Roadha Mihaaru
ރެއާލް ބަލިވިއިރު ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެއްޖެ

ރެއާލް ބަލިވިއިރު ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެއްޖެ

29 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 29) – ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވި މެޗުގައި އެ ޓީމުގެ ޕްލޭމޭކަރު އެޑެން ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.

މެޑްރިޑް (ނޮވެމްބަރު 29) – ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވި މެޗުގައި އެ ޓީމުގެ ޕްލޭމޭކަރު އެޑެން ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.

އެކަމަކު ކޯޗު ޒައިނުއްދީން ޒިދާން ވަނީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ބެލެވޭ ކަމަށް މެޗަށް ފަހު ބުނެފަ އެވެ. ޗެލްސީ ދޫކޮށް މިދިޔަ ސީޒަނުގައި 100 މިލިއަން ޔޫރޯ އަށް ރެއާލާ ގުޅުނު ހަޒާޑަށް މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން އެކަށޭނެ ކުޅުމެއް ނުދެއްކުނެވެ. މި ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލުނެވެ. އޭގެ ފަހުން ކޮވިޑަށް ޕޮޒިޓިވުމުން ވެސް ނުކުޅެ ހުންނަން ޖެހުނެވެ.

ހަޒާޑް ފޮނުވާލި ޝޮޓެއް ގޯލްކީޕަރު މަތަކޮށް ފޮނުވާލުމުން ރީބައުންސްގައި ޖަހަން އުޅެނިކޮށް ޑިފެންޑަރެއްގެ ހަމަލައެއް، ވާތު ކަކުލަށް އަމާޒުވީ އެވެ. ޕެނަލްޓީއަކަށް އެޕީލްކުރި ފައުލަކަށް ފަހު ލިބުނު އަނިޔާއާ ގުޅިގެން 28 ވަނަ މިނެޓުގައި އޭނާ ބާލައި ރޮޑްރީގޯ އެރުވި އެވެ.

"އަހަންނަށް ހީވަނީ އަދި އަހަރެމެން އުއްމީދުކުރަނީ އެއީ އާދައިގެ ކަމެއް ކަމަށް. އެއީ އޭނާ ބުނި ގޮތަކީ،" ޒިދާން ބުންޏެވެ.

ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލޫކަސް ޕެރޭޒް، އަލަވެސް އަށް ކުރި ހޯދައިދިނެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 49 ވަނަ މިނެޓުގައި ޖެހީ ޖޮސެލޫ އެވެ. ރެއާލުގެ ހަމައެކަނި ގޯލް 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަސެމިރޯ އެވެ.

މި ނަތީޖާއާ އެކު ރެއާލް އޮތީ 17 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ރޭ ވެލެންސިއާ އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. ބާސެލޯނާ އޮތީ 11 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. މިރޭ އެ ޓީމު އަމިއްލަ ދަނޑުގައި އޮސަސޫނާއާ ވާދަކުރާނެ އެވެ.