Roadha Mihaaru
ބާރަށުން ރުއް ނެގުން ހުއްޓާލަން އީޕީއޭ އިން އަންގައިފި

ބާރަށުން ރުއްގަސް ނެގުން ހުއްޓާލަން އީޕީއޭ އިން އަންގައިފި

20 އޮކްޓޯބަރ 2019

ހއ. ބާރަށުން ރުއްގަސް ނަގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ވާތީ، އެ މައްސަލަ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލައި ނިމެންދެން އެކަން ހުއްޓާލަން އެ އިދާރާ އިން މިރޭ އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހއ. ބާރަށުން ރުއްގަސް ނަގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ވާތީ، އެ މައްސަލަ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލައި ނިމެންދެން އެކަން ހުއްޓާލަން އެ އިދާރާ އިން މިރޭ އަންގައިފި އެވެ.

ޓްވިޓާ މެދުވެރިކޮށް އީޕީއޭ އިން ބުނީ، އެ މައްސަލަ އެތަނުން އަންނަނީ ބަލަމުން ކަމަށެވެ. އަދި އެކަމާ މެދު ވަކި ގޮތެއް ނިންމަން ދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލަން، އެ މަސައްކަތް ކުރަމުންދާ ފަރާތަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އުތުރުގެ ތިން ރަށަކުން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތު އީޕީއޭ އަށް މި މަހު ކުރީ ކޮޅު ލިބުމުން، އެތަނުން ބުނީ ހއ. ކެލާ ފިޔަވައި ބާކީ ދެ ރަށުން އެ މަސައްކަތް ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެ އަތޮޅު ބާރަށުން ވެސް ރުއްގަސް ނަގަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް މިދިޔަ ހަފްތާގައި އީޕީއޭ އިން ބުންޏެވެ.

ބާރަށުން ރުއް ނަގަމުން ދިޔައީ އެ ރަށުގައި ހިންގަން ހަމަޖައްސާފައިވާ ދެ މަޝްރޫއަކާ ގުޅިގެން ކަމަށް މި އީޕީއޭ އިން މަހު ކުރީ ކޮޅު ބުންޏެވެ. އެ ރަށުގައި ނަރުދަމާ އާއި ހައުންސިން ޕްރޮޖެކްޓެއް ހިންގުމަށް 2016 އާއި 2017 ގައި ހަދާފައިވާ އީއައިއޭ ބުނާގޮތުން 700 އަށް ވުރެ ގިނަ ރުއްގަސް ނަގަން ޖެހެ އެވެ.

ނަމަވެސް އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އެ ޕްރޮޖެކްޓްތައް ހިންގުމުގެ ހުއްދަ ބާރަށު ކައުންސިލަށް ނުދޭ ކަމަށް ޕްލޭނިން މިނިސްޓްރީން އީޕީއޭ އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އެކަން އަލުން ބަލަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން، ބާރަށު ކައުންސިލުން ބުނީ ރުއް ނުއްގެމުގެ މަސައްކަތް އެ ރަށުގައި ކުރިއަށް ގެންދިޔައީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތާ އެއްގޮތަކަށް ކަމަށެވެ. އެ މަސައްކަތް ބާރަށުގައި ކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މި މައްސަލަ އިތުރަށް ބެލުމަށްޓަކައި އީޕީއޭގެ ޓީމެއް މާދަމާ ބާރަށަށް ދާނެ ކަމަށް ވެސް އީޕީއޭ އިން މިރޭ ބުންޏެވެ.