Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

14 އޮކްޓޯބަރ 2019

އުރަމަތީ ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރަފީ ޓެސްޓުގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އުރަމަތީ ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރަފީ ޓެސްޓުގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

މި ހިދުމަތް ތައާރަފްކޮށްފައި މި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް ދެ އަހަރު ވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޮންކޮލޮޖީ ޑިޕާޓްމެންޓް ހުޅުވީ އޮކްޓޫބަރު 8، 2017 ގަ އެވެ.

މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ.

ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް

މެމޮގްރަފީގެ ހިދުމަތާ އެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓުން ކީމޯތެރަޕީގެ ހިދުމަތް މިހާރު ވެސް ލިބެ އެވެ.

މި މަހަކީ އުރަމަތީ ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ހާއްސަކޮށް މުޅި ދުނިޔޭގައި ފާހަގަކުރާ މަހަކަށް ވުމުން ހުޅުމާލެ ހޮސްޕިޓަލުން އަންނަނީ އެކަމާ ގުޅޭ ހާއްސަ ހަރަކާތެއް ވެސް ހިންގަމުން ނެވެ.