Roadha Mihaaru
ފައިސަލަށް މަރުހަބާ ދަންނަވައި މަޝްވަރާއަށް ގޮވާލައިފި

ފައިސަލް އަށް މަރުހަބާ ދަންނަވައި އަނެއްކާ ވެސް މަޝްވަރާއަށް ގޮވާލައިފި

14 ޖުލައި 2018

އިދިކޮޅު ޕާޓީތަކުގެ ރަނިން މޭޓަކަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމަށް މިއަދު މަރުހަބާ ދަންނަވައި ޕާޓީތަކުގެ މަޝްވަރާ އަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ޕާޓީތަކުގެ ރަނިން މޭޓަކަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމަށް މިއަދު މަރުހަބާ ދަންނަވައި ޕާޓީތަކުގެ މަޝްވަރާ އަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި، ސަރުކާރު ތަމްސީލު ކުރާ އިސް މަންދޫބު ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތައް ނައްތާލައި ގުޅިގެން މަޝްވަރާތައް ކުރިއަށްގެންދިއުމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ފައިސަލް އަށް ދައުވަތު ދެއްވާ ކަމަށެވެ.

އެއީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމަށްޓަކައި ކަށަވަރު ވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އޯލް ޕާޓީ ޓޯކްސްގެ ޗެއާމަންގެ ހައިސިއްޔަތުން، ސިޔާސީ ހަމަނުޖެހުންތައް ނައްތާލައި މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ކަށަވަރު ކުރުމަށް މަޝްވަރާ އަށް އައުމަށް އިބޫ އަދި ފައިސަލަށް ގޮވާލަން،" ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމާ ގުޅިގެން ވެސް އޭނާއަށް މަރުހަބާ ދަންނަވައި ޝައިނީ ވަނީ މަޝްވަރާ އަށް އައުމަށް އެމްޑީޕީއަށް ދައުވަތު ދީފަ އެވެ.

ފައިސަލަށް މަރުހަބާ ދަންނަވައި ޝައިނީ ކުރެއްވި ޓްވީޓް

ޝައިނީ އޭރު ވިދާޅުވީ ސިޔާސީ ގޮތުން ހުރި ހިޔާލު ތަފާތުވުންތައް ނައްތާލައި، އޮމާން، މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް ޕާޓީތަކުން މަޝްވަރާ އަށް އައުމަށް ސަރުކާރުން ގޮވާލިއަސް، އިދިކޮޅު އެއްވެސް ޕާޓީއަކުން އެކަމަށް އަދި އިޖާބަ ދީފައެެއް ނުވެ އެވެ. ގުޅިފައިވާ އިއްތިހާދުން އަންނަނީ އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރަމުންނެވެ.

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިން މޭޓަށް މަރުހަބާ ދަންނަވައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން ގޮވާލިއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވުން ބޮޑުވެ އެއީ މިހާތަނަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައިވާ މަޝްވަރާ އެއް ނޫނެވެ. އެގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި އަދ. ގެ މަންދޫބެއް ވެސް ސަރުކާރުން ކަނޑައެޅި އެވެ. އެކަމަކު އެ މަންދޫބު މެދުވެރިއަކަށް ވެގެން ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެެވެ.