Roadha Mihaaru
އިންފޮމޭޝަން ކޮމިޝަނަރަކު މާދަމާ ކަނޑައަޅަނީ

އިންފޮމޭޝަން ކޮމިޝަނަރަކު މާދަމާ ކަނޑައަޅަނީ

20 އޮކްޓޯބަރ 2019

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކުގެ ތެރެއިން ބޭފުޅަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކުގެ ތެރެއިން ބޭފުޅަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމީ އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވުމަށެވެ.

މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދެވެ.

ކޮމިޓީން ނަންތައް ތަރުތީބުކޮށްފައި އޮތް ގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާނީ ފިޔާޒްގެ ނަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ދެން ފޮނުއްވި މ. ވެންކޫވަ، ފާތުމަތު ސައުޝަންގެ ނަން މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައެއް ނުވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ މިހާރު އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާގެ ނޫސްވެރިކަން ފެއްޓެވީ ކުރީގެ އާފަތިސް ނޫހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ހަމަވެފައިވާތީ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.