Roadha Mihaaru
ކާޑުގެ ސަބްސިޑީ ފައިސާ އުނގޫފާރު ކައުންސިލުން ދެނީ

ކާޑުގެ ސަބްސިޑީ ފައިސާ އުނގޫފާރު ކައުންސިލުން ދެނީ

05 އޮކްޓޯބަރ 2016

ކާޑުގެ ބާވަތްތަކުން ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭން ސަރުކާރުން ނިންމުމުން، ގިނަ ބަޔަކަށް އޭގެ ދަތިކަން ފޯރާކަމަށް ބުނެ އުނގޫފާރު ކައުންސިލުން އެ ރަށުގެ ހުރިހާ އެންމެންނަށް ކާޑުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކާޑުގެ ބާވަތްތަކުން ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭން ސަރުކާރުން ނިންމުމުން، ގިނަ ބަޔަކަށް އޭގެ ދަތިކަން ފޯރާކަމަށް ބުނެ އުނގޫފާރު ކައުންސިލުން އެ ރަށުގެ ހުރިހާ އެންމެންނަށް ކާޑުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.

އެމްޑީޕީގެ މެމްބަރުން ގިނަ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފާސްކުރި ގޮތުގައި މި މަހު އެކަކުން ފެށިގެން އެ ރަށުގެ ކޮންމެ ރައްޔިތަކަށް ކާޑުގެ ސަބްސިޑީގެ ގޮތުގައި މަހަކު 40 ރުފިޔާ ލިބޭނެ އެވެ. މިއީ އާބާދީގައި 1،652 މީހުން ދިރިއުޅޭ އެ ރަށުގައި މަހަކަށް ބަލާ ނަމަ 66،000ރ. އަށް ވުރެ ބޮޑު އަދަދެކެވެ.

ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައިވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240 ރުފިޔާ އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެވެ.

އުނގޫފާރު ކައުންސިލްގައި މިހާރު ތިބެނީ އެމްޑީޕީ ދެ މެމްބަރުންނާއި ޕީޕީއެމް އަދި ޖޭޕީގެ މެމްބަރެކެވެ. ކައުންސިލްގައި ކުރިން ހިމެނުނު ޕީޕީއެމް މެމްބަރަކު އިސްތިއުފާ ދެއްވި ފަހުން ކައުންސިލް ހިންގަމުން އަންނަނީ ހަތަރު މެމްބަރުންނާ އެކުގަ އެވެ.

ކައުންސިލްގެ އެމްޑީޕީ މެމްބަރު ތޯހާ ހުސެން ވިދާޅުވީ ސަރުކާރުން ކުއްލިއަކަށް ގެނައި މި ބަދަލުގެ ސަބަބުން އެ ރަށުގެ ގިނަ ބަޔަކަށް ދަތިވި ކަމަށެވެ. އެހެންވެ، "ސަރުކާރުން ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދައިދެން ދެން" ކައުންސިލުން އެހީވާން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް އެ ފައިސާ ދޭނެ ގޮތެއް ކައުންސިލަކުން އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު ތޯހާ ވިދާޅުވި ގޮތުގައި ގޭބިސީއެއްގައި މީހުން އުޅޭ އަދަދު ބަލާފައި ކޮންމެ މަހަކު ވެސް އެގެއަކަށް ވާވަރަށް ފައިސާ ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.

"ސަރުކާރުގެ ނިންމުން އަޅުގަނޑުމެން ކުށްވެރިކުރަން. މިއީ ގިނަ ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހުނު ނިންމުމެއް،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޅާ ދާއިރާއެއްގައި އެ ރަށު ކައުންސިލުން ވިޔަފާރިކޮށް، ފައިސާ ހޯދަމުން އަންނައިރު، މި ފަދަ ދަނޑިވަޅެއްގައި އެ ފައިސާ ރައްޔިތުންނަށް ބެހުން ހައްގުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކައުންސިލަށް ފައިސާ ލިބޭ. އެކަމަކު މިއީ ރައްޔިތުންގެ ފައިސާ. އެހެންވެ، އަޅުގަނޑުމެން ދެކޭ ގޮތުގައި މި ފައިސާ މި ދަނޑިވަޅު ރައްޔިތުންނަށް ބޭނުންވާނެ،" ތޯހާ ވިދާޅުވި އެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މާލެ އާއި އެކި ރަށްރަށުގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން އެކަމާ ދެކޮޅަށް އައްޑު އާއި މާލޭގައި މުޒާހަރާކޮށްފައިވާއިރު އިއްޔެ ވަނީ ޏ. ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ ފިހާރައެއް ބަންދުކޮށް، އެތަނުގައި ބަޔަކު އަޑު އުފުލާފަ އެވެ. އަދި މިކަމާ ދެކޮޅަށް، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ބޮޑު އެއްވުމެއް މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.