Roadha Mihaaru
ޕިކްސެލް 4 ގަންނައިރު ހެޑްފޯނެއް ނުލިބޭ

ގޫގުލްގެ ޕިކްސެލް 4 ގަންނައިރު ހެޑްފޯނެއް ނުލިބޭ

17 އޮކްޓޯބަރ 2019

އައިފޯނުން 3.5އެމްއެމް ހެޑްފޯން ޖެކް އުނިކުރުން ބަޔަކަށް ވީ ބޮޑު މަޖާގަނޑަކަށެވެ. ގޫގުލް ވެސް މި ކަމުގައި ބައިވެރިވެ، މަލާމާތްކޮށް ހެދި އެވެ. އެކަމަކު އަހަރު ނުވަނީސް، ގޫގުލްގެ ޕިކްސެލް ފޯނުތަކުން ހެޑްފޯން ޖެކް އުވާލި އެވެ. ގޫގުލުން މިހާރު އަނެއްކާ ވެސް އެ އަށް ވުރެ މޮޅު ކަމެއް ކޮށްގެން އުޅޭ ކަމަށް އެބަ ބުނެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން "ރިވިއު"ތައް ބުނާ ގޮތުގައި، ޕިކްސެލް 4 އިން ފެށިގެން، "ޔޫއެސްބީ-ސީ" ކަނެކްޓަރު 3.5އެމްއެމް އަށް ބަދަލުކުރަން ބޭނުންކުރާ ޒާތުގެ އެޑަޕްޓަރެއް، ފޯނު ފޮށި ތެރޭގައި ނުހިމަނާ ގޮތަށް ގޫގުލުން ވަނީ ނިންމާފަ އެވެ. މާނަ އަކީ 3.5އެމްއެމް ޖެކެއް ތިޔަ ގެންގުޅޭ ހެޑްފޯނުގައި އިން ނަމަ، ގޫގުލް އަކީ ހާދަހާ ދަހި ބައެކޭ ބުނާނެ އެވެ. ޕިކްސެލް 4 ގެންގުޅޭ ނަމަ ދެން ޖެހޭނީ ހެޑްފޯން ބޭނުންކުރަން ވަކި އެޑަޕްޓަރެއް ކޮންމެވެސް އެހެން ގޮތަކުން ގަންނާށެވެ.

ޕިކްސެލް 4 ގަންނައިރު ފޮށީގައި "ޕިކްސެލް ޔޫއެސްބީ-ސީ އިއާބަޑް" ވެސް މި ފަހަރު ނޯންނަ ކަމަށް އެބަ ބުނެ އެވެ. މުޅިން ގޯހުން ގޯހަށެވެ. އާރޯތާނާ ފޯނަކާ އެކު ހެޑްފޯނެއް ވެސް ނުލިބެނީ އެވެ. އެޕަލް ވެސް މި އަށް ވުރެ ދީލައްޗެވެ. އައިފޯން ފޮށި ތެރޭގައި ހެޑްފޯނެއް އޮވެ އެވެ.

ގޫގުލްގެ ޕިކްސެލް ފޯނުތައް ގަންނަ މީހުންނަށް ކުރިން ދިން އެހެނިހެން އިނާޔަތްތައް ވެސް މި ފަހަރު އުނިކުރި ވާހަކަ އިވެ އެވެ. ޕިކްސެލް ފޯނުތައް ގަންނަ މީހުންނަށް "ގޫގުލް ފޮޓޯ" ގައި ފޮޓޯ ރައްކާކުރަން ދީ އުޅުނު ޖާގަ ވެސް މި ފަހަރު ނުދޭ ގޮތަށް ވަނީ ނިންމާފަ އެވެ. މި ޚިދުމަތް ބޭނުން ނަމަ ޖެހެނީ ގަންނާށެވެ.

ޕިކްސެލް ފޯނުތަކަކީ ބަލައިލަން ރީތި އަދި އެންޑްރޮއިޑްގައި ހުރި ހުރިހާ މޮޅެއް ހިމަނައި ގޫގުލުން ނެރޭ ފޯނެކެވެ. ފޯނުތަކުގެ ދުވެލި ބާރުވެފައި، ބޭނުންކުރަން ފަސޭހަވުން ވެފައި ވަނީ ގިޔަ ބަޔަކަށް އެންމެ ކަމުދާ އެންޑްރޮއިޑް ފޯނު ކަމަށެވެ.