Roadha Mihaaru
ފަސް އަހަރަށް ފަހު ނެދަލެންޑްސް ބޮޑު މުބާރާތަކަށް

ފަސް އަހަރަށް ފަހު ނެދަލެންޑްސް ބޮޑު މުބާރާތަކަށް

17 ނޮވެމްބަރ 2019

ބެލްފާސްޓް (ނޮވެމްބަރު 17) - ޔޫރޯ ކޮލިފައިންގައި ރޭ ރަށުންބޭރުގައި ނޮދަން އަޔަލެންޑްސްއާ 0-0 އިން އެއްވަރުކޮށް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް އިން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެލްފާސްޓް (ނޮވެމްބަރު 17) - ޔޫރޯ ކޮލިފައިންގައި ރޭ ރަށުންބޭރުގައި ނޮދަން އަޔަލެންޑްސްއާ 0-0 އިން އެއްވަރުކޮށް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް އިން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

ނެދަލެންޑްސް އިން އެންމެ ފަހުން ވާދަކުރި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކީ 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް އެވެ. އޭގެ ފަހުން 2016 ވަނަ އަަހަރު ފްރާންސްގައި ކުރިއަށްދިޔަ ޔޫރޯ އާއި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެ ޓީމު ނުކުޅެ އެވެ. އެކަމަކު މިދިިޔަ އަހަރު ޔުއެފާ އިން އަލަށް ފެށި ނޭޝަންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސް އިން ވާދަކުރި އެވެ.

މިދިޔަ އަހަރު ކުރީކޮޅުގައި ނެދަލެންޑްސްގެ ކޯޗުކަމާ ރޮނާލްޑް ކޫމަން ހަވާލުވި ފަހުން އެ ޓީމު އަންނަނީ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ. ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ މިއީ އެ ގައުމުގެ ފުޓްބޯޅަ އަށް ސަޕޯޓްކުރާ ހުރިހާ ފަރާތަކަށް ދެވުނު ހަދިޔާއެއް ކަމަށެވެ.

"މިއީ މި ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ކަމެއް. މިއީ އަހަރެމެންނާ މެދު އުއްމީދު ކަނޑާނުލައި ތިބި މީހުންނަށް ވެސް ވަރަށް ބޮޑު މޮޅެއް. މިއީ ހުރިހާ ސަޕޯޓަރުންނަށް ހަދިޔާއެއް،" ވެން ޑައިކް ބުންޏެވެ.

ރޭ ބެލަރޫސް އަތުން 4-0 އިން މޮޅުވެ ޖަރުމަނު ވަނީ ކޮލިފައިން ގްރޫޕް ސީގެ އެއް ވަަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނެދަލެންޑްސް އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މި ގްރޫޕުން ޕްލޭއޮފްގެ ޖާގަ ހޯދީ ނޮދަން އަޔަލެންޑް އެވެ.

ޖަރުމަނު ރޭ ކުޅުނު މެޗުގައި ބެލަރޫސް ކޮޅަށް ލަނޑުތައް ޖެހީ މަތައިސް ގިންޓާ، ލެއޯން ގޮރެޓްޒްކާ އަދި ދެ ގޯލު ޖެހި ޓޯނީ ކްރޫސް އެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރަށުންބޭރުގައި ބެލްޖިއަމުން ވަނީ 4-1 އިން ރަޝިއާ ބަލިކޮށްފަ އެވެ. ސްލޮވާކިއާގެ މައްޗަށް އަމިއްލަ ދަނޑުގައި 3-1 އިން ކްރޮއޭޝިއާ އިން ކުރިހޯދިއިރު، އަޒަރުބައިޖާން އަތުން ވޭލްސް މޮޅުވީ 2-0 އިންނެވެ. އަދި އުނދަގޫ މެޗަކަށް ފަހު ސައިޕްރަސް އަތުން ސްކޮޓްލެންޑް ވަނީ 2-1 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުތަކަށް ފަހު މިހާތަނަށް އަންނަ އަހަރުގެ ޔޫރޯ އިން ވަނީ 16 ޓީމު ޖާގަ ހޯދައިފަ އެވެ. އެއީ މީގެ ކުރިން ފުރުސަތު ހޯދި ސްޕެއިން، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން، ރަޝިއާ އަދި ޗެކް ރިޕަބްލިކް އެވެ. އަދި ރޭގެ މެޗުތަކަށް ފަހު ޖާގަ ލިބުނު ފިންލޭންޑާއި ސްވިޑެން ، ކްރޮއޭޝިއާ، އޮސްޓްރިއާ، ނެދަލެންޑްސް އަދި ޖަރުމަނެވެ.