Roadha Mihaaru
ފަނޑިޔާރު ޝުޖާއު ސަސްޕެންޑް ކޮށްފި

ފަނޑިޔާރު ޝުޖާއު ސަސްޕެންޑް ކޮށްފި

22 ޖުލައި 2020

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ދެ މަސް ދުވަހަށް ސަސްޕެންޑް ކުރަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ދެ މަސް ދުވަހަށް ސަސްޕެންޑް ކުރަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.

ޝުޖާއު، ސަސްޕެންޑް ކޮށްފައިވާއިރު ފަނޑިޔާރެއްގެ ސުލޫކާ ހިލާފު އެތައް ކަމެއް ކުރައްވާފައިވާ ކަމަށް ބުނެ ވަރަށް ކުރިއްސުރެ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު، މިއީ އޭނާއާ މެދު ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ މިއަދުގެ ނިންމުންތައް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ. އެހެންކަމުން އެކަމުގެ ތަފްސީލު އަދި ނުދެ އެވެ.

ޝުޖާއުގެ އިތުރުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ވެސް ދެ މަސް ދުވަހަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

ޝުޖާއުގެ މައްޗަށް ޖޭއެސްސީން ތަހުގީގު ކުރަންމުން ދާ މައްސަލައަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވުމެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު، ރިޕޯޓުގައިވާ ކަންކަމަށް ޖަވާބު ދާރީވުމަށް ހަތް ދުވަހުގެ ފުރުސަތު ހޯމަ ދުވަހު ޝުޖާއު އަށް ދީފައިވާ ކަމަށެވެ.

ޝުޖާއު، ސަސްޕެންޑް ކޮށްފައިވާއިރު ފަނޑިޔާރެއްގެ ސުލޫކާ ހިލާފު އެތައް ކަމެއް ކުރައްވާފައިވާ ކަމަށް ބުނެ ވަރަށް ކުރިއްސުރެ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު، މިއީ އޭނާއާ މެދު ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރަށް ވެސް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޭޕްރީލް މަހު، ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ ގާނޫނީ ވަކީލަކާ އަހުމަދު ޝުކޫރު، ގއ.ވިލިނގިލީގައި ބައްދަލުކުރިކަމަށް ވެސް ތުހުމަތު ކުރެ އެވެ. އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި އޭނާ ބައިވެރިވި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

އެ ގާޒީގެ މައްޗަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި 2018 ގެ އޮގަސްޓް މަހު، ޓެރަރިޒަމްގެ ތުހުމަތުގައި، ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެކަމަށް" އެ މީހުންނާ ދިމާލަށް ވިދާޅުވި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

އަހުމަދު ޝުކޫރުގެ މައްޗަށް ކުރާ އިތުރު ތުހުމަތުގެ ތެރޭގައި 2018 ގެ އޮގަސްޓް މަހު، ވިލިނގިލީ ކެފޭއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެން ކޮޅަށް ވޯޓު ލިބޭނެހޭ" ވިދާޅުވެ، ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާކަން ފާޅުކުރި މައްސަލައެއް ވެސް ހިމެނެ އެވެ.

އެ މައްސަލަތަކުގެ ތަހުގީގަށް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ ބަޔާން ނަގައި މައްސަލައިގެ ތަހުގީގު ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ސަސްޕެންޝަންގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަނޑިޔާރު ހަސަން ސަސްޕެންޑްކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އަށް ފަހު، 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަައި އޭނާ ހުންނަވައިގެން، ރިލްވާން ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށްޓަކައި ފުލުހުންތަކަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މައްސަލަ ބަލަން ފެށުމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވުމުން ގާޒީ އިސްމާއިލް ރަޝީދަށް ސުލޫކީ މައްސަލަތަކެއް ތުހުމަތުކޮށް އޭނާ ވެސް ޖޭއެސްސީން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. މިއީ އޭނާއާ ގުޅޭގޮތުން ފާހަގަވި މިފަދަ ފުރަތަމަ މައްސަލަ އެވެ.