Roadha Mihaaru
ސީޕްލޭން ޓާމިނަލްދޭނީ ސަރުކާރުން ނިންމި ގޮތަށް: އަމީރު

ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި ސަރުކާރުގެ ނިންމުން ތަންފީޒުކުރާނަން: އަމީރު

18 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށާއި އެކަން އެގޮތަށް އެމްއޭސިއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ބަދަލުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށާއި އެކަން އެގޮތަށް އެމްއޭސިއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ބަދަލުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތް ޓީއެމްއޭއިން ގަބޫލު ނުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަކީ ޓީއެމްއޭއަށް ގެއްލުން ވާނެ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށް ކަމަށް އަމީރު މިރޭ ވެސް ވިދާޅުވި އެވެ. އަދި އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ. އެއަށް ފަހު ބާކީ އޮންނަ ޖާގަ ދޫކުރާނީ ބިޑް އުސޫލުން މާކެޓްގެ އަގުގައި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ސަރުކާރުން 100 ޕަސެންޓް ޝެއާ ހޯލްޑާ މި ހުށަހަޅަނީ މިގޮތަށް ކުރިއަށް ގެންދާށޭ، އަަޅުގަނޑަށް ހަމަ ޔަގީން އެގޮތަށް ކަން އެކަން ކުރިއަށް ދާނީ. ދެން ހަމަ ކުރީ ސަރުކާރުތަކުގައި ވެސް ކުންފުނިތަކުން ކަންތައް ކޮށްފައި އެހެރީ ހަމަ ސަރުކާރުން އަންގައިގެން. އަޅުގަނޑުމެން އެމްއޭސީއެލްގެ ބޯޑަށް ހުށަހަޅާފައި މިވާ ގޮތަށް އެކަންތައްތައްް ނުކުރެވޭ ނަމަ ހަމަ އަޅުގަނޑުމެން ބޯޑު ބަދަލު ކުރުމުގެ އޮޕްޝަން ވެސް ސަރުކާރަށް އޮންނާނެ،" އަމީރު ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް އަށް ޓީއެމްއޭ ބަދަލުވުމުގެ ކަންތަކުގައި ސަރުކާރުން ހުށަހެޅި ގޮތް ގަބޫލުނުކޮށް އާބިޓްރޭޝަނަށް ދާން އެއްވެސް ފުރުސަތެއް އެކުންފުންޏަށް ނޯންނާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ޓީއެމްއޭއާ އެކު އެމްއޭސީލް އިން ކުރިން ކޮށްފައިވާ ކަމަށް ބުނާ މަޝްވަރާތަކުގެ ވާހަކަ އަމީރު ވިދާޅުވި ގޮތުގައި، އެެ ކުންފުނިން މިހާރު އެ ދައްކަނީ އެކި އެކި މުއައްސަސާތަކުން އެ މައްސަލަ ބަލަމުން އަންނާތީ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް އެ މައްސަލަ ބަލާތީ އެ ފުރުސަތު ޓީއެމްއޭ އިން ބޭނުން ކުރަނީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކޮމިޓީ މަރުހަލާގައި މި މައްސަލަ އޮތީމާ، ޓީއެމްއޭގެ ފަރާތުން ވެސް އަދި އެހެނިހެން އޮޕަރޭޓަރުންގެ ފަރާތުން ވެސް ފުރުސަތު އެބަ އޮވޭ އައިސްފައި އެވާހަކަތައް އިތުރު ފަރާތްތަކާ ދައްކަން. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން މިހާރު އެހެރީ ހުށަހެޅުންތަކެއް ހުށަހަޅާފައި، އެއާ އެއްކޮށްް، އެހެން ފަރާތަކުން އަދި ކޮމިޓީން ވިޔަސް އެ މައްސަލަ ބަލާތީވެ މިވާ ގޮތަކީ އެ އޮޕަރޭޓަރުންނަށް ފުރުސަތު އެބައޮތް އެހެން ދޮރު ތަކުގައި ޓަކި ޖަހަން. އެމީހުންގެ ވާހަކަތައް ދައްކަން،" އޭނާ ވިދާޅުވި އެެވެ.

އަމީރު ވިދާޅުވީ ޓީއެމްއޭ އަށް 31،000 އަކަމީޓަރު ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ނިންމާފައި ކަމަށާއި އެކަން ހުއްޓުވީ މިހާރުގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އެެކަން ހުއްޓުވައި މިހާރު ނިންމާފައި އޮތް ގޮތަށް ނިންމީ ދައުލަތަށް ލިބެން އޮތް އެންމެ ބޮޑު އާމްދަނީ ހޯދުމާ އެކު ސީޕްލޭން އޮޕަރޭޝަނަށް ވެސް ބްރޫ ނާރާނެ ގޮތަށް ވިސްނައިގެން ކަމަށް އަމީރު ވިދާޅުވި އެވެ.

"އެގޮތަށް ސީޕްލޭން ޓާމިނަލް ހިންގީމާ އަޅުގަނޑުމެންނަށް މިފެންނީ ކުރިން އަންދާޒާ ކުރި 5.5 މިލިޔަން ޑޮލަރުގެ ބަދަލުގައި އަހަރަކަށް 33 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިގެންދާނެ ކަމަށް. އަދި އޭގެ ފަހުން، އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގެ އަންދާޒާގައިވާ ގޮތަށް (އަހަރަކަށް) 41 މިލިޔަން ޑޮލަރު ލިބިގެންދާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން މިރޭގެ ބައްދަލުވުމުގައި: ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މި ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުގެ ނިންމުން ތަންފީޒުކުރާނެ ކަމަށް. --ފޮޓޯ:ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން މިރޭގެ ބައްދަލުވުމުގައި: ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މި ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުގެ ނިންމުން ތަންފީޒުކުރާނެ ކަމަށް. --ފޮޓޯ:ނިޝާން އަލީ/މިހާރު

ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދޫކުރާ ޖާގައިން ރިސޯޓްތަކަށް ލައުންޖް ދޫކުރަން އެކުންފުނިން މިހާރުވެސް ކޮންޓްރެކްޓް ހަދާފައި ވާތީ، ބާކީ އޮންނަ ޖާގަ ހިފާނެ ބަޔަކު ވާނެތޯ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އެހެން އޮޕަރޭޓަރުން ދަތުރުކުރާ ރިސޯޓްތަކުން ވެސް ލައުންޖް ހިންގަން ބޭނުންވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ރިސޯޓްތަކުން އެކަމަށް ތައްޔާރަށް އެބަތިބި ކަމަށެވެ.

"މޯލްޑިވިއަން އާއި މަންޓާ އެއާ އަށް ވެސް އެބޭފުޅުންނަށް ވެސް ހަމަ އެބަ ބޭނުންވޭ. ހަމަ ރިސޯޓްތައް އެބަތިބި ކަމަށް އެބޭފުޅުން އަޅުގަނޑުމެން ކައިރީ އެބަ ބުނޭ ތިަމަންނަ މެންނަށް ސީޕްލޭން ޓާމިނަލުން ސްޕޭސް އެގޮތަށް ލިބޭ ނަމަ ރިސޯޓްތަކުން ތައްޔާރަށް ތިބި ކަމަށް،" އޭނާ ވިދާޅުވި އެވެ.

އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތެއް ނެތް

އެމްއޭސީއެލްއާ ޓީއެމްއޭއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކަކީ އެމްއޭސީއެލް އިން ދިން ޔަގީންކަމެއް ކަމަށް ދޭހަވާ ގޮތަށް ޓީއެމްއޭ އިން ކުރިން ވަނީ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކައިފަ އެވެ. އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކުރި މަޝްވަރާތަކުގައި އެއްބަސްވެފައި އޮތީ، އާ ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ ދޭން ކަމަށެވެ.

ޓާމިނަލް ކުއްޔަށް ދިނުމުގެ ކަންތަކުގައި އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ ޓީއެމްއޭ އަށް ބަދަލެއް ދޭން ޖެހުން އެކަށީގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ކުރިން ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމެއް ނެތް ކަމަށާއި އަދި ސަރުކާރުގެ ހުށަހެޅުމަކީ އެންމެންނަށް ވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަަމަށެވެ. އަދި މިއީ އިންވެސްޓަރުންގެ އިތުބާރުވެސް ރާއްޖެއަށް އޮންނާނެ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި އެއްބަސްވެފައިވާ އެއްބަސްވުމެއް އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދުގައި ނެތް. އެހެންވީމާ އާބިޓްރޭޝަނަށް ދާން ޖެހޭ ގްރައުންޑެއް ނެތްކަމަށް އަޅުގަނޑުމެން ސަރުކާރުން ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.