Roadha Mihaaru
ހަޒާޑްގެ ފުރަތަމަ ގޯލާ އެކު ޒިދާނަށް ހިތްހަމަޖެހުން

ހަޒާޑްގެ ފުރަތަމަ ގޯލާ އެކު ޒިދާނަށް ހިތްހަމަޖެހުން

06 އޮކްޓޯބަރ 2019

މެޑްރިޑް (އޮކްޓޫބަރު 6) - ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އަތުން 4-2 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެޑެން ހަޒާޑް ރެެއާލަށް ފުރަތަމަ ގޯލު ކާމިޔާބުކުރުމަކީ ލިބުނު ހިތްހަަމަޖެހުމެއް ކަމަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ،

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޫބަރު 6) - ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އަތުން 4-2 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެޑެން ހަޒާޑް ރެެއާލަށް ފުރަތަމަ ގޯލު ކާމިޔާބުކުރުމަކީ ލިބުނު ހިތްހަަމަޖެހުމެއް ކަމަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ،

މި ފަހަރުގެ ޓްރާންސްފާގައި ބޮޑު އަގަކަށް ރެއާލަށް ބަދަލުވެ ހަޒާޑަށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ހަޒާޑަށް ގިނަ އުނދަގޫތަކެއް ދިމާވި ނަމަވެސް ރޭގެ މެޗުގައި އޭނާ ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ޒިދާން ބުނީ އަބަދުވެސް ހަޒާޑަށް އިތުބާރު އޮތް ކަމަށާއި ރޭގެ މެޗަކީ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ ހަޒާޑް މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖަހަން. އޭނަ މެޗަށް ފަހު ހުރީ ހިތްހަމަޖެހިފައި. އެއީ އަހަންނަށް ވެސް ލިބޭ ހިތްހަމަޖެހުމެއް. މިއީ ވަރަށް ގިނަ ގޯލުތަކެއްގެ ފެށުމެއް،" ޒިދާން ބުންޏެވެ.

ރެއާލަށް ރޭގެ މެޗުގެ ފުރަތަމަ މިނިޓްގައި ލީޑުނަގައިިދިނީ ކަރިމް ބެންޒެމާ އެވެ. ރެއާލަށް ލީޑުފުޅާކޮށްދިން ގޯލު ހަޒާޑް ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ރެއާލަށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެކަމަކު އޭގެ ފަހުން އަށް މިނިޓް ތެރޭ ގްރަނާޑާ އިން ދެ ލަނޑު ޖަހައި ރެއާލް ހާސްކޮށްލި އެވެ. ގްރަނާޑާގެ ދެ ގޯލު ކާމިޔާބުކުރީ ޑާވިން މާޗިސް އާއި ޑޮމިންގޯސް ޑުއާޓޭ އެވެ.

ރެއާލަށް ހަމަޖެހުމެއް ލިބުނީ އިތުރު ވަގުތުގައި ހަމޭސް ރޮޑްރިގޭޒް ޖެހި ގޯލުން އެ ޓީމަށް އަލުން ދެ ގޯލުގެ ލީޑެއް ލިބުމުންނެވެ. ހަމޭސްގެ މި ގޯލަކީ 2017 ވަނަ އަހަރުގެ މެއިގެ ފަހުން އޭނާ ރެއާލަށް ޖަހައިދިން ފުރަަތަމަ ގޯލެވެ. އޭނާ މިދިޔަ ދެ ސީޒަން ލޯން އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ ބަޔާން މިއުނިކްގަ އެވެ.

މި މޮޅާ އެކު ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ.