Roadha Mihaaru
ދިމިޝްގުގައި ބަހެއް ގޮއްވާލައި 13 ސިފައިން މަރާލައިފި

ދިމިޝްގުގައި ބަހެއް ގޮއްވާލައި 13 ސިފައިން މަރާލައިފި

20 އޮކްޓޯބަރ 2021

ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ސިފައިންގެ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއް މިއަދު ފަތިހު ގޮއްވާލައި، ސިފައިންގެ 13 މީހަކު މަރާލައިފި އެވެ.

ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ސިފައިންގެ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއް މިއަދު ފަތިހު ގޮއްވާލައި، ސިފައިންގެ 13 މީހަކު މަރާލައިފި އެވެ.

ސީރިޔާގެ ރަސްމީ ޓީވީން މިއަދު ބުނި ގޮތުގައި، ސިފައިން ގޮވައިގެން ދަތުރުކުރި ބަސް ގޮއްވައިލީ، އެ ބަހުގައި ހަރުކޮށްފައި އޮތް، އަމިއްލައަށް ހަދާފައިވާ ދެ ބޮމެއް ގޮއްވާލައިގެންނެވެ. ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ދެ ބޮން ގޮއްވައިލުމުން ބަހުގައި ރޯވެ، މުޅި ބަސް އޮތީ އަނދައިފަ އެވެ.

މި ހާދިސާގައި އިތުރު ތިން މީހަކު ޒަހަމްވެފައިވާ އިރު، އެމީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ސަރުކާރު ޓީވީން ބުނި ގޮތުގައި، ބަސް ގޮއްވައިލީ ދިމިޝްގުގައި އޮންނަ ހާފިޒް އަސަދު ބްރިޖުން ދަތުރު ކުރަނިކޮށެވެ. އެ ސަރަހައްދުގައި ތިން ވަނަ ބޮމެއް ވެސް ބާއްވާފައި އޮތް ކަމަށް ސިފައިން ބުންޏެވެ. ނަމަވެސް ސިފައިންގެ އިންޖިނޭރުން ވަނީ އެ ބޮން ނުގޮވާ ގޮތް ހަދައިފަ އެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމަ އަށް 10 އަހަރު ވެފައިވާ އިރު، ވެރިރަށް ދިމިޝްގުގައި މިފަދަ ހަމަލާއެއް ދިނުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. ދާހިލީ ހަނގުރާމަ ފެށުނީއްސުރެ ސީރިޔާ ސިފައިން އަންނަނީ، ވެރިރަށް ދިމިޝްގުގެ ސަލާމަތީ ކަންތައް ވަރަށް ބޮޑަށް ބަލަހައްޓަމުންނެވެ.

އޮކްޓޫބަރ 20، 2021: ސީރިޔާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި ބަހުގައި ރޯވެ އަނދާފައި. --އޭއެފްޕީ

އޮކްޓޫބަރ 20، 2021: ސީރިޔާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި ބަހުގައި ރޯވެ އަނދާފައި. --އޭއެފްޕީ

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ސީރިޔާގައި މީހުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއްގައި އަލިފާން ރޯވެ އެކަކު މަރުވި އެވެ. ސަރުކާރު ޓީވީން ބުނި ގޮތުގައި ބަހުގައި ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.

ނަމަވެސް އަލްގާއިދާގެ ސީރިޔާ ގޮފި، ހުއްރާސުއްދީންގެ ފަރާތުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެރިރަށް ދިމިޝްގުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި، ދިމިޝްގުގެ މުފްތީ އަދުނާން އަލްއަފިޔޫނީ ވަނީ އަވަހާރަކޮށްލައިފަ އެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށުނީ، މާޗް 15، 2011 ގައި، އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ފެށި މުޒާހަރާތަކާ އެކުގަ އެވެ. މުޒާހަރާތައް އެންމެ ފަހުން ހަތިޔާރުގެ ކުރިމަތިލުންތަކަކަށް ބަދަލުވެ، ވަރުގަދަ ދާހިލީ ހަނގުރާމައަކަށް ބަދަލުވެގެން ދިޔައިރު، ބޭރުގެ ކިތަންމެ ބަޔަކު ދަނީ އެ ހަނގުރާމައިގައި ބައިވެރިވަމުންނެވެ.

ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނެނީ، ފްރީ ސީރިއަން އާމީ ކިޔާ ސުންނީ ހަނގުރާމަވެރިންގެ ޖަމާއަތަކާއި، ޖަބްހަތުއް ނުސްރާ އާއި ތަހުރީރުއް ޝާމް އާއި އަރަބި ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އާއި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ޝާމް ކަރައިގެ ގޮފީގެ ހަނގުރާމަވެރިންނެވެ.

މި ހަނގުރާމައިގައި ސީރިޔާ ސަރުކާރަށް މަދަދު ފޯރުކޮށްދެނީ އީރާނާއި ރަޝިޔާގެ އިތުރުން ލެބަނާންގެ ހިޒްބުﷲ ޖަމާއަތެވެ. އޭގެ އިތުރުން އެމެރިކާގެ 2014 ވަނަ އަހަރު އެމެރިކާ އިން އެކުލަވައިލި ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ ގައުމުތަކުގެ ސިފައިން، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި، ސީރިޔާ ސަރުކާރުގެ ސިފައިންނާ ދެކޮޅަށް އަދި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާ ދިނުމުގައި ބައިވެރިވެ އެވެ.