25 ސެޕްޓެމްބަރ 2016
ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުގެ މަޝްވަރާ އަށް މި ހަފުތާގައި އަނެއްކާވެސް ގޮވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުގެ މަޝްވަރާ އަށް މި ހަފުތާގައި އަނެއްކާވެސް ގޮވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ އަނެއްކާވެސް ހިމަނައި، އެ ގުރޫޕުގެ ހުށަހެޅުންތަކާ އެއްގޮތަށް ކަންކަން އިސްލާހު ނުކުރާ ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމުގެ ފުރުސަތު ވެސް އޮތުމުން، "މިހާރު" ން ދެންނެވި ސުވާލުތަކަކަށް ޝައިނީ ވިދާޅުވީ، އެ ހުށަހެޅުންތަކުގެ ގިނަ ކަންކަން ހާސިލްވާން އޮތީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދުގައި ކުރާ މަޝްވަރާތަކުގެ އަލީގައި ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް އައީ މަޝްވަރާއަށް މަރުހަބާ ކިޔަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މަޝްވަރާއަށް އޯޕަން އިންވިޓޭޝަނެއް އަބަދުވެސް ސަރުކާރުން ދެމުން އައީ. އެއްވެސް ޝަރުތެއް ނޯންނާނެ. ސަރުކާރުން ވާނެ ތިން ހަތަރު ފަހަރު ވެސް މަޝްވަރާ ސްޓޭޖުގައި ދޫ ދީފައި،" ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މީގެ ކުރިން ފެށި މަޝްވަރާތަކުގައި ސަރުކާރު ތަމްސީލްކުރެއްވި އިސް މަންދޫބު ވިދާޅުވި އެވެ.
"އެކަމަކު އިިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރުމަތި ކުރުމުން މިހާތަނަށް ވެސް މަޝްވަރާ ކުރިއަށް ނުގެންދެވިފައި އޮތީ. އެކަމަކު އަނެއްކާވެސް މަޝްވަރާއަށް މި ހަފުތާގައި ދިވެހި ސަރުކާރުން ގޮވާލާނެ."
ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކޮށް މަޝްވަރާއަށް ފަހި މާހައުލެއް ގާއިމްކުރަން ސީމެގުން ވަނީ އެދިފަ އެވެ. އެގޮތުން އެއްވެސް ޝަރުތެއް ނެތި މަޝްވަރާތަކުގައި ފުރިހަމަ އަށް ބައިވެރިވުމަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ވާޖިބެއް ކަމަށް އެމެރިކާގެ ނިއު ޔޯކްގައ ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލިހުގެ ހަވާސާގައި މިދިޔަ ހުކުރުދުވަހު ބޭއްވި ސީމެގްގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.
ސީމެގްގެ ބައްދަލުވުން މިދިޔަ ހުކުރުދުވަހު ކުރިއަށް ގެންދަނީ.
ސަރުކާރުން ކުރިން ފަށަން އުޅުނު މަޝްވަރާ އަށް އިދިކޮޅު ފަރާތްތަކުން ނުދިޔަ މައިގަނޑު ސަބަބަކީ ހައްޔަރުކޮށްފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ނުކުރާތީ އެވެ. އިދިކޮޅު ފަރާތްތަކުން އޭރު ބުނަމުން އައީ މަޝްވަރާގެ މޭޒަށް ދާނީ އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަންކުރުމުން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނަމުން އައީ އެއަށް ގޮތެއް ނިންމޭނީ މަޝްވާގެ މޭޒަށް އިދިކޮޅު ފަރާތްތައް ގޮސްގެން ކަމަށެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތެއް ނެތި މަޝްވަރާގައި ފުރިހަމައަށް ބައިވެރިވާން ސީމެގުން މިދިޔަ ހުކުރުދުވަހު ބާރުއެޅުމުން، އެމްޑީޕީން މިހާރު ބުނެފައި ވަނީ ސީމެގުން ރާއްޖެއަށް އަޅާނެ ފިޔަވަޅަކުން ސަލާމަތް ވުމަށް އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ފަށަން ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ގައުމު ސަލާމަތްކުރުމާ ގުޅޭ ކޮންމެ މަޝްވަރާއަކަށް ދާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ޝައިނީ ވިދާޅުވީ ގައުމަށް ގެއްލުން ވަނީ އިދިކޮޅު ފަރާތްތަކުން އަމަލުކުރާ ގޮތުން ކަމަށެވެ. އެހެންވެ މި ހުރިހާ ކަމެއްގެ ޒިންމާ އިދިކޮޅު މީހުން ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީމެގްގެ ބަޔާނުގެ 10 ވަނަ މާއްދާގައި އެ އޮތީ ބުނެފައި، ރާއްޖޭގެ ކަންތައްތަކަށް ހައްލު ހޯދަން ޖެހޭނީ ދިވެހިން އަމިއްލަ އަށް ކަމަށް. އެކަމަކު އިދިކޮޅު ފަރާތްތަކުން ދަނީ ބޭރުގެ އެކި ޖަމިއްޔާތައް ބޭނުންކޮށްގެން، ރާއްޖޭގެ ނަން ހަޑިކޮށް، އިގުތިސޯދަށް ގެއްލުން ވާނެ ހުރިހާ ކަމެއް ކުރަމުން. އިިދކޮޅު ފަރާތްތަކުގެ އިހުމާލުން މަޝްވަރާ ވެސް ފެއިލްވީ،" ޝައިނީ ވިދާޅުވި އެވެ.
ސިޔާސީ މަސްރަހު ފިނުކުރަން އދ. އިން ކަނޑައެޅި މަންދޫބު ރައީސް ޔާމީނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
"ސީމެގްގެ ސްޓޭޓްމަންޓުން އެނގޭ އެއްވެސް ކަމެއް ކުރިއަށް ނުދަނީ އިދިކޮޅު ފަރާތްތަކާ ހެދިކަން. ސަރުކާރުން މިދަނީ ކަންކަން ރަނގަޅު ކުރެވޭތޯ ބަލަމުން. އެކަމަށް ވަގުތު ނަގާނެ. ކޮންމެ ކަމެއް ވެސް ފުރިހަމަކުރަން އެކަށީގެންވާ ވަގުތު ބޭނުންވާނެ."
މިއީ ކޮމަންވެލްތުން ވަކިވުމަށް އެންމެ މުހިންމު ދަނޑިވަޅު ކަމަށާއި އެ ޖަމާއަތުން ވަކިވާން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބާރުއަޅަމުން ދިޔަ ނަމަވެސް، ޝައިނީ ވިދާޅުވީ، އެއީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ކޮމަންވެލްތުން ވަކިވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަމަކު އެކަން ބޮޑަށް ސާފުވާނީ ހާލަތު ބަދަލުވާ ގޮތަކުން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހުން އެއަށް ގޮތެއް ނިންމައި ކެބިނެޓްގެ މަޝްވަރާގެ މަތިން [ކޮމަންވެލްތުން] ވަކިވުމުގައި ގޮތެއް ނިންމާނީ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކަށް ވާނީ. ހާލަތްތަކަށް ރިއާޔަތްކޮށްފައި، އެއީ ކުރާނެ ކަމެކޭ ނުވަތަ ނުކުރާނެ ކަމެކޭ ބުނަން އެނގޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމާއި ތިން ބާރު ވަކިވެފައިވާ ވުން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ: އޭނާ ރޭ ދެއްކެވި ވާހަކަތަކަށް ޝައިނީ ރައްދު ދެއްވި. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސީމެގްގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލު ނުކޮށްފި ނަމަ، އޭގެ ގެއްލުން ވާނީ ރައީސް އަބްދުﷲ ޔާމީނަށް ނޫން ކަމަށާއި އެކަމުގެ އުނދަގުލާއި ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެފައިވާތީ ޝައިނީ އެއަށް ވެސް ރައްދު ދެއްވި އެވެ.
"އެ ވާހަކައިން އެނގެނީ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެކަން އެނގި ތިބެއޭ އިދިކޮޅު ފަރާތްތަކުން ކަންކަން އެކުރަނީ. ގަސްދުގައޭ އެކަން އެކުރަނީ،" ޝައިނީ ވިދާޅުވި އެވެ.
ލީޑަރުން މިނިވަންކުރުމަކީ އެމްޑީޕީ/އަދާލަތުގެ އަމާޒެއް
އިންތިހާބުގައި ނަޝީދަށް ފުރުސަތެއް ނެތް: ޝައިނީ
އިސްލާހުވާން ރާއްޖެއަށް އޮތީ ހަނި ފުުރުސަތެއް: ޖަމީލް
އެއްވެސް ކަމެއް ކުރާނީ ޕާޓީތަކަށް އެނގިގެން: ނަޝީދު
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟
އދ. އިން މަޝްވަރާ ކުރިއަށް ގެންގޮސްދޭން އެދިއްޖެ
ކޮމަންވެލްތުން ވަކިވާ އިންޒާރަކީ ދަށު ދަރަޖައިގެ ކަމެއް
ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް ނެތް: އިބޫ
ފައިސަލަށް މަރުހަބާ ދަންނަވައި މަޝްވަރާއަށް ގޮވާލައިފި