުގައި ކިޔޫގައި ކޮޅަށް ތިބެން ޖެހޭތީ ކަމަށް މަހުލޫފް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.

މަހްލޫފް ފޭސްބުކްގައި ކުރެއްވި ޕޯސްޓް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެ، މިކަމަށް ހައްލެއް ހޯދަން، ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދިނުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި، މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ބަންގްލަދޭޝްގެ އެތަައް ސަތޭކަ ބަޔަކު ކިޔު ޖެހެ އެވެ. ކޮންމެ ދުވަހަކު ދޫކުރަނީ 150 ނަންބަރެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ވާން ސަރުކާރުން ދިނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ. ގަވައިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަސް ދެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 މީހުން އުޅޭ ކަމަށް ލަފާ ކުރެ އެވެ.