Roadha Mihaaru
ގޮނޑި ނުގެއްލޭކަމުގެ ހުކުމެއް އެބައޮތް: ނަޝީދު،ގާސިމް

މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމުގެ ހުކުމެއް އެބައޮތް: ނަޝީދު، ގާސިމް

30 އެޕްރީލް 2018

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ކަނޑައެޅުމުން، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސުން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ވެސް އެ ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ދެއްކޭނެ އެންމެ ބޮޑު ސަބަބަކީ، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުންގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރުގެ ވާހަކަ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުން ހިމެނޭ ގޮތަށް، ސުޕްރީމް ކޯޓން ނެރުނު އެ އަމުރުގައި ބުނެފައި ވަނީ، އިންތިޚާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފެބްރުއަރީ 16 ގައި އެ ކޯޓުން ކުރި ހުކުމްގައި ވެސް އެ ބައި ބާތިލެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލަ ނިމެންދެން އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓް.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން.  - ފޮޓޯ: މިހާރު

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަކީ އުއްތަމަ ފަނޑިޔާރު ހުންނަވަން ޖެހޭތަނަކަށްވާއިރު، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. އެ ހުކުމް އޮއްވައި، އުއްތަމަ ފަނޑިޔާރު ނެތި، ސުޕްރީމް ކޯޓުން ބުނި ކަމަށް އިލެކްޝަނުން ބުންޏަސް މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ފެބުރުއަރީ 1 ގެ އަމުރާ ހެދި އެވެ. އެ އަމުރަކީ، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ހިންގަން އުޅުނު ބަޣާވާތެއް ކަމަށާއި އެކަމުގައި ދެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތީ ރިޝްވަތު ނަންގަވައިގެން ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުން ވެސް ސާފުކޮށް އެނގުނީ 12 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމެވެ.

"12 މެމްބަރުން ޕީޕީއެމުން ވަކިވުމުގެ އިޖުރާއަތުތައް ހިންގާފައި ވަނީ 12 ޖުލައި 2017ގެ ކުރިންކަން ސާފުކޮށް އެނގޭ،" ގާސިމް ވިދާޅުވި އެވެ.

މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ގާސިމް ކުރެއްވި ޓުވީޓް.

މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އިރު މިހާތަނަށް ވެސް އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާ އިރު، ޝަރީއަތަށް ބޭނުންވާ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެންމެ ފަހުން އިއްވި ހުކުމާ އެކު، 12 ދާއިރާގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް އެ ކޮމިޝަނުގެ ގާނޫނީ ޓީމުން ގަބޫލުކުރާ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން، ގާނޫނު ސައްހަ ކަމަށް ކަނޑައެޅުމާ އެކު 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ދެކޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.