Roadha Mihaaru
އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުވާނެ: މައުމޫން

ކޮމަންވެލްތުން ވަކިވީތީ ހިތާމަކުރަން، އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުކުރެވޭނެ: މައުމޫން

13 އޮކްޓޯބަރ 2016

އެކަހެރި ވުމަކީ މައްސަލަތައް ހައްލުވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެކަހެރި ވުމަކީ މައްސަލަތައް ހައްލުވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުގެ މެމްބަރު ކަމުގައި ރާއްޖެ އޮންނަތާ 34 އަހަރު ފަހުން އެ ޖަމިއްޔާ އިން ވަކިވާން ސަރުކާރުން މިއަދު ނިންމާފައި ވާތީ މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި އެކަހެރިވުމަކީ ގައުމުގެ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް ކަމެއް ނޫން ކަމަށެވެ.

"މީގެ 34 އަހަރު ކުރިން ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ ހެދުމަށް މަސައްކަތްކުރި މީހެއްގެ ގޮތުން، އެ ޖަމިއްޔާ އިން ވަކިވީތީ އަޅުގަނޑު ހިތާމަކުރަން. އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުކުރެވޭނެ،" މައުމޫން ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމަށް މައުމޫން ފާޑު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ގުޅުން ގޯސްވެ، ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައި ވަނިކޮށެވެ. ދެ ބޭފުޅުންގެ ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވި، ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ސަރުކާރުން މިއަދު ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަންޖެހުނީ ރާއްޖޭގެ މަސައްކަތްތައް ކޮމަންވެލްތުން ބަލައިނުގަތުމުން ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖޭގެ ކަންކަމާ ބެހި، ބޭ އިންސާފުން ފިޔަވަޅު އަޅަމުން ދިއުމަކީ ކޮމަންވެލްތުން ވަކިވާން ނިންމަން ޖެހުނު ސަބަބެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމަންވެލްތުން ބުނެފައިވަނީ އެ ޖަމްއިއްޔާއިން މަސައްކަތް ކުރީ ޑިމޮކްރަސީ ކުރިއަރުވަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އަލުން އެ ޖަމްއިއްޔާގެ މެމްބަރަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.