Roadha Mihaaru
ހުސީ، އެތައް މެސެޖެއް ދެމުން ވަޒީފާއާ ދުރަށް!

ހުސީ، އެތައް މެސެޖެއް ދެމުން ވަޒީފާއާ ދުރަށް!

16 އޮކްޓޯބަރ 2019

ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމުން ހުސްނާ މުހައްމަދު (ހުސީ) ރިޓަޔަކުރަން ނިންމުމުން އޮފީހުގެ އެތައް ބަޔަކަށް އެކަން ގަބޫލުކުރަން ދަތިވި އެވެ. އެކަމަކު ކުޅިވަރުގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ހުސީ އެތައް ނަމޫނާއެއް ދެއްކުމަށް ފަހު އަދި ފޭސްބުކުގައި އޭނާގެ މަސައްކަތުގެ ހުލާސާއެއް އާންމުނަށް ދޫކޮށްލާފައި، މިހާރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމުން ހުސްނާ މުހައްމަދު (ހުސީ) ރިޓަޔަކުރަން ނިންމުމުން އޮފީހުގެ އެތައް ބަޔަކަށް އެކަން ގަބޫލުކުރަން ދަތިވި އެވެ. އެކަމަކު ކުޅިވަރުގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ހުސީ އެތައް ނަމޫނާއެއް ދެއްކުމަށް ފަހު އަދި ފޭސްބުކުގައި އޭނާގެ މަސައްކަތުގެ ހުލާސާއެއް އާންމުނަށް ދޫކޮށްލާފައި، މިހާރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.

ކަސްޓަމްސްގައި ހުސީ މަސައްކަތްކުރަން ފެށީ އެންމެ 16 އަހަރުގަ އެވެ. އޭގެ ފަހުން، ވަޒީފާ އިން ވަކިވުމާ ހަމައަށް ވޭތުވި 20 އަހަރަށް ވުރެ ދިގު މުއްދަތުގައި ގަޑިޖެހިފައެއް ނުވެ އެވެ. ސްކޫލް ދައުރުގައި އެއްވެސް ކުޅިވަރެއްގައި އުޅެފައި ނުވިޔަސް، ކަސްޓަމްސް ތަމްސީލްކުރުމުގެ ނިޔަތުގައި އޭނާ ކުޅެން ފެށި ކުޅިވަރުތަކުން، ގައުމީ ފެންވަރުގައި ފާހަގަކުރެވުނެވެ. އެހެންކަމުން މިއީ ހުސީގެ ފަރާތުން ފެންނަން ހުރި ނަމޫނާތަކެވެ.

ހުސީ، 40، މި މަހުގެ ފަސް ވަނަ ދުވަހު ކަސްޓަމްސް އިން ރިޓަޔާކުރީ އާއިލާއަށް ވަގުތު ދިނުމުގެ ބޭނުމުގަ އެވެ.

ހުސީ: ކުޅިވަރުގެ ތެރެއަށް ވަނީ ކަސްޓަމްސް ތަމްސީލްކުރުމުގެ ނިޔަތުގައި

ހުސީ: ކުޅިވަރުގެ ތެރެއަށް ވަނީ ކަސްޓަމްސް ތަމްސީލްކުރުމުގެ ނިޔަތުގައި

"ގިނަ މީހުންނަށް ހީވެފައި އޮންނަނީ ވަޒީފާގައި މަތިވެ، މެރެތަންތަކުގައި ދުވެ، ގައުމީ ޓީމަށް ކުޅޭތީ ހުސީ އުޅެނީ ވަރަށް އީޒީ ލައިފެއްގައޭ. އެކަމަކު ވަރަށް ސްޓްރަގްލް ކުރިން. މި ހުރިހާ ކާމިޔާބީއަކީ ވެސް ވަރަށް ބުރަ މަސައްކަތް،" ދެ ކުދިންގެ މަންމަ ބުންޏެވެ.

އޭނާ ބުނީ ވަރަށް ޅަ އުމުރުގައި ވަޒީފާއަށް ނުކުތީ ވެސް އާއިލާއަށް ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން ކަމަށެވެ. އޯ ލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއަކާ އެކު އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ވެސް އޮތެވެ. ނަމަވެސް އޭނާ ޚިޔާރުކުރީ، ގޭގެ ކުލި ދައްކައި، ދިރިއުޅުމުގައި މަންމައަށް އެހީތެރިވެ، އޭނާގެ ހަގަށް ތިބި ކޮއްކޮމެންނަށްޓަކައި ވަޒީފާއެކެވެ. ހުސީ ބުނި ގޮތުގައި އެތައް ދުވަހެއް ވަންދެން އޭނާގެ މުސާރަ ދިނީ މަންމައަށެވެ. ފަސް ކުދިން ބަލާބޮޑުކުރަން އެކަނިމާއެކަނި މަންމަ އުފުލި ބުރަ އޭނާއަށް ފެނުނެވެ.

ކަސްޓަމްސްގެ ފުރަތަމަ ވަޒީފާ އަކީ، މަހަކު 810ރ އާ އެކު، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ކަސްޓަމްސް އަކީ، ހުސީ ސިފަކުރި ގޮތުގައި، އޭނާގެ "ދެވަނަ ގެ" އެވެ. ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު، ގަޑި ނުޖެހި އަދި ސަލާމް ވެސް ނުބުނެ، އެތައް އަހަރެއް ހޭދަކުރި އެވެ. އެއް ސެކްޝަނުން އަނެއް ސެކްޝަނަށް ބަދަލުވަމުން ގޮސް، ރިޓަޔަކުރި އިރު ކަސްޓަމްސްގެ އެންމެ އިސް އެއް މަގާމާ ހަމައަށް ދެވުނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ (ކ) އަތުން ހުސީ ހަނދާނީ ލިޔުން ހޯދަނީ

ޑިފެންސް މިނިސްޓަރު މާރިޔާ (ކ) އަތުން ހުސީ ހަނދާނީ ލިޔުން ހޯދަނީ

"ފެށުނީއްސުރެ އާދަވެފައި އޮންނަނީ ކޮންމެ ދުވަހަކު ވެސް ގަޑިއަށް އޮފީހަށް ދިޔުމަށް. ތަނުގެ އެންމެންނަށް ވެސް އެނގޭނެ ހުސީ އޮފީހަށް ނައިސް ނުހުންނާނެކަން، ގަޑި ނުޖެހޭނެކަން. ގަޑިޖެހުން ދެން ވަރަށް ހަޑިކަމަކަށް ވެފައި އޮންނަނީ،" ހުސީ ބުންޏެވެ.

އޭނާގެ ކުރިއެރުން އަބަދުވެސް ދެމެހެއްޓި އެވެ. ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރި އެވެ. ގައުމީ ޓީމުން ޖާގަ ލިބޭ ވަރަށް އަންހެން މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއަކަށް އޭނާ ވީ ކަސްޓަމްސް ތަމްސީލްކުރުމުގެ ނިޔަތުގައި ކޯޓަށް ނުކުމެ، ކުރި މަސައްކަތުންނެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން

ކުޑައިރު، ސްކޫލް ދައުރު، ކުޅިވަރު ކުޅުމުގެ ފުރުސަތު ނުލިބުނީ، ހުސީ ބުނި ގޮތުގައި، "އުޅެން ޖެހުނު ދަތި ހާލުގެ ސަބަބުން"ނެވެ. އެކަމަކު ވަޒީފާގެ ބައެއްގެ ގޮތުގައި އޮފީސްތަކުގެ މުބާރާތްތަކުގައި ކަސްޓަމްސް ތަމްސީލްކުރަން ނުކުތް ގޮތަށް އޭނާ ހުއްޓުމެއް ނެތި ހޯދީ ކުރިއެރުމެވެ.

ހުސީ އޭނާގެ އާއިލާއާ އެކު: ކާމިޔާބީތަކުގައި އާއިލާގެ ސަޕޯޓް ބޮޑު

ހުސީ އޭނާގެ އާއިލާއާ އެކު: ކާމިޔާބީތަކުގައި އާއިލާގެ ސަޕޯޓް ބޮޑު

ރާއްޖޭގެ އަންހެން ފުރަތަމަ ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނުނެވެ. ބައިނަލްއަގްވާމީ ގޮތުން އަންހެން ގައުމީ ޓީމަށް މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2016 ގައި ބޭއްވި، ސާބާ ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދުމަކީ، ހުސީގެ ހަޔާތުގައި އަބަދުވެސް ފާހަގަކުރެވޭ ކާމިޔާބީއެކެވެ.

ހުސީ ބުނީ ވަޒީފާގައި ބުރަކޮށް އުޅެމުން، ކުޅުން ކުރިއަށް ގެންދިޔައީ ރޭގަނޑު ކަމަށެވެ. މިހާތަނަށް ކަސްޓަމްސް ބައިވެރިވި އޮފީސްތަކުގެ ހުރިހާ މުބާރާތެއްގައި ވެސް ކުޅެ، ކާމިޔާބި ހޯދި އެވެ.

"އެއް ފަހަރު އަޅުގަނޑު ފިރިމީހާއާ އެކު އިނގިރޭސިވިލާތުގައި ހުއްޓާ އޮފީސް މުބާރާތަށް ކުޅެން ޖެހުމުން، އަމިއްލައަށް ޓިކެޓް ގަނެގެން މާލެ އައިސް މުބާރާތް ކުޅެ، ޗެމްޕިއަންކަން ހޯދާފައި ދިޔައީ. އެހާ ވެސް ޓީމަށް ކުޅެން ބޭނުންވެފައި ހުރީ،" ކަސްޓަމްސް ދެކެ އޭނާގެ ހިތުގައި އޮތް ލޯތްބާއި، އޮފީހަށް ކާމިޔާބު ހޯދައިދޭން އަބަދުވެސް ހިތުގައި އޮތް ނިޔަތުގެ މިސާލެއް ދައްކަމުން، ހުސީ ކިޔައިދިނެވެ.

ބާސްކެޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު ހުސީ ތައްޓާ އެކު --ފޮޓޯ: ނިޝާން އަލީ/ މިހާރު

ބާސްކެޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު ހުސީ ތައްޓާ އެކު --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު ހުސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. މިހާރު އޭނާ ހުރީ އަމިއްލަ އާއިލާއަށް ހުރިހާ ވަގުތެއް ދޭން ތައްޔާރުވެގެންނެވެ.

"ވަޒީފާ އިން ވަކިވާން ނިންމުމަކީ ހަޔާތުގައި ނެގި އެންމެ އުނދަގޫ ނިންމުން،" ހުސީ ބުންޏެވެ.

"ކަސްޓަމްސްގެ ޔުނީފޯމަކީ އަޅުގަނޑަށް ޝަރަފެއް."

ވަޒީފާއިން ރިޓަޔަކުރަން، އަމިއްލަ ނަފުސު ތައްޔާރުކުރުމުގެ ގޮތުން، މިދިއަ ޖުލައި މަހުން ފެށިގެން ހުސީ ހުރީ ޗުއްޓީގަ އެވެ. އެކަމަކު އޭނާގެ އެ ނިންމުން އޮފީހުގެ ގިނަ މީހުންނަށް ޝޮކަކަށް ވި އެވެ.

ހުސީ،  ދިރާގު ރޯޑް ރޭހުގައި 10 ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކުރުމަށް ފަހު މެޑެލްއާ އެކު

ހުސީ، ދިރާގު ރޯޑް ރޭހުގައި 10 ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކުރުމަށް ފަހު މެޑެލްއާ އެކު

''އަބަދުހެން އޮފީހުގައި އުޅޭ މީހަކު ރިޓަޔާ ކުރުން ވީ އެންމެންނަށް ވެސް ލިބުނު ޝޮކެއް. އެކަމަކު ރަނގަޅު ޑެޒިޝަނެއްގެ ގޮތުގައި އެމީހުން ދުށީ،" ހުސީ ބުންޏެވެ.

އޭނާ މިހާރު ގެންދަނީ ހިތްހަމަޖެހުމަށް އެހެން ކަމެއް ކުރަމުންނެވެ: ދުވުމެވެ. ގަވައިދުން ދުވެ، މެރެތަންތަކުގައި ބައިވެރިވެ އެވެ. އެގޮތުން ދާދި ފަހުން ޖަރުމަނުގެ ބޮޑު މެރަތަންއެއް ކަމަށްވާ ބާލިން މެރެތަންގައި ވެސް ދުވި އެވެ.

ގޭތެރޭގެ ޒިންމާއަށް ފަހު، ހަށިގަނޑަށް ހަމަޖެހުން ގެނެސްދިނުމުގައި ދުވުމަކީ، ހުސީގެ ބައިވެރިޔާ އެވެ. އެހެންކަމުން ބިޒީ ވަޒީފާ ދޫކޮށްލިޔަސް ކުޅިވަރުގެ ތެރެއިން އޭނާ ހޯދަމުން އައި އުފާވެރިކަން އަބަދުވެސް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.