Roadha Mihaaru
މަނީ ލޯންޑްރިންއާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ

މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ

07 ޑިސެމްބަރ 2021

ތަހުގީގުކުރަމުން އަންނަ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ގުޅިގެން ދާދިފަހުން ވެސް އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ސުވާލުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަހުގީގުކުރަމުން އަންނަ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައަކާ ގުޅިގެން ދާދިފަހުން ވެސް އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ސުވާލުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އާދީއްތަ ދުވަހު އޭނާ އިންޑިއާ އިން ބޭރަށް ފުރަން އުޅެނިކޮށް މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ހުއްޓުވުމަށްފަހު އިރުކޮޅަކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އަދި ފަހުން ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓުމަށްފަހު އިންޑިއާ އިން ފުރުން މަނާކޮށްފަ އެވެ.

އެހެންވުމުން މި މަހުގެ 10 ހައި ސަލްމާން ޚާން ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބާއްވަން ހަމަޖެހިފައިވާ "ދަ-ބަންގް" ޓުއާގައި ވެސް ޖެކްލީން އަށް ބައިވެވެރިއެއް ނުވެވޭނެ އެވެ. އެހެންވެ އޭނަގެ ބަދަލުގައި ޓުއާ އަށް އެހެން ތަރިއަކު ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ އޭނާ ލޯބީގެ ގުޅުމެއް ބާއްވަމުން އައި ކަމަށް ބުނާ ސުކޭޝް ޗަންދުރަސޭކަރު އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

އޭނަގެ އަތުން ޖެކްލީން އަށް ހަދިޔާގެ ގޮތުގައި 10 ކްރޯޑް ރުޕީސްގެ ތަކެތި ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު، ދެ މީހުން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ވެސް މިދިޔަ ހަފުތާގައި ލީކްވެފައިވެ އެވެ. ޖެކްލިން އަށް ލިބުނު ކަމަށް ބުނާ ތަކެތީގެ ތެރޭގައި އަގު ބޮޑު އަހާއި ކާރު ހިމެނެ އެވެ.

މިކަމާ ގުޅިގެން ޖެކްލީންއާ އީޑީ އިން ފުރަތަމަ ސުވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ސުކެޝްއާ އަތުން އަގު ބޮޑެތި ހަދިޔާތައް ލިބުނު ކަމަށް ބުނާ މީހުންގެ ތެރޭގައި ބޮލީވުޑްގެ މިހާރުގެ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީ ވެސް ހިމެނެ އެވެ. އެކަމަކު އޭނާ ވަނީ އެކަން ކުރިން ދޮގުކޮށްފަ އެވެ.

ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ. އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑްރިންގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހުމަތެއް ސުކޭޝްގެ މައްޗަށް ކުރެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްރީލަންކާ އަށް ނިސްބަތްވާ ޖެކްލިން ބެދިދާނެތީ އެކަމުގައި އެހީވުމަށް ސަލްމާންގެ އޭނާ ކިބައިން އެދިފައިވެ އެވެ. އެކަމަކު ސަލްމާނާއި ފިލްމު އިންޑަސްޓްރީގައި ތިބި ޖެކްލިންގެ ގާތް އެއްވެސް ބަޔަކު އެކަމުގައި އެއްވެސް ރޯލެއް އަދާކުރަން ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.