ވޮލީބޯޅަ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އައްޔަންކުރައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށާއި ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ ގެ އެންގުމާ ހިލާފަށް އެ ކޮމިޓީން މަސައްކަތްކޮށް އިންތިހާބެއް ބާއްވަން ކުރާ މަސައްކަތަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
16 އޮކްޓޯބަރ 2019
ވޮލީބޯޅަ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އައްޔަންކުރައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށާއި ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ ގެ އެންގުމާ ހިލާފަށް އެ ކޮމިޓީން މަސައްކަތްކޮށް އިންތިހާބެއް ބާއްވަން ކުރާ މަސައްކަތަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ވާހަކަދައްކަވަމުން ޝަވީދު މިއަދު ވިދާޅުވީ މި މަހުގެ 26 ގައި ބާއްވާ އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސް އަށް ނޯމަލައިޒޭޝަން ކޮމިޓީ އަށް ވެސް އަދި އެ ކޮމިޓީން މިމަހުގެ 24 ގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބަކުން ހޮވޭ ހިންގާ ކޮމިޓީއަށް ވެސް ނުވަދެވޭނެ ކަމަށެވެ.
އެމްއޯސީން މީގެ ކުރިން ވަނީ ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހަވާލުކުރަން ކޮމިޝަނަރު ނިންމާފައިވާ ނިންމުން ސައްހަ ކަމަށް އަންގައިފަ އެވެ. ޝަވީދު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަކަމަށް އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ޖަލްސާގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި އޭރު އޭނާ ރާއްޖޭގައި ވެސް ނޫޅޭ ކަމަށާއި އޭރު ވެސް އެ ނިންމުމާ ދެކޮޅު ކަމަށެވެ. އަދި އެފަދަ ކޮމިޓީތަކުގެ ސައްހަކަން ކަނޑައެޅުމަކީ އެމްއޯސީގެ މެންޑޭޓޭއް ނޫން ކަމަށާއި އަދި އެމްއޯސީން އެފްއައިވީބީ އަށް އެގޮތަށް އެންގީ އެފްއައިވީބީން ހަމައެކަނި ނޯމަލައިޒޭޝަން ކޮމިޓީގެ މައުލޫމާތު އެއްކޮށް ފޮނުވައިދޭން އެދުމުން ކަމަށް ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެސޯސިއޭޝަންތަކަށް ވަރަށް އެހީތެރިވެދެއްވާ ކަމަށާއި ބެލެވޭ ގޮތުގައި އެމްއޯސީން އެގޮތަށް ނިންމީ މިނިސްޓަރަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އޭގެ އަނެއް ސަބަބަކީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ބައްދަލުވުމަކަށް ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނަށް ވަދެވެން ނެތުމުން، އެ ބައްދަލުވުމުގައި ބައިވެރިވެވޭ ގޮތް ހެދުމަށްޓަކައި ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި ކަންއޮތް ގޮތް ސާފުކޮށްދޭން ވަރަށް މަސައްކަތްކުރެވިއްޖެ ކަމަށާއި އެކަމަކު ސްޕޯޓްސް ކޮމިޝަނަރު ދައްކަވާ އުޒުރަކީ، އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ނަމަ މުބާރާތްތަކުގައި ވާދަނުކުރެވޭނެ ނޫންހޭ ކަމަށެވެ. ކޮމިޝަނަރު އެ އިޝާރާތްކުރެއްވީ އެ ކޮމިޓީގެ ބެލުމުގެ ދަށުން ރާއްޖޭން ދާދި ފަހުން އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ކުރުމަށް ކަމަށް ބެލެވެ އެވެ. ޝަވީދު ވިދާޅުވީ އެ ވާހަކަތަކުން އެނގުނީ ބައިނަލްއަގްވާމީ ގޮތުން ކުޅިވަރުތައް ހިނގާ ގޮތް އެ ފަރާތްތަކަށް ނޭގުން ކަމަށެެވެ.
އެފްއައިވީބީން ވަނީ އެތަނުން އަންގާ ގޮތަށް އަމަލު ކުރުމަށާއި އެގޮތަށް ކަންތައްތައް ފުރިހަމަނުވެއްޖެ ނަމަ ރާއްޖެ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ބޭނުން ވަނީ ރާއްޖެ ސަސްޕެންޑް ނުކޮށް މިކަމާ ގުޅުންހުރި ހުރިހާ ފަރާތަކާ މަޝްވަރާކުރުމަށް ފަހު އެންމެ ރަނގަޅު ހައްލެއް ހޯދުމަށް ކަމަށް ބުނެފަ އެވެ. ޝަވީދު ވިދާޅުވީ ރާއްޖެ އޮތީ ސަސްޕެންޝަނެއްގެ މިޔަމަތީގައި ކަމަށާއި ޑިސެމްބަރު 4 ވަނަ ދުވަހު ބާއްވާ އެފްއައިވީބީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
"އަޅުގަނޑު އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ގޮތުގައި ހުރެ ބުނަން ބޭނުންވާ ވާހަކައެއް ނޫން މިއީކީ. އެކަމަކު އަޅުގަނޑުމެން މިއޮތީ ސަސްޕެންޝަނެއްގެ ތެރޭގައި. ސިޓީ ނާންނަކަން،" ޝަވީދު ވިދާޅުވި އެވެ.
"އެފްއައިވީބީގެ އެންގުމާ ހިލާފަށް ވަރަށް ނާތަހުޒީބު ކަމެއް މިކުރަނީ. އަޅުގަނޑުމެން އެ މަސައްކަތް ބަލައިނުގަންނަން. އަޅުގަނޑު އިލްތިމާސްކުރަން އެ އިންތިހާބުގައި އެއްވެސް ކެނޑިޑޭޓަކު ވާދަނުކުރުމަށް ވެސް. ސަބަބަކީ އެފްއައިވީބީގެ ގަވާއިދާ ހިލާފަށް ބާއްވާ ވާދަކޮށްގެން އެ ކެނޑިޑޭޓުންގެ ފިއުޗާ ވެސް ގެއްލިދާނެ. އެއީ އެކްސްކޯ ސަސްޕެންޑްވާ ހިސާބުން އައިސްދާނެ އެ މެމްބަރުންނަށް ކުރިއަށް އޮތް ފަސް އަހަރު ނުވަތަ 10 އަހަރު ވޮލީބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޝަނެއް ވެސް."
ޝަވީދު ވިދާޅުވީ މުހައްމަދު ރިޔާޒްގެ ދައުރުގައި ވެސް އަދި މުހައްމަދު ލަތީފުގެ ދައުރުގައި ވެސް އަސާސީ ގަވާއިދުގައި ގޯސްތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އެ ހުރިހާ ބަދަލުތަކެއް ވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ ބަލައިގެންފައި ކަމަށާއި ކުރީ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް އެކަންވީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ މި ސަރުކާރުން ވެސް ލަތީފް ބޭރުކުރަން ބޭނުންނަމަ އެކަން ސިސްޓަމެއްގެ ތެރެއިން ކުރަންވީ ކަމަށާއި ދުނިޔޭގެ ޖަމިއްޔާގެ އެންގުމާ ހިލާފަށް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް ޝަވީދު ވިދާޅުވި އެވެ. ލަތީފް ވެސް ވަނީ، އޭނާގެ ހިންގާ ކޮމިޓީ އުވާލީ އިސްލާހީ އެޖެންޑާގެ މަސައްކަތް ޖުލައި މަހު ނިންމައި އޭނާ ވާދަނުކުރާ ގޮތަށް އަދި މިނިވަން ކޮމިޓީއަކުން އިންތިހާބެއް ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީ އަށް އަންގާފައި ވަނިކޮށް ކަމަށެވެ.
"މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަކީ މިނިވަން ތަނެއް ކުޅިވަރުގެ ގާނޫނާ އެކީ، ސަރުކާރުގެ އެންގުމާ އެއްގޮތަކަށް ނޫން މިތަން ދާނީކީ. އަޅުގަނޑުމެން ނޯމަލައިޒޭޝަން ކޮމިޓީ ވެސް އަދި އެ ކޮމިޓީން ބާއްވާ އިންތިހާބަކުން އަންނަ ހިންގާ ކޮމިޓީއެއް ވެސް އެލޮވެއްނުކުރާނަން ކޮންގްރެސްގައި. އޮލިމްޕިކް ކޮމިޓީ މިހާތަނަށް ވެސް އޮތީ ހިމޭނުން. އެކަމަކު އަޅުގަނޑުމެންގެ ބަސް ބުނާ ދުވަސް އެއީ ކޮންގްރެސް އޮންނަ ދުވަހަކީ. އެ ދުވަހު އަޅުގަނޑުމެންގެ ނިންމުމަކަށް ވާނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަތުން،" ޝަވީދު ވިދާޅުވީ އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުންތަކުގައި މިނިސްޓަރު މަހުލޫފުގެ ދައުރު ވަރަށް ބޮޑު ކަމަށް އެނގިފައިވެ އެވެ. ސްޕޯޓްސް ކޮމިޝަނަރަކީ، ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލުގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލަށް ޖަވާބުދާރީވާން ޖެހޭ މީހެކެވެ. އަދި މަސައްކަތްކުރައްވަނީ ވެސް މިނިސްޓްރީގެ އޮފީހެއްގަ އެވެ. ޝަވީދު ވިދާޅުވީ ކޮމިޝަނަރަކީ މިނިވަން މީހެއް ކަމަށާއި އެހެންވެ މިއީ މިނިސްޓަރު އަންގަވައިގެން ކުރި ކަމެއް ކަމަށް ބުނެ ކޮމިޝަނަރަށް ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގަބޫލުކުރައްވާ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީން އިންތިހާބު ބާއްވަން ތައްޔާރުވާން ފެށީ އެ ކޮމިޓީ ބަލައިނުގަންނަ ކަމަށް އެފްއައިވީބީން އެންގި ފަހުންނެވެ. އަދި އެ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކުރީގެ ރައީސް ރިޔާޒް ވަނީ އިންތިހާބު ބަލައިގަންނާނެތޯ އެފްއައިވީބީގައި އަލުން އައްސަވައިފަ އެވެ. އެތަނުން އިއްޔެ ދިނީ ކުރިން ވެސް ދިން ޖަވާބެވެ. ބުނެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށާއި ވާދަކުރާނެ ކްލަބްތައް ނިންމައި އެންޑޯޒްކޮށް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއް ނޯމަލައިޒޭޝަން ކޮމިޓީއަށް ނެތް ކަމަށާއި އަދި ސަރުކާރުގެ އެކަށީގެންނުވާ ނުފޫޒަކަށް ބަރޯސާކޮށްގެން ބާއްވާ އެއްވެސް އިންތިހާބެއް އެތަނުން ރެކޮގްނައިޒް ނުކުރާނެ ކަމަށެވެ.
އެމްއޯސީ އަމިއްލަ ފައި މައްޗަށް ތެދުކުރުވާނަން: ޝަވީދު
ޝަވީދާއި މަރުޒޫގަށް އޮޓޯމެޓިކުން މަގާމް ކަށަވަރުވެއްޖެ
ވަރުގަދަ މެސެޖަކާ އެކު ޝަވީދު އާ ދައުރަކާ ދިމާލަށް
އޮލިމްޕިކް ކޮމިޓީ އަށް 63 މިލިއަން ރުފިޔާގެ ބަޖެޓެއް
އެސޯސިއޭޝަންތަކުގެ މާލީ ހާލަތު ބެލުން އެމްއެޗްޕީއޭ އަށް
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!
އުލްޔާގެ ހީޓުން ރާއްޖޭން ނިންމާލީ އުންމީދާ އެކު
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު