Roadha Mihaaru
ރާޖަޕަކްސާގެ ބޭބެ ނަން އަނބުރާ ގެންދަވައިފި

ގޯޓާބެ އަށް ފުރުސަތު ލިބުމުން ރާޖަޕަކްސާގެ ބޭބެ ނަން އަނބުރާ ގެންދަވައިފި

08 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 8) - ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނަން ހުށަހަޅާފައިވާ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ބޭބެ އަދި އެ ގައުމުގެ ޕާލަމެންޓުގެ ކުރީގެ ރައީސް ޗަނަލް ރާޖަޕަކްސާ ނަން އަނބުރާ ގެންދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 8) - ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނަން ހުށަހަޅާފައިވާ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ބޭބެ އަދި އެ ގައުމުގެ ޕާލަމެންޓުގެ ކުރީގެ ރައީސް ޗަނަލް ރާޖަޕަކްސާ ނަން އަނބުރާ ގެންދަވައިފި އެވެ.

ޑިޕޮސިޓް ފައިސާ ވެސް ދެއްކުމަށް ފަހު ޗަމަލް ނަން އަނބުރާ ގެންދެވީ ރާޖަޕަކްސާގެ ކޮއްކޮ ގޯޓާބޭ ރާޖަޕަކްސާގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން އިއްޔެ ގަބޫލް ކުރުމުންނެވެ.

ރާޖަޕަކްސާގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ކޮއްކޮ ގޯޓާބޭ ރާޖަޕަކްސާ އަށް ފުރުސަތު ލިބިވަޑައިނުގެންފި ނަމަ އެ އާއިލާގެ އެންމެ ދޮށީ ބޭފުޅާ ކަމަށްވާ ޗަމަލް ރާޖަޕަކްސާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމެވެ. ލަންކާ ޕާލަމެންޓުގެ ރައީސްކަން 2010 އިން 2015 އަށް ކުރެއްވި ޗަމަލް ނެރުއްވީ ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

ގޯޓާބޭ އަށް އިންތިޚާބުގައި ވާދަނުކުރެވިދާނެ ކަމަށް ބެލެވުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނާއި އެމެރިކާގެ ރަށްވެހިކަމުގެ މައްސަލައާ ގުޅިގެންނެވެ. ގޯޓާބޭގެ އެމެރިކާ ރަށްވެހިކަން ވަނީ އެޕްރީލް މަހު ދޫކޮށްލައްވައިފަ އެވެ. ރަށްވެހިކަމާ މެދު ގޯޓާބޭއާ ދެކޮޅަށް އިސްތިއުނާފް ކޯޓަށް މި މަހު ހުށަހެޅި މައްސަލައެއް ވެސް ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ބާރުގަދަ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ގޯޓާބޭގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރި ނަމަވެސް ނޮވެމްބަރު 16 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ އެންމެ ކުރީގައި އުޅުއްވާ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.