Roadha Mihaaru
އިންތިހާބުގައި ނަޝީދަށް ފުރުސަތެއް ނެތް: ޝައިނީ

އިންތިހާބުގައި ނަޝީދަށް ވާދަކުރުމުގެ ފުރުސަތެއް ނެތް: ޝައިނީ

25 ސެޕްޓެމްބަރ 2016

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން، ވާދަކުރެއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން، ވާދަކުރެއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެންނަށް ބައިވެރިވެވޭ، އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން ހުށަހެޅުމުގެ ނަތީޖާއަކީ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރުމުގެ ޔަގީންކަން ލިބުން ކަމަށް އެ ޕާޓީން ބުނާތީ، ޝައިނީ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ސީމެގުގެ ހުށަހެޅުންތަކުގައި ވެސް އެފަދަ މާނައެއް ދޭހަވާ ބައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީމެގުން އެ ބުނަނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އިންތިހާބަށް ހަމަހަމަކޮށް އެންމެންނަށް ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭ ވާހަކަ. މިހާރު ވެސް އެ ފުރުސަތު އޮތީ ހުޅުވިފައި. އެކަމަކު ގާނޫނުތަކުގެ ތެރެއިން ވަކި ކަމެއް ނުކުރެވޭ ގޮތަށް އޮއްވައި އެއާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ. ގާނޫނުގައި ބުނެފައިވާ ގޮތް ބަދަލުކޮށްގެން ވަކި ބޭފުޅަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ދޭކަށް ސީމެގުން ވެސް ނާންގާނެ،" ޝައިނީ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު "މިހާރު" އަށް ވިދާޅުވީ، ސީމެގުގެ ނިންމުންތަކުގެ ނަތީޖާއަކީ، އެމްޑީޕީގެ ކެންޑިޑޭޓޭއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ލިބޭނެ ކަން ކަށަވަރުވުން ކަމަށެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް ނަޝީދަށް، ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މިހާރު ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފަ އެވެ.

ކުރީގެ ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

ކުރީގެ ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވި 13 އަހަރުގެ ޖަލު ހުކުމާއެކު، އެމަނިކުފާނަށް އޮތް އެންމެ ފަހުގެ އުއްމީދަކީ ސުޕްރީމް ކޯޓެވެ. އެކަމަކު ނަޝީދަށް ދަށު ކޯޓުން އިއްވި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. ނަޝީދުގެ އިތުރުން ފިސްތޯލަ ގެންގުޅުއްވި ކަމުގެ ކުށް ސާބިތުވެ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް ވެސް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އިންތިހާބުގައި ވާދަކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ވެފައިވާ ނަމަ އެވެ. މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެ ދެ ބޭފުޅުންނަށް ރައީސް މާފު ދެއްވި ނަމަވެސް 2018 ގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ސަބަބަކީ ގާނޫނު އަސާސީގައި ބުނާ މުއްދަތު ނުލިބޭނެތީ އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ނަޝީދަށް 2018ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭ ނަމަ، ޖަލުގައި ތިބި ކުށްވެރިންނަށް ވެސް އެ ފުރުސަތު އޮންނަން ވާނެ އެވެ.

މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭ ނަމަ، އެ ފުރުސަތު ޖަލުގައި ތިބި ކުށްވެރިންނަށް ވެސް އޮންނަން ވާނެ ކަމަށް ޝައިނީ ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނަޝީދަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭ ނަމަ، އެ ފުރުސަތު ޖަލުގައި ތިބި ކުށްވެރިންނަށް ވެސް އޮންނަން ވާނެ ކަމަށް ޝައިނީ ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ނަޝީދަށް ހުކުމް އައިސްފައި ވަނީ ސިޔާސީ ގޮތަކުންނެއް ނޫން. އެއީ ސިޔާސީ ކުށްވެރިއެއް ނޫން. އެންމެން ކުރިމަތީގައި ނަޝީދު ވަނީ އެކަމަށް [ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުން] އިއުތިރާފުވެފައި. އެހެންވީމާ ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތެއް ނެތްކަން ވަރަށް ބޮޑަށް ޔަގީން،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ދޭނަމަ، އެކަން ކުރަންޖެހޭނީ "ސިޔާސީ ނިންމުމެއްގެ" ތެރެއިން ކަމަށެވެ. އެކަމަކު އެއީ ގާނޫނުތަކުގެ ބޭރުން ކުރާ ކަމަކަށް އެއިރުން ވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީނަށް ކުރެއްވޭނެ ކަމެއް ނޫން. މިކަމުގައި ސިޔާސީ ނިންމުމެއް ނިންމާ ކަމަށް ވަނީ ނަމަ، ގައުމުގެ އެންމެން އެކަމަށް އެއްބަސްވާން ޖެހޭ. ނަޝީދަށް ވީމާ ވަކި ގޮތެއް އޮވެގެން ނުވާނެ. ސީމެގަކުން ވެސް ނުބުނޭ ވަކި ބޭފުޅަކަށް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެއޭ،" އޭނާ ވިދާޅުވި އެވެ.

ސީމެގްގެ ބައްދަލުވުން މިދިޔަ ހުކުރުދުވަހު ކުރިއަށް ގެންދަނީ: ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހު ނުކުރާނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރަން ވިސްނަން ވަނީ ނިންމާފައި.

ސީމެގްގެ ބައްދަލުވުން މިދިޔަ ހުކުރުދުވަހު ކުރިއަށް ގެންދަނީ: ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހު ނުކުރާނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރަން ވިސްނަން ވަނީ ނިންމާފައި.

ޝައިނީ ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބަށް ނަޝީދު ކުރިމަތިލެއްވުމުގެ ކުރިން ވެސް ސިޔާސީ ގޮތުން ހިމާޔަތް ހޯއްދަވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އޭގެ މާނައަކީ "އަމިއްލަ ގައުމު ބަލައިނުގަތުން" ކަމަށެވެ.

"އެއީ އަމިއްލަ ގައުމު ބަލައިނުގަތުން ފަދަ ކަމެއް. އެފަދަ ކަމެއް ކުރައްވާފައި، ރައްޔިތުން ކައިރީގައި ނުބުނެ އައިސް ގައުމުގެ ވެރިކަން ކުރުމަކީ ދިވެހިންނަށް ކުރި މަލާމާތެއް. އެވަރުގެ ބޭފުޅަކަށް އަނެއްކާ ރައްޔިތުން ފުރުސަތު ދޭނެތޯ އެއީ ސުވާލެއް. އަނެއްކާ ގައުމަށް ހިޔާނާތްރި ނުވާނެ ކަމުގެ ޔަގީން ކަމަކީ ކޮބައިތޯ؟،" އޭނާ ވިދާޅުވި އެވެ.

ނަޝީދު 2008ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ކުރިން ހުންނެވީ އެމްނެސްޓީގެ ޕްރިޒަނާ އޮފް ކޮންސެއިންސްގެ ގޮތުގަ އެވެ. އެއީ އަދި ސިޔާސީ ހިމާޔަތެއް ނޫނެވެ. ނަމަވެސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.