Roadha Mihaaru
އަފްރާޝީމް މަރުގެ އަޑީގައި ތިބި މީހުން ހާމަކުރަނީ

އަފްރާޝީމްގެ މަރުގެ އަޑީގައި ތިބި މީހުންގެ ތަފްސީލް ހާމަކުރަނީ

02 އޮކްޓޯބަރ 2019

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުންގެ ތަފްސީލުތައް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް، މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. އެ މަރަށް މިއަދު ހަތް އަހަރު ވެގެން ދިޔައިރު ވެސް އެކަމުގެ އަޑީގައި ތިބި މީހުން ހޯދިފައެއް ނުވެ އެވެ. ފުލުހުން ވެސް މިހާތަނަށް ދީފައިވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މައުލޫމާތެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާއިންސާނީ އެ އަމަލު ހިންގި މީހުންނާއި އެކަން ރޭވި މީހުންގެ މައުލޫމާތުތައް ހަފުތާއެއްގެ ތެރޭގައި އާއްމުކުރައްވާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުތަކުން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދެން ވެސް އިންސާފު ލިބިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އަފްރާޝިމްގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

އަފްރާޝީމްގެ ބޭބެ އަބްދުއްނާސިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މިހާތަނަށް ހިންގީ ނަތީޖާއެއް ނެތް ތަހުގީގުތަކެއް ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަން އޭރު ފުލުހުން އާއްމުކުރި އިރު އެއީ ކޮން ބައެއްތޯ މިހާތަނަށް ހޯދިފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާސިރު ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހުން ބަންދުކޮށްގެން އުޅުނަސް އިންސާފު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

"ފައިސާ ހަރަދުކުރި މީހުންނާއި އެކަން ކުރި ސަބަބު ނުހޯދި ވަނީ،" އުނގޫފާރު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާ ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެވެސް ވައުދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން އެ މައްސަލައިގެ ފުނަށް ވާސިލްވާން ކުރާ މަސައްކަތަށް މަރުހަބާ ދަންނަވާ ކަމަށް ނާސިރު ވިދާޅުވި އެވެ. އެކަމަކު އެ ތަހުގީގުން ވެސް އިންސާފަށް ވާސިލްވުން އޮތީ ދުރުގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވި އެވެ