Roadha Mihaaru
ޒިޔާދާގެ މަރުގެމައްސަލަ އާންމުކޮށް ހުޅުވާނުލަން އެދިއްޖެ

ޒިޔާދާގެ މަރުގެ މައްސަލަ ހައިކޯޓު ގައި އާންމުކޮށް ހުޅުވައި ނުލުމަށް ޕީޖީ އޮފީހުން އެދިއްޖެ

20 އޮކްޓޯބަރ 2019

ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހަށް ކުރާ ދައުވާއާ ގުޅިގެން ހައި ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން (ޕީޖީ) މިއަދު އެދިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހަށް ކުރާ ދައުވާއާ ގުޅިގެން ހައި ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން (ޕީޖީ) މިއަދު އެދިއްޖެ އެވެ.

ޒިޔާދާއާ މެދުގައި ގަދަކަމުން ޖިންސީ އަނިޔާކުރުމުގެ ސަބަބުން އޭނާ މަރުވި އިރު، އެ މައްސަލައިގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލި އެވެ. އެކަމަކު، ޝާހުގެ މައްޗަށް ކުރި ހަތަރު ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުނުވާ ކަމަށް ހުކުމް ކުރީ މި އަހަރުގެ މާޗް 21 ގަ އެވެ. އަދި އެ ހަތަރު ގަޒިއްޔާ ޕީޖީ އިސްތިއުނާފް ކުރީ މި އަހަރުގެ އޭޕްރީލް 8 ގަ އެވެ.

ޝާހުގެ މައްޗަށް ކުރި ހަތަރު ދައުވާ އަކީ ރޭޕް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މި މައްސަލަތަކުގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަތަރު ދައުވާގެ ތެރެއިން ޝާހުގެ މައްޗަށް އުފުލި ރޭޕް ކުރުމުގެ ކުށަކީ ޖިންސީ ކުށުގެ ގާނޫނުގައި ތަޒްރީމް ކޮށްފައިވާ ކުށަކަށް ވެފައި، ކުށުގެ ރުހުމުގައި ރުހުމާ ނުލައި ޖިންސީ އަމަލު ހިންގުން ހިމެނޭ ކުށާ ގުޅޭ ޝަރީއަތުގެ މަޖިލިސް ހިންގަން ވާނީ އާންމުކޮށް ހުޅުވިގެންވާ މަޖިލިހެއްގައި ނޫން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޝާހުގެ މައްޗަށް އުފުލި މަރުގެ ދެ ދައުވާގެ ޝަރީއަތާއި ރޭޕް ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިންގީ އެއްކޮށެވެ.

އެހެންވެ، މައްސަލައިގެ ބާވަތާއި ތަބީއަތަށް ރިއާޔަތްކޮށް މައްސަލައިގެ ހެކިބަސް ދިން މީހުންގެ މަސްލަހަތަށާއި ހެކިންގެ ހެކިބަހުގައި ޒިޔާދާގެ ޒާތީ ދިރިއުޅުމާ ބެހޭ ވަރަށް ޒާތީ، ހާއްސާސީ މައުލޫމާތު އެކުލެވޭތީ އޭނާގެ ތިން ކުދިންގެ މަސްލަހަތަށް ރިއާޔަތްކޮށް އަދި ނުފޫޒުން އެއްކިބާވެގެން ތިބެ ހެކިންނަށް ހެކި ބަސް ދެވޭނެ ކަން ކަށަވަރުކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާ ނުލައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ އޮފީހުން ބުނިގޮތުގައި، ޝާހުގެ މައްޗަށް ކުރާ ދައުވާތަކަކީ އެއް ވާގިއާތަކެއްގެ މައްޗަށް އަދި ހެކިތަކެއްގެ މައްޗަށް ހުށަހަޅައިގެން ބެލި މައްސަލަތަކަކަށް ވާތީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުގެ ދަށުން ރޭޕް ކުރުމުގެ ކުށުގެ ދައުވާ ސިއްރު ކުރުމުގެ މަގްސަދު ގެއްލިގެންދާނެ ކަމެކެވެ.

އެހެންވެ، ޝާހުގެ މައްޗަށް އުފުލި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.