Roadha Mihaaru
ޑެޝޯމްޕްސް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ކެންޓޮނާއާ ދެކޮޅަށް ޑެޝޯމްޕްސް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

13 ޑިސެމްބަރ 2020

ޕެރިސް (ޑިސެމްބަރު 13) - ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކުޅުންތެރިން ނަގާއިރު ވަކި ނަސްލަކަށް ނިސްބަތްވާ ކުޅުންތެރިން ބާކީކުރާ ކަމަށް ބުނެ ފްރާންސްގެ ކުރީގެ ތަރި އެރިކް ކެންޓޮނާ ތުހުމަތުކުރި މައްސަލަ ޑެޝޯމްޕްސްގެ ފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް އެ ކަން ކޯޓުން ބަލައިދެވެން ނެތް ކަމަށް ބުނެފި އެވެ.

ޕެރިސް (ޑިސެމްބަރު 13) - ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކުޅުންތެރިން ނަގާއިރު ވަކި ނަސްލަކަށް ނިސްބަތްވާ ކުޅުންތެރިން ބާކީކުރާ ކަމަށް ބުނެ ފްރާންސްގެ ކުރީގެ ތަރި އެރިކް ކެންޓޮނާ ތުހުމަތުކުރި މައްސަލަ ޑެޝޯމްޕްސްގެ ފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް އެ ކަން ކޯޓުން ބަލައިދެވެން ނެތް ކަމަށް ބުނެފި އެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޑެޝޯމްޕްސް ސްކޮޑު އެކުލަވާލިއިރު ކަރިމް ބެންޒެމާ އާއި ހަތެމް ބެން އާފާ ފަދަ އެފްރިކާގެ މުސްލިމް ސަރަހައްދުތަކަށް ނިސްބަތްވާ ކުޅުންތެރިން މޮޅަށް ކުޅުނު ނަމަވެސް ފުރުސަތު ނުދޭ މައްސަލައިގައި ކެންޓޮނާ ވަނީ އިނގިރޭސި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޑެޝޯމްޕްސް އަށް ފާޑުކިޔައިފަ އެވެ. ކެންޓޮނާ އޭރު ބުނީ ބެންޒެމާ އަށް ފުރުސަތު ހޯދައިދޭން ޑެޝޯމްޕްސް އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށެވެ.

ޑެޝޯމްޕްސްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ކެންޓޮނާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާ ގޮތަށެވެ. މިދިޔަ ހުކުރު ދުވަހު ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އެއީ އަބުރުގެ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ. ކޯޓުގެ އެ ނިންމުން އެޕީލް ކުރަން ޑެޝޯމްޕްސް އަށް ވަނީ 10 ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ކޯޓުން މައްސަލަ ބަލައިނުގަންނަން ނިންމުމާ އެކު ކެންޓޮނާގެ ވަކީލުން ފްރާންސްގެ މީޑިއާ އަށް އިން އިންޓަވިއުއެއްގައި ބުނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލިބިގެންދިޔަ ކާމިޔާބެއް ކަމަށެވެ.

ބެންޒެމާ އަކީ އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި ބެން އާފާ ނިސްބަތްވަނީ ޓިއުނީޝިއާގެ އާއިލާ އަކަށެވެ. ބެން އާފާ އާއި ބެންޒެމާ ވަނީ ފްރާންސްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުމުގެ އިތުރުން ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ބެންޒެމާ އަށް ފްރާންސް ޓީމުން ފުރުސަތު ނުދޭން ނިންމީ މީގެ ފަސް ވަރަކަށް އަހަރު ކުރިން އޮރިޔާން ވީޑިއޯއެއް ބޭނުންކޮށްގެން ފްރާންސްގެ މެތިއު ވެލްބުއޭނާ ބްލެކްމެއިލް ކުރި މައްސަލަ ބަލަމުން އަންނާތީ ކަމަށް ބުނެ އެވެ.

ފްރާންސް ގައުމީ ޓީމަށް 1987 އިން 1995 އަށް ކުޅުނު ކެންޓޮނާ ވަނީ މީގެ ކުރިން ވެސް ޑެޝޯމްޕްސް އަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން 1996 ވަނަ އަހަރު ދިން ޓީވީ އިންޓަވިއުއެއްގައި ކެންޓޮނާ ބަނީ ޑެޝޯމްޕްސް އަކީ މަގާމެއްގެ ދަހިވެތިކަމުގައި ކޮންމެ ކަމެއް ވެސް ކޮށްފާނެ މީހެއް ކަމަށެވެ.