Roadha Mihaaru
ޑެޝޯމްޕްސްއާ މެދު ފްރާންސުން ދެ ވަނަ ވިސްނުމަކަށް

ޑެޝޯމްޕްސްއާ މެދު ފްރާންސުން ދެ ވަނަ ވިސްނުމަކަށް

15 އޮކްޓޯބަރ 2019

ޕެރިސް (އޮކްޓޫބަރު 15) - ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދިނުމާ މެދު އެ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އިން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮކްޓޫބަރު 15) - ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދިނުމާ މެދު އެ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އިން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅުނު ޑެޝޯމްޕްސް އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ކުއާޓާ ފައިނަލުން ކެޓުމުން 2016 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޭނާ ބަހައްޓަން ފްރާންސުން ނިންމި އެވެ. އެ މުބާރާތުގެ ފައިނަލުން ޕޯޗުގަލް އަތުން ފްރާންސް ބަލިވި ނަމަވެސް ޑެޝޯމްޕްސް ވަކިނުކޮށް މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ދިނެވެ. އެ ފުރުސަތުގެ ބޭނުންކޮށް ޑެޝޯމްޕްސް ވަނީ 20 އަހަރަށް ފަހު ފްރާންސަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މި އަހަރުގެ އޭޕްރީލް މަހު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލި ގްރައެޓް ވިދާޅުވީ އަންނަ އަހަރުގެ ޔޫރޯ އަށް ފްރާންސް ކޮލިފައިކޮށްދިނުމުން ޑެޝޯމްޕްސްއާ އެކު ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އާ ކުރާނެ ކަމަށެވެ. ޑެޝޯމްޕްސް މި ވަގުތު ފްރާންސްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ނިޔަލަށެވެ.

"ޑިސެމްބަރު މަހު އަހަންނާ ޑެޝޯމްޕްސްއާ މަޝްވަރާކުރާނަން ދެން ކުރިއަށް ދާނެ ގޮތަކާ މެދު. ޔޫރޯ އަށް ކޮލިފައިވީމަ މީގެ ހުރިހާ ކަމެއް ސާފުވާނީ. ޑެޝޯމްޕްސް މަޑުކުރުމުގެ ފުރުސަތު ބޮޑު. އެކަމު ފުރަތަމަ ކަމަކީ ޓީމު ޔޫރޯ އަށް ގެންގޮސްދިނުން،" ލި ގްރައެޓް އޭރު ވިދާޅުވި އެވެ.

ޔޫރޯ ކޮލިފައިން ގްރޫޕް އެޗްގެ އެއް ވަަނައިގައި އޮތް ތުރުކީ އާއި ދެ ވަނައިގައި އޮތް ފްރާންސަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ފަހަކަށް އައިސް ފްރާންސްގެ މެޗުތަކުގައި އެ ޓީމުގެ ކުޅުން ދަށްވުމުން ޑެޝޯމްޕްސް އަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑެޝޯމްޕްސް މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމުން އެހެން ކޯޗަކަށް ވިސްނުމުގެ ފުރުސަތު ބޮޑެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރި ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޒިނެދިން ޒިދާން ގެންނަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވިސްނަ އެވެ.