Roadha Mihaaru
މަނީ ލޯންޑަރިންގެ ބްލެކްލިސްޓުން ލަންކާގެ ނަން ނަގައިފި

މަނީ ލޯންޑަރިންގެ ބްލެކްލިސްޓުން ލަންކާގެ ނަން ނަގައިފި

21 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 21) - މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބްލެކްލިސްޓުން ސްރީ ލަންކާ ސަލާމަތްވެފައިވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 21) - މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބްލެކްލިސްޓުން ސްރީ ލަންކާ ސަލާމަތްވެފައިވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

ކޮލަމްބޯގައި ބޭއްވި ބިޒިނަސް ކޮންފަރެންސެއްގައި ސަމަރަވީރާ ވިދާޅުވީ ބްލެކްލިސްޓުން ސްރީ ލަންކާގެ ނަން ނެގިކަން ޕެރިހުގައި ހުންނަ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން އަންގާފައިވާ ކަމަށެވެ. އަދި ނަން ނެގީ ފައިނޭންޝަލް ސެކިއުރިޓީއާ ގުޅޭ ގޮތުން ލަންކާ އިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްއޭޓީއެފްގެ ބްލެކްލިސްޓަށް ސްރީ ލަންކާ އެންމެ ފުރަތަމަލީ 2011 ވަނަ އަހަރު އެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ލިސްޓުގައި ސްރީ ލަންކާ ހިމަނާފައި ވަނީ ފައިނޭންޝަލް ސެކިއުރިޓީއާ ގުޅޭ އެންމެ ނުރައްކާ ގައުމުތަކުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ ފަހުން، 2016 ވަނަ އަހަރުން ފެށިގެން ލަންކާ ސަރުކާރުން ދަނީ ސެންޓްރަލް ބޭންކާ ގުޅިގެން، ފައިނޭންޝަލް ސެކިއުރިޓީ ހަރުދަނާ ކުރުމަށްް ފިޔަވަޅުތައް އަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން ނޮވެމްބަރު 2017 އިން ފެށިގެން ސްރީ ލަންކާ ވަނީ އެފްއޭޓީއެފްގެ ގްރޭ ލިސްޓަށް ބަދަލުކޮށްފަ އެވެ.

ސްރީ ލަންކާ އިން މިދިޔަ އަހަރު ވަނީ އެންޓި-މަނީ ލޯންޑަރިން އަދި ކައުންޓަރިން ދަ ފައިނޭންސިން އޮފް ޓެރަރިޒަމް ސްޓޭންޑާ ގުޅޭ ގޮތުން ކަމާބެހޭ ދާއިރާތަކުގެ އޮފިޝަލުންނާ އެކު ފްރޭމްވޯކެއް ހަދައިފަ އެވެ. ސަމަރަވީރާ ވިދާޅުވީ އެފްއޭޓީއެފްގެ ބްލެކްލިސްޓުން ލަންކާގެ ނަން ނެގީ ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"2015 ވަނަ އަހަރު ސްރީ ލަންކާ އޮތީ އައިސީޔޫގައި އޮތް ބަލި މީހެއްގެ ގޮތަށް. އެ ބަލި މީހާ އަށް އަޅުގަނޑުމެން ފަރުވާދީ، ހިނގޭވަރު ކޮށްދިން. މިހާރު އެ ބަލި މީހާ އަށް ދުއްވައިގަނެވޭނެ. މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ބްލެކްލިސްޓުގައި ލަންކާގެ ނަމެއް މިހާރަކު ނޯންނާނެ،" ސަމަރަވީރާ ވިދާޅުވި އެވެ.

އެފްއޭޓީއެފްގެ ބްލެކްލިސްޓުން ޕާކިސްތާނުގެ ނަން ވެސް ވަނީ ނަގައިފަ އެވެ. ނަމަވެސް އެ ގައުމަށް ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން އެކްޝަން ޕްލޭން ފުރިހަމަ ކުރުމަށް އަންގައިފަ އެވެ. ނޫން ނަމަ ޕާކިސްތާން އަނެއްކާވެސް ބްލެކްލިސްޓަށް ވެއްޓިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އެފްއޭޓީއެފްގެ ބްލެކްލިސްޓުގައި މިހާރު އޮތީ ނޯތު ކޮރެއާ އާއި އީރާނެވެ. ގްރޭ ލިސްޓަށް ވަނީ 12 ގައުމެއް ލައިފަ އެވެ.

ފައިނޭންޝަލް ސެކިއުރިޓީ އަށް ފޯކަސްކޮށްގެން ބައިނަލްއަގުވާމީ ޖަމާއަތެއްގެ ގޮތުގައި އެފްއޭޓީއެފް 1989 ވަނަ އަހަރު އެވެ.