Roadha Mihaaru
މަރާލާ ކޮންމެ ތިން ބުޅަލަށް 100ރ.!

މަރާލާ ކޮންމެ ތިން ބުޅަލަށް 100ރ.!

02 އޮކްޓޯބަރ 2019

ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވެގެން، އެ މައްސަލަ އަށް ހައްލު ގެނައުމަށް ޓަކައި، މަރާލާ ކޮންމެ ތިން ބުޅަލަށް 100ރ. ދޭން އުނގޫފާރު ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވެގެން، އެ މައްސަލަ އަށް ހައްލު ގެނައުމަށް ޓަކައި، މަރާލާ ކޮންމެ ތިން ބުޅަލަށް 100ރ. ދޭން އުނގޫފާރު ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލްގެ މެމްބަރު ހުސެއިން އާސިފް ވިދާޅުވީ ރަށުގައި އާދަޔާ ހިލާފަށް ބުޅާ ގިނަވެގެން ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެހެން ފަރާތްތަކާ ވެސް މަޝްވަރާކުރުމަށް ފަހު އެކަން ހައްލުކުރަން ގޮތްތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރާލާ ކޮންމެ ތިން ބުޅަލަށް 100ރ. ދޭނީ، އެ މެރުމަށްފަހު ކައުންސިލާ ހަވާލުކުރުމުންނެވެ. އެގޮތުން މަރާލާ ބުޅާ ބަލައިގަތުން ހެނދުނު 8:30 އިން 11:00 އަށް ވަނީ ހަމަޖައްސައިފަ އެވެ.

ބުޅާ މަދުކުުރުމުގެ އެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ.

"ބުޅަލުގެ ސަބަބުން މީހުންނަށް ނިދަންް އުނދަގޫވުމާއި ގޭގޭގެ ފުރާޅުން ފެން ނެގުމަށް ދަތިތަކާ ކުރިމަތިވާތީ ވަރަށް ބޮޑަށް ޝަކުވާ ލިބޭ. އެކަން ހައްލުކުރަން މީގެ ބޭނުމަކީ. މިކަން ރަނގަޅަށް ގެންދެވޭނެ ގޮތަކީ ފައިސާދީގެން ކަމަށް ވާތީ އެކަން މި ކުރަނީ،" އާސިފް ވިދާޅުވި އެވެ.

އުނގޫފާރުގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ބުޅާ އުޅެ އެވެ. ނަމަވެސް މިހާރު އާދަޔާ ހިލާފަށް ބުޅާ ގިނަވީ ރާއްޖެއިން ބޭރުން ބުޅާ ގެނެސް އެ އެއްޗެހި ރަށުތެރެއަށް ދޫކޮށްލާތީ އެވެ.