Roadha Mihaaru
އަމީނިއްޔާ ސްކޫލުގެ ބޮޑު ފެއާ ފަށައިފި

ފަންޑު ހޯދަން އަމީނިއްޔާއިން ބާއްވާ ބޮޑު ފެއާ ފަށައިފި

23 ސެޕްޓެމްބަރ 2016

އަމީނިއްޔާ ސްކޫލުގެ ތާރީހުގައި ވެސް ބާއްވާ އެންމެ ބޮޑު ފެއާ ރޭ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލުގެ ތާރީހުގައި ވެސް ބާއްވާ އެންމެ ބޮޑު ފެއާ ރޭ ފަށައިފި އެވެ.

މާދަމާ ރޭގެ ނިޔަލަށް މި ފެއާ ބާއްވަނީ ސްކޫލުގައި ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށެވެ. ރޭ ވެސް 1500އެއްހާ މީހުން އެ ފެއާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އަމީނިއްޔާ ސްކޫލުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ފެއާއިން ބައި މިލިއަން ރުފިޔާ ހޯދުމަކީ އަމާޒެއް ކަމަށާއި އެ އަދަދަށް ފައިސާ ލިބޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

"ވަރަށް އުފާވެރި މަންޒަރެއް މި ފެންނަނީ. ހަފުތާ ބަންދުގައި އާއިލާއާއެކު ޒިޔާރަތްކޮށް ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެބަ ލިބިގެންދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ފެއާގެ ތެރޭގައި ބަހައްޓާފައި ހުރި ސްޓޯލެއްގެ ކުޅިވަރުތަކެއްގައި ކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އާސިމާ ނިޒާރު\ މިހާރު

އަމީނިއްޔާ ސްކޫލުގެ ފެއާގެ ތެރޭގައި ބަހައްޓާފައި ހުރި ސްޓޯލެއްގެ ކުޅިވަރުތަކެއްގައި ކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އާސިމާ ނިޒާރު\ މިހާރު

އެ ސްކޫލުގެ ޕޭރެންޓްސް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން އިސްނަގައިގެން ބާއްވާ "އަމީނީ ފެއާ 2016" ގައި ބިދަބިން ބޮޑުބެރު ގްރޫޕުގެ ލަވަތަކާއި ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވެވޭ ސްޓޯލްތަކާއި ކާ އެއްޗެހި ލިބޭނެ ގޮތްތައް ހަދާފައި ވެ އެވެ. އަދި އެތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތެއް ނަގައި ނަސީބުވެރި އެކަކަށް އިނާމެއް ދޭން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ފެއާ އޮންނަނީ އަމީނިއްޔާ ސްކޫލް ގޯތިތެރޭގަ އެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:00-6:00 އަދި ރޭގަނޑު 8:00-11:00 އަށް ފެއާ ކުރިއަށް ދާއިރު އެތަނަށް ވަދެވޭނީ 10 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ.

އަންނަ އަހަރު 75 އަހަރު ފުރޭ އަމީނިއްޔާ ސްކޫލުގައި މިހާރު 44 ކްލާސްރޫމް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ކްލާސްރޫމްތަކުގައި ޕްރޮޖެކްޓަރާއި ޓީވީ ބަހައްޓާފައިވެ އެވެ. އަމީނިއްޔާ ސްކޫލުގައި ދެ ދަންފަޅިއަށް 1780 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.