Roadha Mihaaru
ބިދޭސީ މީހާގެ 60 ޕަސެންޓް ވަނީ ފިހިފައި

ބިދޭސީ މީހާގެ 60 ޕަސެންޓް ވަނީ ފިހިފައި، އިތުރު ފަރުވާއަށް މާލެ ގެނެސްފި

11 ޖޫން 2018

ރ. އުނގޫފާރުގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި ދެ މީހުންގެ ތެރެއިން ބިދޭސީ މީހާގެ ހަށިގަނޑުގެ 60 ޕަސެންޓް ފިހިފައިވާ ކަމަށާއި އިތުރު ފަރުވާއަށް ރޭ މާލެ ފޮނުވާފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރ. އުނގޫފާރުގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި ދެ މީހުންގެ ތެރެއިން ބިދޭސީ މީހާގެ ހަށިގަނޑުގެ 60 ޕަސެންޓް ފިހިފައިވާ ކަމަށާއި އިތުރު ފަރުވާއަށް ރޭ މާލެ ފޮނުވާފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

"ހޯކްސް"ގެ ތެޔޮ ބޯޓްގައި ރޯވީ ޕަންޕް ނިވާލުމުގެ ތެރޭގައި ކަމަށް، ބައެއް މީހުން ބުނެ އެވެ. އޭރު އެބޯޓްގައި ތިބީ ދިވެއްސަކާއި ސްރީ ލަންކާ މީހެކެވެ. އޭގެ ތެރެއިން ދިވެހި މީހާއަށް ބޮޑު އަނިޔާއެއް ނުވެ އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އެކްޓިން އިންފޮމޭޝަން އޮފިސަރު، ޝީލާ އިބްރާހިމް ވިދާޅުވީ ލަންކާ މީހާ ވަރަށް ބޮޑަށް ފިހިފައިވާތީ، އިތުރު ފަރުވާއަށް ސީ އެމްބިއުލާންސްގައި ރޭ އޭނާ މާލެ ފޮނުވާލި ކަމަށެވެ. އެކަމަކު އޭނާގެ ހާލު އެހޭ ގޯސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، އޭނާގެ ދެ އަތާއި ދެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަދި ލައިގެން ހުރި ޓީޝާޓު ވެސް ވަނީ އަނދައިފަ އެވެ.

"ބިދޭސީ މީހާ ގެނައިއިރު ކްރިޓިކަލް. އެކަމަކު އަޅުގަނޑުމެން މާލެ ފޮނުވާލީ ފަރުވާ ދީ ހަމަޖައްސާފައި،" ޝީލާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން މިހާރު އޭނާއަށް ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ބޯޓުގައި ހުރި ދިވެހި ފަޅުވެރިޔާއަށް އަނިޔާވީ ޕަންޕްގައި ރޯވި ވަގުތު ވިއްސައިގެން ދިޔަ އެއްޗަކުން ޖެހިގެން ކަމަށްވެ އެވެ. އޭނާއަށް ފަރުވާ ދީި ރޭ ވަނީ ދޫކޮށްލާފަ އެވެ.

ދަދަނގަޑާއި ފައިބަރުން ހަދާފައިވާ ބޯޓަށް މި ހާދިސާގައި މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.