Roadha Mihaaru
ދޫދީގެން މަޝްވަރާ ފަށަން ސަރުކާރުން އެއްބަސްވެއްޖެ!

ޝަރުތު ގަބޫލުކޮށް މަޝްވަރާތައް ފަށަން ސަރުކާރުން އެއްބަސްވެއްޖެ

29 ސެޕްޓެމްބަރ 2016

އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވީ ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާނީ އދ.ގެ މަންދޫބާއެކު ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. އެ ޝަރުތަށް އެއްބަސްވެ އދ.ގެ މަންދޫބާއެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވީ ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާނީ އދ.ގެ މަންދޫބާއެކު ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ. އެ ޝަރުތަށް އެއްބަސްވެ އދ.ގެ މަންދޫބާއެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ވިސްނުން މިހާރު ހުރީ ވަރަށް ބޮޑަށް ދޫދީގެން، އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ހުރިހާ ކަމަކާ ވާހަކަ ދައްކައި ހައްލު ހޯދުމަށެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ވެސް ސިޔާސީ ބޭފުޅުންގެ ހުކުމް ލުއިކުރަން ވާހަކަ ދެއްކުން ވިއަސް ސަރުކާރުން ތައްޔާރު ކަމަށް ޝައިނީ ވިދާޅުވި އެވެ.

އިކޮނޮމިކް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ހަވާސާގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން، މަޝްވަރާތަކުގައި ސަރުކާރުގެ އިސް މަންދޫބު ޝައިނީ ވިދާޅުވީ މަޝްވަރާ ފަށަން ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތް ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން މިފަހަރު ވެސް ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށާއި އެކަމަށް ސަރުކާރުން ދެކޮޅު ނުހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާކޮށްގެން ހައްލުކުރުމަށް ކޮންމެ ކަމެއް މޭޒު މައްޗަށް ގެނަޔަސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް. --ޝައިނީ

މިނިސްޓަރު ވިދާޅުވި ގޮތުގައި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް މިހާރު ހުންނެވީ ކުރު ޗުއްޓީއެއްގަ އެވެ. އޭނާ އެނބުރިވަޑައިގަތުމާ އެކު މަޝްވަރާ ފަށާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަންނަ މަހުގެ މެދެއްހާ ހިސާބުގައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް މިބަލަނީ. އެހެންވީމަ އޭނާ ވަޑައިގަތުމާއެކު ސަރުކާރުން މަޝްވަރާ ފަށާނެ،" އޭނާ ވިދާޅުވި އެވެ.

މަޝްވަރާކޮށްގެން ކަންކަން ހައްލުކޮށް، ޝައިނީ ވިދާޅުވި ގޮތުގައި، ސަރުކާރުން އޮތީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދޭން ކެތްމަދުވެފަ އެވެ.

މަޝްވަރާތަކުގައި ސިޔާސީ ލީޑަރުން މިނިވަންކޮށް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އަމާޒު ހިފާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

މި ވާހަކަ އަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް އައިސް ކޮންމެ ފަދަ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު އެބައޮތެެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުން ކަމަށް ވިއަސް ވާހަކަ މަޝްވަރާގެ މޭޒުގައި ވާހަކަ ދައްކާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ސަރުކާރުގެ ވަކި އެޖެންޑާއެއް ނެތް. އެކަމަކު އިދިކޮޅު ފަރާތްތަކުން އެ ހުށަހަޅަނީ ރަނގަޅު ކަންތައްތައް ކަމަށް އަޅުގަނޑު ގަބޫކުރަނީ. މަޝްވަރާކޮށްގެން ހައްލުކުރުމަށް ކޮންމެ ކަމެއް މޭޒު މައްޗަށް ގެނަޔަސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އަބަދުވެސް ބުނާ ވާހަކަ އަކީ މަޝްވަރާގެ މޭޒަށް ނައިސް ޝަރުތުތަކެއް ހުށަނޭޅޭނެ ކަމަށެވެ. އެވެ. އެކަން ކޮމަންވެލްތުން ވެސް ފާހަގަކޮށް، ޝަރުތަކާ ނުލައި މަޝްވަރާ ފަށަން ގޮވާލާފައި ވަނީ އެއް މޭޒެއްގައި ތިބެ ކަންކަން ނިންމުމަށް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

މަޝްވަރާތައް އަލުން މި ފަށަނީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ.

އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ.

އދ.ގެ މަންދޫބު ތަމްރަތު ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި ވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.