Roadha Mihaaru
އޭސީސީގެ މެސެޖް ވަރުގަދަ، ސަރުކާރަށް ވެސް ނޫނެކޭ!

އޭސީސީގެ މެސެޖް ވަރުގަދަ، ސަރުކާރަށް ވެސް "ޒީރޯ ޓޮލަރެންސް"!

22 އޮކްޓޯބަރ 2019

ކޮރަޕްޝަނާ ދެކޮޅަށް، މި ސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސެ"ވެ. އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އޮތީ ރައްޔިތުންނަށް ދީފަ އެވެ. މިއީ، އިޚްލާސްތެރި ނިޔަތެއް ނަމަ، ކޮރަޕްޝަނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ މަސައްކަތާއި ތަހުގީގުތަކަށް ވެސް ނުފޫޒު ނުފޯރުވާށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮރަޕްޝަނާ ދެކޮޅަށް، މި ސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސެ"ވެ. އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އޮތީ ރައްޔިތުންނަށް ދީފަ އެވެ. މިއީ، އިޚްލާސްތެރި ނިޔަތެއް ނަމަ، ކޮރަޕްޝަނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ މަސައްކަތާއި ތަހުގީގުތަކަށް ވެސް ނުފޫޒު ނުފޯރުވާށެވެ.

ރައްޔިތުންގެ މަޖިލީހުން، އޭސީސީ ޒިންމާދާރުކުރުވަން ޖެހޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، އޭސީސީގެ އާ މެމްބަރުން އިއްޔެ ދެއްވީ މި މެސެޖެވެ. ނުފޫޒަށް ނުގުޑާނެ ކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ އެ މަގުން ދާ ނަމަ، ކުރިއަށް އޮތް ތަނުގައި ވެސް އެކަން ހާމަކުރައްވާނެ ކަމަށެވެ.

އޭސީސީގެ ކަންބޮޑުވުމަކީ އެ ކޮމިޝަނުން ބަލާ މައްސަލަތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން އުޅުމެވެ.

އެއީ ރާއްޖޭގައި އަށަގަނެފައި އޮތް ސަގާފަތެކެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ އިތުރުން ވެސް ނުފޫޒު ގަދަ މަގާމްތަކުގައި ތިއްބަވާ މެމްބަރުންގެ އުނދަގޫ ތަހުގީގުތަކަށް ބޮޑެވެ. ވަކި މައްސަލައެއް އަވަސް ކުރަން ނުވަތަ ކުރިއަށް ނުގެންގޮސް ބާއްވަން ނުފޫޒު ފޯރުވަ އެވެ. ދާއިރާއާ ގުޅުން ހުންނަ މީހުންގެ މައްސަލަތަކުގައި ވަކި ގޮތަކަށް ނިންމަން މަޖިލީހުގެ ބައެއް މެމްބަރުންނަށް އިރުޝާދު ދީ ހަދަ އެވެ. ރާއްޖޭގައި ހެދި ކޮރަޕްޝަނާ ގުޅޭ އެކި ދިރާސާތަކުން އެކަން އޮތީ ފެންނާށެވެ.

އޭސީސީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. -- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ކޮމިޓީ އަށް ހާޒިރުކުރުމުން، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ކުރެއްވީ އެ ޝަކުވާ އެވެ. އޭނާ ހިއްސާކުރެއްވީ، އެ ކޮމިޝަންގެ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ކުރު މުއްދަތުގައި ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންކަމެވެ. އެއް ކަމެއްގެ ގޮތުގައި، ހިތްހަމަނުޖެހުން ފާޅުކުރެއްވީ އޭސީސީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު، ގުޅުއްވުމެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ސަމީރު ގުޅުއްވީ އޭނާއާ ގުޅުމެއް ނެތް ކަމެއްގަ އެވެ. ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައި އެހެން ބޭފުޅެއްގެ ކަމެއްގައި ގުޅުއްވުމުގެ ބޭނުމަކީ ވަކި ގޮތަކަށް ކަމެއް ކުރުވުން ކަން ވާހަކަ ދެއްކެވި ގޮތުން އެނގިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުނާ އަށް ގުޅުއްވި ކަން ދޮގުނުކުރައްވައި ސަމީރު ވިދާޅުވީ ނުފޫޒު ފޯރުއްވި ކަމަށް ދޭހަވާ ގޮތަށް ވިދާޅުވަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ. އޭނާ ގުޅުއްވީ، ސަމީރު ވިދާޅުވި ގޮތުގައި، ސްޓޭޓް މިނިސްޓަރަކަށް ލޭންޑް ލައިނަކުން ގުޅާފައި އަމިއްލަ ހައިސިއްޔަތުން ވަކީލަކާ އެކު އޭސީސީއަށް ހާޒިރުވާން އެންގީމާ އެ ސްޓޭޓް މިނިސްޓަރު އެކަމާ ކަންބޮޑުވެވަޑައިގަތުމުންނެވެ. ސްޓޭޓް މިނިސްޓަރު އަމިއްލަ ހައިސިއްޔަތުން ހާޒިރުވާން ބުނުމުން އެކަން ރައީސް އޮފީހުގެ ސަމާލުކަމަށް ގެންނަން ސަމީރު އަރިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް ވެސް ޓްވީޓްގައި ސަމީރު ވިދާޅުވި އެވެ.

އޭސީސީގެ ތުހުމަތު ސަމީރު ދޮގު ކުރެއްވުމުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ ސަރުކާރުގެ ވަކި ބޭފުޅެއްގެ ނަން ހިފައިގެން ގޮސް މަޖިލީހުގެ ކޮމިޓީގައި އާއްމުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސަމީރު ގުޅުއްވީ އޭނާއާ ގުޅުން ހުރި މައްސަލައެއްގައި ނޫން ކަމަށް ޝިއުނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މީގައި ފެންނަން އޮތީ ދެ ބޭފުޅުންގެ ވާހަކަ އެވެ. ވަކި މައްސަލައަކަށް ސަމީރު ނުފޫޒު ފޯރުއްވަން އުޅުއްވީ ކަމަށް ނުވަތަ އޭސީސީން ހަގީގަތާ ޚިލާފު ތުހުމަތެއް ކުރީ ކަމަކަށް ނުނިންމަމެވެ!

އާ ކޮމިޝަނަށް ޕްލަސް ޕޮއިންޓެއް!

އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލިފައި އޮތް މިނިވަން މުއައްސަސާ އެވެ. މި ސަރުކާރުން އާ މެމްބަރުންތަކެއް އައްޔަން ކުރި ނަމަވެސް އެކަން އޮތީ އެ ގޮތުގަ އެވެ. އެ އިތުބާރު އުފައްދަން ދުވަސް ނަގާނެ އެވެ.

އޭސީސީން މަޖިލީހުގެ ކޮމިޓީގައި އިއްޔެ އަމަލުކުރީ ރަނގަޅަށެވެ. ނުފޫޒު ފޯރުވާ ނަމަ އެކަން ހާމަކުރަން ޖެހެ އެވެ. ރައްޔިތުން އެދުނީ ހިތްވަރު ހުންނަން މެމްބަރުންނަށެވެ.

އޭސީސީގެ އާ މެމްބަރުން: ނުފޫޒުގެ ދަށު ނުވެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭސީސީގެ އާ މެމްބަރުން: ނުފޫޒުގެ ދަށު ނުވެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭސީސީ ހާޒިރުވި ކޮމިޓީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސިފަކުރެއްވި ގޮތުގައި އޭސީސީގެ ރައީސް ޝިއުނާ އާއި މެމްބަރުން ދެއްކެވީ ހިތްވަރު ގަދަ ކަމުގެ ނަމޫނާއެކެވެ. ނަޒާހަތްތެރި މަޖިލީހަކުން އިސްލާހުކުރި މުއައްސަސާގެ ނަޒާހަތްތެރި މެމްބަރުންނަށް ޝުކުރު ހައްގު ކަމަށް ވިދާޅުވި އެވެ.

"ޔަގީނުން ވެސް އަޅުގަނޑު ހުންނާނީ ތި ކަހަލަ ކަންކަމަށް އެއްބާރުލުން ދޭ މީހެއްގެ ގޮތުގައި،" ޔައުގޫބް ޓުވިޓާގައި ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގަކަށް ނުފޫޒު ފޯރުވަން އުޅުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ އެކަން ބަލަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ގޮވާލައްވައިފަ އެވެ.

ބަހާއި އަމަލު ދިމާވުން މުހިއްމު

ތަހުގީގީ އިދާރާއެއްގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވީ އޭސީސީން އިއްޔެ ދިނީ ރަނގަޅު މެސެޖެއް ކަމަށެވެ. މިގޮތަށް ހާމަކުރަން ފެށުމަކީ ތަހުގީގުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވޭނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ބަހާއި އަމަލުން އެކަން ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީ އަށް އިތުބާރު މުހިއްމު އިރު، އެ ކޮމިޝަން ކުރިން ހިންގި ގޮތަށް ނުފޫޒަށް ޖާގަ ދީގެން ކަންކަން ކުރާ ނަމަ އިތުބާރެއް ނޫފެއްދޭނެ އެވެ.

"ކުރީގެ ސަގާފަތުން ދުރުވެ ރައްޔިތުންގެ އިތުބާރު ދަމަހައްޓަން މުހިއްމު އެއް ކަންތައް އެއީ ނުފޫޒު ނުފޯރުވޭނެ ކަން ހުރިހާ ފަރާތްތަކަށް ވެސް އެންގުން. ސިޔާސީ ފަރާތްތަކަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން ދިނުން އެއީ ރަނގަޅަށް ކުރި ކަމެއް،" ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އޭސީސީ އަށް ބަދަލުތަކެއް އަންނަން ޖެހޭ. އިތުބާރު އުފެއްދޭނީ ދޭ ޔަގީންކަމާ އެކު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އަވަހަށް ޕްރޮސިކިއުޓް ކުރުމާއި އަވަސް އެކްޝަން ނެގުން ފަދަ ކަންކަން ވެސް ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އޭސީސީ އަށް ދެން އޮތީ ތަފާތު ދެއްކުމެވެ. ނުފޫޒަށް ނުގުޑާނެ ކަމަށް ދިން ޔަގީންކަމާ އެކު އަމަލުން ވެސް އެކަން ދައްކަން ޖެހެ އެވެ. ޒީރޯ ޓޮލަރެންސް ކަމަށް ބުނެ ސަރުކާރުން ކޮރަޕްޝަން ހިންގާ ނަމަ ޖެހިލުން ނުވެ އެކަން ހާމަކޮށް، ޒިންމާ އަދާކުރަން ޖެހެ އެވެ. ޒީރޯ ޓޮލަރެންސަކީ އެ އެވެ.