Roadha Mihaaru
ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނު!

ހިބަޅިދޫ މައްސަލަ ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތު!

23 އޮކްޓޯބަރ 2019

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކުރި ބ. ހިބަޅިދޫގެ މައްސަލަ ކޯޓުން، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުތަކަކާ އެކު، އެކަން ބަލައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކުރި ބ. ހިބަޅިދޫގެ މައްސަލަ ކޯޓުން، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުތަކަކާ އެކު، އެކަން ބަލައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބިޒްނާސް މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޔާޒް) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ފަނޑިޔާރުންނަށް ތުހުމަތުތަކެއް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ފަނޑިޔާރުން ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުކެއް ކުރެވޭތީ ކަންބޮޑުވުން ފާޅުކުރެއްވުމުގެ އެކަމުގެ ހަގީގަށް ހޯދުމަށް މަޖިލީހުން ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.

މިނިސްޓަރު އަލީ ވަހީދު ކޮމިޓީގައި ވިދާޅުވެފައިވާ ގޮތުގައި "ކޯޓުން މިވެނި ވަރެއް ދައްކާށޭ" ބުނެ ނުދެއްކުމުން ވިޔަފާރިވެރިން މާޔޫސްކޮށްލާ ނިޒާމު ބަލައެއް ނުގަނެވެ އެވެ. ހިބަޅިދޫ މައްސަލައިގައި ހައްގުތަކެއް ވެސް ގެއްލިފައިވާ ކަން ކޮމިޓީގައި އަލީ ވަހީދު ފާހަގަކުރެއްވި އެވެ.

ހިބަޅިދު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައި ވަނިކޮށް، ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު ރަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ރަށުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކުރީ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްއާރުސީ) މެދުވެރިކޮށް ހިބަޅިދޫ 50 އަހަރަށް ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުން 2016 ގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބާތިލްކުރީ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރު ނުދައްކާ ކަމަށް ބުނެ އެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާގައި ބިޒްނާސް މޯލްޑިވްސް އިން ވަނީ އެކަމާ އިންކާރުކޮށްފަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެކަމަކު އެ ހުކުމާ އެއްގޮތަށް ރަށް ހަވާލެއް ނުކުރި އެވެ. ރިޔާޒްގެ ސިޓީގައި ތަފްސީލްކޮށްދީފައި ވަނީ މި ހުކުމް ޓޫރިޒަމް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި އޮތް މުއްދަތުގައި ހިނގައިދިޔަ ގާނޫނާ ޚިލާފު އަމަލުތަކެއްގެ ވާހަކަ އެވެ.

ފަނޑިޔާރުން ފައިސާ ބޭނުންވާ ކަމުގެ ކޯލްތަކެއް

ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި، ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ނުދަންނަ އެތައް ނަމްބަރަކުން ގުޅި އެވެ. އެ މީހުންގެ ހުށަހެޅުމަކީ އޭނާގެ ކޮޅަށް މައްސަލަ ނިންމުމަށް ފަނޑިޔާރުންނަށް ފައިސާ ބޭނުންވާ ވާހަކަ ކަމަށް ސިޓީގައިވެ އެވެ.

"ދެ ފަރާތަކުން އަޅުގަނޑުގެ ކުންފުނީގެ އޮފީހަށް އަޅުގަނޑާ ބައްދަލުކުރަން އައިސް ވަކި ވަރަކަށް ފައިސާ ހަމަޖައްސައިދެއްވައިފި ނަމަ އަޅުގަނޑު ބޭނުންވާ ދުވަހަކު ބޭނުން ގޮތަކަށް މައްސަލަ ނިންމިދާނެ ކަމަށާއި އެ މީހުންނަކީ ސީދާ ފަނޑިޔާރުންގެ ފަރާތުން އައިސްތިބި ބައެއް ކަމަށާއި އެ މީހުންގެ ޝަރުތުތަކަށް އެއްބަސްވާ ނަމަ ރާއްޖެ އިން ބޭރުގައި އަޅުގަނޑު ހަމަޖައްސާ ގޮތެއްގެ މަތިން ސީދާ ފަނޑިޔާރުންނާ ބައްދަލުކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ،" ސިޓީގައިވެ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެ ހުށަހެޅުއްވުމަށް އޭނާ އިންކާރުކުރެއްވީ އެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި، ހިބަޅިދޫ މައްސަލައިގައި އޭނާއާ ވާހަަކަ ދެއްކެވި މިނިސްޓަރާއި އެ މައްސަލަ ކުރިއަށް ދިޔައިރު، ހައި ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ނަންތައް ލިއެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން މިނިސްޓަރުގެ ޚަރަދުގައި ޗުއްޓީ އަށް ބޭރަށް ގެންގޮސް ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ވެސް ހިބަޅިދޫ މައްސަލަ އަށް ކުރީގެ މިނިސްޓަރު ނޫފޫޒު ފޯރުއްވަން އުޅުއްވި ކަމަށް ރިޔާޒް ތުހުމަތު ކުރައްވަ އެވެ. މިކަން ސިޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހެޅުއްވި ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައި ރިޔާޒް އެދިވަޑައިގެންފައި ވަނީ، ހައި ކޯޓުގައި މައްސަލަ އޮތް ދުވަސްވަރު ބެންޗުގައި ހިމެނުނު ފަނޑިޔާރުން ރާއްޖެ އިން ބޭރަށް ގޮސްފައިވާ އަމިއްލަ ދަތުރުތަކާއި އެ ދަތުރުތަކަށް ޚަރަދުކުރެއްވި ފަރާތްތައް ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށެވެ. ރިޔާޒް ވިދާޅުވާ ގޮތުން، ހިބަޅިދޫގެ މައްސަލާގައި ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ ކިބައިން އޭނާ ބޭނުންވަނީ އެ ރަށާ މެދު އަވަހަށް ގޮތެއް ނިންމައި ދިނުމެވެ. އަދި މިދިޔަ ދުވަސްތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވެ އެވެ.