Roadha Mihaaru
ޔޫރޯ އަށް ކޮލިފައިވި ފުރަތަަމަ ޓީމަކީ ބެލްޖިއަމް

ޔޫރޯ އަށް ކޮލިފައިވި ފުރަތަަމަ ޓީމަކީ ބެލްޖިއަމް

11 އޮކްޓޯބަރ 2019

ބްރުސެލްސް (އޮކްޓޫބަރު 11) - ޔޫރޯ ކޮލިފައިންގައި ރޭ ސެން މެރީނޯ އަތުން 9-0 އިން މޮޅުވެ މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ބެލްޖިއަމް ވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް (އޮކްޓޫބަރު 11) - ޔޫރޯ ކޮލިފައިންގައި ރޭ ސެން މެރީނޯ އަތުން 9-0 އިން މޮޅުވެ މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ބެލްޖިއަމް ވެއްޖެ އެވެ.

ބާކީ ނުކުޅެ ތިން މެޗު އޮއްވައި ބެލްޖިއަމް މުބާރާތަށް ކޮލިފައިވީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓް ހަމަކޮށްގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސީދާ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް އައި އިން ބެލްޖިއަމްގެ އިތުރުން ދެން ކޮލިފައިވުމުގެ ފުރުސަތު ބޮޑީ ރަޝިއާ އަށެވެ. ރޭ ސްކޮޓްލެންޑް އަތުން 4-0 އިން މޮޅުވި ރަޝިއާ އަށް ހަތް މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ.

ސެން މެރީނޯ ކޮޅަށް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ދެ ގޯލް ޖެހިއިރު އެހެން ގޯލްތައް ޖެހީ ނާސެރް ޗަޑްލީ، ޓޯބީ އަލްޑަވެއިރަލްޑް، ޔޫރީ ޓިއެލެމަންސް، ކްރިސްޓިއަން ބެންޓެކޭ، ޔެރީ ވެސްޝައެރަން އަދި ޓިމޮތީ ކަސްޓާންޔޭ އެވެ. ސެން މެރީނޯގެ ކްރިސްޓިއަން ބްރޮލީ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަނެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ރޭގެ މެޗަށް ފަހު ބުނީ މުބާރާތަށް ކޮލިފައިވީ ނަމަވެސް ދެން އޮތް މެޗުތަކުގައި ފަރުވާކުޑަނުކޮށްލާނެ ކަމަށާއި މުބާރާތަށް ދާން ބޭނުމީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކަމަށެވެ.

މެދުކެނޑުމަކަށް ފަހު ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކަށް ކޮލިފައިވުމަށް މަސައްކަތްކުރަމުން އަންނަ ނެދަލެންޑްސް އިން ވަނީ ރޭ ކުޅުނު މެޗުގައި ފަހު ވަގުތު ފަހަތުން އަރައި ނޮދަން އަޔަލެންޑްގެ މައްޗަށް 3-1 އިން ކުރިހޯދައި ކޮލިފައިވުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ.

ރޭގެ މޮޅާ އެކު ނެދަލެންޑްސް ވަނީ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މި ގްރޫޕްގެ އެއް ވަަނައިގައި އޮތް ނެދަލެންޑްސް އާއި ދެ ވަނައިގައި އޮތް ޖަރުމަނާއި ތިން ވަނައިގައި އޮތް ނޮދަން އަޔަލެންޑަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ނޮދަން އަޔަލެންޑްގެ ޑޭވިޑް މެގަނިސް މެޗުގެ 75 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނުމުން ނެދަލެންޑްސް ހާސްވި އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން މެމްފިސް ޑިޕާއި ވަނީ ނެދަލެންޑްސް އަށް އެއްވަރުކޮށްދީފަ އެވެ. ނެދަލެންޑްސް މޮޅުވީ އިތުރު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. ލީޑުނަގައިދިން ލަނޑު ޖެހީ ލޫކް ޑި ޔޯން އެވެ. މިއީ އޭނާ ދެ އަހަރު ތެރޭ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ފަހު ގޯލު ޖެހީ ޑިޕާއި އެވެ،

ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ ރޭ ކުޅުނު މެޗުން ވަނީ 3-0 އިން ހަންގޭރީ ބަލިކޮށްފަ އެވެ. ކޮލިފައިން ގްރޫޕް އީގެ އެއް ވަނައިގައި އޮތް ކްރޮއޭޝިއާ މުބާރާތަށް ކޮލިފައިވާން ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.