Roadha Mihaaru
ޖޫންމަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ލިބޭނެ: ނަސީމް

ޖޫން މަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ: މިނިސްޓަރު

17 މާޗް 2021

އަންނަ ޖޫންމަަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ ޖޫންމަަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަަމުން ނަސީމް ވިދާޅުވީ ހުރިހާ ރަަށަކަށް އެމްބިއުލާންސް ހަމަކުރުމަށް އެމްބިއުލާންސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގެންނާނީ އާ އެމްބިއުލާންސެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ކުރެއްވި އެއް ސުވާލަކީ ދެފަހަރެއްގެ މަތިން ރަށްރަށަށް އެމްބިއުލާންސް ފޮނުވި އިރު ވެސް މަކުނުދޫ ދާއިރާގެ ރަށްރަށަށް އެމްބިއުލާންސް ނުލިބުނީ ކީއްވެތޯ އެވެ. އޭނާ އެ ސުވާލު ފޮނުއްވީ ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވި އިރުގަ އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ މިފަހަރު އަންނަ އެމްބިއުލާންސްތައް ފޮނުވާއިރު މަކުނުދޫ ދާއިރާއަށް އިސްކަން ދެއްވާނެ ކަމަށެވެ.

"އެމްބިއުލާންސް ލިބޭނެ. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ އެމްބިއުލާންސް ލިބޭނެކަމަށް ލަފާކޮށްގެން މިއުޅެނީ އޭޕްރިލް މަހުގެ ތެރޭގައި. އަޅުގަނޑުމެން އެބަ ގެންނަން ހަމަ ހުރިހާ ރަށަކަށްވާ ވަރަށް އެމްބިއުލާންްސް. އެހެންވީމާ ދައްޗެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރަށްރަަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުންނެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގައި އަދި އެހެން ޕްރޮގްރާމަކުންނެެވެ. އެކަމަކު އެ ޕްރޮގްރާމާ ބެހޭ ތަފްސީލެއް އޭނާ ނުދެެއްވަ އެެވެ.

އޭނާގެ ޖަވާބަށް ފަހު އިތުރު ސުވާލުކުުރުމަށް ހުޅުވައިލި ވަގުތުގައި ވެސް ގިނަ މެމްބަރުން ތަކުރާރުކޮށް ސުވާލުކުރެއްވީ ދާއިރާތަކުގެ ރަށްތަކަށް އެމްބިއުލާންސް ލިބޭނެ އިރަކާ ބެހޭގޮތުންނެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެމްބިއުލާންސްތައް ދުއްވުމުގައި ޑްރައިވަރުންނަށް ކަންތައް ކުރެވޭ ގޮތަކީ ވެސް އެ އުޅަނދުތައް އަވަހަށް ހަލާކުވާން މެދުވެރިވާ ސަބަބެއް ކަމަށެވެ. އެހެންވެ އެމްބިއުލާންސް ދުއްވާ މީހުން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޖޫން މަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ ކަމަށް ނަސީމް ވިދާޅުވި އިރު، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަަމަވެއްޖެ ކަމަށް 2019 ވަނަ އަހަރު ވެސް ސަރުކާރުން އިއުލާނު ކުރި އެވެ. ޖަޕާން ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސް ތައް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންްތަނާ ހަވާލުކުރަން އޮކްޓޯބަރު 12، 2019 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ދުވަހު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވި ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.