Roadha Mihaaru
ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް

ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް!

24 އޮކްޓޯބަރ 2019

ދައުލަތުގެ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި މިއަހަރުގެ މިހާތަނަށް 3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަން ފިނޭންސްގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި މިއަހަރުގެ މިހާތަނަށް 3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަން ފިނޭންސްގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.

އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ދިވެހި ރުފިޔާއިން ޓީބިލް ވިއްކި ވަރު 931 މިލިއަން ރުފިޔާ އަށް އަރަ އެވެ. ޑޮލަރުން ޓީބިލް ވިއްކި ވަރު 150 މިލިއަނަށް އަރާއިރު މިއީ އިންޑިޔާ ސަރުކާރަށް ވިއްކާފައިވާ ވަރެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ޓީބިލްގެ އަދަދު އެހާ ބޮޑު ކަމަށް ދައްކަނީ އިންޑިޔާ އަށް ޓީބިލް ވިއްކުމުގެ ސަބަބުންނެވެ. އިންޑިޔާ އަށް ޓީބިލް ވިއްކާފައި ވުމާ އެކު މި އަހަރު ސަރުކާރުން އިތުރަށް ސޮވެރިން ބޮންޑު ވިއްކައިފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި 226 މިލިއަން ރުފިޔާގެ ޓީބިލް ދައުލަތުން ވިއްކާފައިވެ އެވެ. ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.

އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގެ ތެރެއިން ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ޓީބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓްރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ބަޖެޓުގެ ބޭރުން ހޯދުމަށް ކަނޑައަޅާފައިވެ އެވެ. މި އަހަރު ނިމޭއިރު ކުރިއަށް އޮތް ދެ މަސް ތެރޭގައި ވެސް ބޮޑެތި އަދަދުތަކުން ޓީބިލް ވިއްކާނެ ކަމަށް ފިނޭންސުން ބުނެ އެވެ.

ސަރުކާރުގެ ކޭޝްޕްލޯ ހަމަޖެއްސުމަށް ޓީބިލް ވިއްކާ އިރު މިިދިޔަ އަހަރު ނިމުނުއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އެހެންކަމުން ޓީބިލް ވިއްކި އަދަދު ހިސާބުތަކުން އެންމެ ބޮޑު އަހަރަކަށް މި އަހަރު ވެގެންދާނެ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް މީގެ ކުރީ ސަރުކާރުތަކުން ވެސް ބޮޑެތި އަދަދުތަކުން ޓީބިލް ވިއްކާފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ކޭޝްފްލޯ ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އެއީ އެއްފަހަރާ ޓީބިލް އެންމެ ގިނަ އަދަދަކަށް ވިއްކި އެއް ފަހަރެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.