Roadha Mihaaru
"ދަތިކަމެއް ނެތި މިހާރު ފިޔާ އެތެރެ ކުރެވޭނެ"

އެއްވެސް ދަތިކަމެއް ނެތި އިންޑިއާ އިން ފިޔާ އެތެރެކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން އަނެއްކާ ވެސް ބުނެފި

10 އޮކްޓޯބަރ 2019

އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން އަނެއްކާ ވެސް ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން އަނެއްކާ ވެސް ބުނެފި އެވެ.

އިންޑިޔާގެ ސަޕްލަޔަރުން ފިޔާ ވިއްކުން ހުއްޓާލުމުން ރާއްޖޭގެ ބާޒާރުން ގާތްގަނޑަކަށް ފިޔާ ވަނީ ހުސްވެފަ އެވެ. ރާއްޖެ އަށް ފިޔާ އެތެރެ ކުރާ ބޮޑެތި ކުންފުނިތަކުން މިއަދު ބުނެފައި ވަނީ އިންޑިއާ އިން ފިޔާ ނުލިބޭ ކަމަށެވެ.

އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެ ގައުމުގައި އުފައްދާ 35 ޕަސެންޓް ފިޔާ ދަނޑުތައް އެއްކޮށް ވަނީ ހަލާކުވެފަ އެވެ. އެންމެ ގިނައިން އިންޑިޔާގައި ފިޔާ އުފައްދަނީ މަހާރަޝްތްރާ އާއި ކަރްނާޓަކާގަ އެވެ. މި ދެ ސްޓޭޓަށް ވެސް މިދިޔަ އޮގަސްޓް މަހު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި އެވެ. އެއާއެކު އެ ގައުމުން ފިޔާ އެކްސްޕޯޓް ކުރުން މެދު ކެނޑުނެވެ.

މިކަމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ އިންޑިއާ އިން ފިޔާ ގެނައުމުގައި ދިވެހި ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް ހައްލު ކޮށްފައިވާ ކަމަށެވެ. އަދި ދަތިކަމެއް ނެތި މިހާރު އެ ގައުމުން ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެކަމަކު، އެކަން ހައްލު ކުރި ގޮތާއި ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެކުރުމުގެ އިންތިޒާމު ހަމަޖެއްސި ގޮތުގެ އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީން އާންމެއް ނުކުރެ އެވެ.

ކުރިން ވެސް އެ މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެ ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މިނިސްޓްރީން އެހެން ބުނި ފަހުން ވެސް މައްސަލަ ހައްލުވި ތަނެއް ނުފެނުނެވެ.

ފިޔާ އެތެރެ ނުކުރެވި އޭގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ފިޔާ ބަސްތާއެއްގެ އަގު މާލޭގެ ބާޒާރުގައި ވަނީ 1،000ރ. އަށް އަރައިފަ އެވެ. ކިލޯއެއްގެ އަގު 50ރ. އަށް ވުރެ ބޮޑެވެ.

އިންޑިއާ އަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ.