Roadha Mihaaru
ފޯނަށް އާޓިފިޝަލް ހަން ކަވަރެއް

ފޯނަށް އާޓިފިޝަލް ހަން ކަވަރެއް

23 އޮކްޓޯބަރ 2019

ފޯނަކީ މިހާރު ހުރިހާ ވަގުތެއްގައި ވެސް އަތުގައި އޮންނަ އެއްޗެކެވެ. އެހެންވެ ފޯނު ގެންގުޅޭ އިރު، އޭގެ ސަބަބުން އިންސާނީ އިހުސާސްތައް ކުރުވާ އެއްޗަކަށްވުމަކީ ވެސް މުހިއްމު ކަމެކެވެ. ސައިންޓިސްޓުންގެ ޓީމަކުން މިހާރު މި ވަނީ ފޯނު ކަވަރަކަށް ބޭނުންކުރެވިދާނެ މަސްނޫއީ ހަމުގެ ކަވަރެއް އުފައްދައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޯނަކީ މިހާރު ހުރިހާ ވަގުތެއްގައި ވެސް އަތުގައި އޮންނަ އެއްޗެކެވެ. އެހެންވެ ފޯނު ގެންގުޅޭ އިރު، އޭގެ ސަބަބުން އިންސާނީ އިހުސާސްތައް ކުރުވާ އެއްޗަކަށްވުމަކީ ވެސް މުހިއްމު ކަމެކެވެ. ސައިންޓިސްޓުންގެ ޓީމަކުން މިހާރު މި ވަނީ ފޯނު ކަވަރަކަށް ބޭނުންކުރެވިދާނެ މަސްނޫއީ ހަމުގެ ކަވަރެއް އުފައްދައިފަ އެވެ.

މި ކަވަރުގެ ހާއްސަ ކަމަކީ އަތުގައި އޮންނަ އިރު، އިންސާނާގެ ހަންގަނޑުން ލިއްބައިދޭ އިހުސާސްތައް ވެސް ގެނެސްދިނުމެވެ. ބަލާލެލުމަށް ކަވަރު ވައްތަރީ ވެސް ހަމަ ހަންގަނޑަކާ އެވެ. މި ތައްޔާރުކޮށްފައި ވަނީ ދެ ލޭޔަރުގެ ސިލިކަން "ހަމާއި" ހައިޕޮޑާމިސް ލޭޔަރެއްގެ މެދަށް ހިމަހިމަ އިލެކްޓްރޯޑް ވަޔަރުތައް ސެންސަތަކެއް މަސައްކަތްކުރާ ގޮތަށް ހިމަނައިގެންނެވެ.

ސްކިން-އޮން އިންޓަފޭސްގެ ނަން ދީފައިވާ މި ކަވަރަކީ ހަމައެކަނި ފޯނުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ގެންގުޅޭ އެހެން ޑިވައިސްތަކު ވެސް މި ބޭނުންކުރެވިދާނެ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕް ޓަޗްޕެޑާއި ސްމާޓްވޮޗް ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މި ތައްޔާރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބްރިސްޓޯލް ޔުނިވަސިޓީ އާއި ފްރާންސްގެ ސޯބޯން ޔުނިވަސިޓީ އާއި ފްރާންސްގެ މުއާސަލަތީ ކުންފުނި ޕެރިސް ޓެކް ގުޅިގެންނެވެ.

މި މަސްނޫއީ ހަންގަނޑު ދައްކައިލީ އެމެރިކާގައި މިހާރު ކުރިއަށްދާ 32 ވަނަ އޭސީއެމް ޔޫޒާ އިންޓަފޭސް ސޮފްޓްވެއާ އެންޑް ޓެކްނޮލޮޖީ ސިމްޕޯޒިއަމްގަ އެވެ.

"ސްކިން-އޮން އިންޓަފޭސް އަކީ އޭގައި އިނގިލިތައް ނުވަތަ އަތްތިލަ ޖެހުމުން ހަމަ އިންސާނުންގެ ހަންގަނޑުން ކުރާ ކަހަލަ އިހުސާސްތައް ކުރުވައި ދޭނެ އަދި އޭގެ ސަބަބުން ޑިވައިސްތައް ބޭނުންކުރުމުގެ އިތުރު ފަސޭހަތަކެއް ގެނުވައިދޭނެ އެއްޗެއް." ބްރިސްޓޯލް ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. އެނީ ރޯޑޫޓް ވިދާޅުވި އެވެ. "މީގެ ތަޖުރިބާ އަށް ބަލައިފައި ކުރިއަށް އޮތް ތަނުގައި އެންތުރޮޕޮމޯފިކް ޑިވައިސްތައް ތައާރަފުވެގެންދާނެ ކަމުގެ އުންމީދު ބޮޑު. އޭގެ މާނައަކީ ޑިވައިސްތަކާއި އިންސާނުންނާ ގުޅުވައި ދިނުމަށް އިންގިލާބެއް އަންނާނޭ."