Roadha Mihaaru
ސޮވްރިން ފަންޑުގައި 181 މިލިއަން ޑޮލަރު

ސޮވެރިން ފަންޑުގައި 181 މިލިއަން ޑޮލަރު

08 އޮކްޓޯބަރ 2019

ސަރުކާރުން ނަގާ ލޯންތަކަށް ފައިސާ ދެއްކުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި (އެސްޑީއެފް) ގައި މިހާރު 181 މިލިއަން ޑޮލަރު ހުރި ކަމަށް ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ނަގާ ލޯންތަކަށް ފައިސާ ދެއްކުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި (އެސްޑީއެފް) ގައި މިހާރު 181 މިލިއަން ޑޮލަރު ހުރި ކަމަށް ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

އަމީރުގެ އެ ތަފުސީލު އައީ، މަޖިލިހުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭނާ އެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، އެ ފަންޑުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުންނާނެ ކަމަށާއި މިހާރު ހުރީ ކިހާ އަދަދެއްގެ ފައިސާތޯ އެވެ.

އަމީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު ފަންޑުގައި ހުރީ ގާތްގަނޑަކަށް 96.3 މިލިއަން ޑޮލަރު ކަމަށެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފަންޑުގައި ހުރި ފައިސާގެ އަދަދު 181 މިލިއަން ޑޮލަރަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި އެސްޑީއެފްގެ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި އެ ބިލްގެ މަސައްކަތް ނިންމައި ވަރަށް އަވަހަށް މަޖިލިހަށް ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އަމީރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެއިޑް ޕެކޭޖުގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ހިމެނޭ އިރު، އޭގެ ބޭނުން ކުރާނީ ދިވެހި ސަރުކާރުން ހިންގާ ބޮޑެތި ޕަބްލިކް ސެކްޓަރުގެ މަޝްރޫއުތަކަށެވެ. އޭގެ އިންޓަރެސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށް ވެސް މިނިސްޓަަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ކްރެޑިޓް ފެސިލިޓީގެ އިތުރުން 200 މިލިއަން ޑޮލަރުގެ ގްރާންޓް އެހީއެއް ވެސް އިންޑިއާ އިން ލިބިފައިވެ އެވެ. އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް އިންޑިއާގެ ރިޒާވް ބޭންކާ އެކު އެމްއެމްއޭ އިން ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭރުގެ ދަރަނި މެނޭޖްކުރަން ކުރީގެ ސަރުކާރުން ފަންޑެއް ހެދީ 2017 ގަ އެވެ. ދައުލަތުގެ ރިޒާވް ފަންޑެއްގެ ގޮތުގައި އުފެއްދި މި ފަންޑަށް އެމްއެމްއޭގެ އެހީއާ އެކު ރާއްޖެ އާއި ބައިނަލްއަގްވާމީ މާކެޓުގެ ފައިނޭންޝަލް އިންސްޓްރޫމެންޓްތަކަށް އިންވެސްޓްކޮށް ފަންޑަށް ފައިސާ އިތުރު ކުރުމަކީ ވެސް އޭރުގެ ސަރުކާރުގެ ވިސްނުމެކެވެ.