Roadha Mihaaru
ފަނޑިޔާރު ޝުޖާއު އުސްމާން ޖޭއެސްސީ އަށް ހާޒިރުކުރަނީ

ފަނޑިޔާރު ޝުޖާއު އުސްމާން ޖޭއެސްސީ އަށް ހާޒިރުކުރަނީ

16 އޮކްޓޯބަރ 2019

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލާ މައްސަލައެއްގައި ސުވާލު ކުރުމަށް އޭނާ މިއަދު އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލާ މައްސަލައެއްގައި ސުވާލު ކުރުމަށް އޭނާ މިއަދު އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ފަނޑިޔާރު ޝުޖާއު، މިއަދު ހެނދުނު 10 ޖަހާއިރަށް ޖޭއެސްސީ އަށް ހާޒިރު ކުރަނީ އުއްތަމަ ފަނޑިޔާރު އަންގަވައިގެން މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށް އެނގިފަ އެވެ.

ފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު، ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ވަނީ މިދިޔަ މަހުގެ 16 ގައި ނިންމައިފަ އެވެ. ފަނޑިޔާރު ހަސަން ސަސްޕެންޑް ކުރީ، ވަގަށް ނެގުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖޭން ބޭރަށް ގޮސް ހަނގުރާމައެއްގައި އުޅެނިކޮށް މަރުވެފައިވާކަން ދައްކަން އުޅުނު ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ،

ޖޭއެސްސީން ބުނެފައި ވަނީ، ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން ހުންނެވި ދުވަސްވަރު، މަސައްކަތް ކުރައްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، މަރާލާފައިވާ މީހުންގެ ކަންކަން ބަލާ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަކަން އަންގާފައިވާ ކަމަށެވެ.

އެހެންވެ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން ހަސަން އެކަހެރިކޮށް ބެހެއްޓުމަށާއި ވަޒީފާ އަށް ނުކުމެވަޑައިނުގަތުމަށް އަންގަން ޖޭއެސްސީން ނިންމީ އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް އެ ކޮމިޝަނަށް މި ހަފުތާގައި ދަނީ ހާޒިރު ކުރަމުންނެވެ.