Roadha Mihaaru
ޑރ. މުހައްމަދު އަލީ: އަބަދުވެސް އާންމުންނާ އެކު!

ޑރ. މުހައްމަދު އަލީ: ހޮސްޕިޓަލާއި ވައިބާ އަދި ޓީވީން ވެސް އާންމުންނާ އެކު!

29 އޮކްޓޯބަރ 2019

ބަލިމީހުން ބެއްލެވުމުގެ އިތުރުން ޑރ. މުހައްމަދު އަލީ އަށް ކޮންމެ ދުވަހަކު ވެސް ކުރައްވަން ޖެހޭ އެ ޒާތުގެ އެހެން ކަމެއް އޮވެ އެވެ؛ އާއިލީ މެމްބަރުން ކުރާ ސިއްހީ ސުވާލުތަކަށް ޖަވާބުދެއްވުމެވެ. ނަމަވެސް އެއީ އޭނާ އަށް ބުރަކަމަކަށް ނުވެ އެވެ. އެއީ އޭނާއަށް އުފަލެކެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބަލިމީހުން ބެއްލެވުމުގެ އިތުރުން ޑރ. މުހައްމަދު އަލީ އަށް ކޮންމެ ދުވަހަކު ވެސް ކުރައްވަން ޖެހޭ އެ ޒާތުގެ އެހެން ކަމެއް އޮވެ އެވެ؛ އާއިލީ މެމްބަރުން ކުރާ ސިއްހީ ސުވާލުތަކަށް ޖަވާބުދެއްވުމެވެ. ނަމަވެސް އެއީ އޭނާ އަށް ބުރަކަމަކަށް ނުވެ އެވެ. އެއީ އޭނާއަށް އުފަލެކެވެ.

އެކަމަކު އޭނާ ހިތަށްއަރަ އެވެ. ކޮންމެ އާއިލާއެއްގައި ޑޮކްޓަރެއް ނުހުންނާނެތާ އެވެ. އެހެންވިއްޔާ އެހެން މީހުން އެގޮތަށް ފަސޭހައިން ސުވާލެއް ކޮށްލާނީ ކާކާ ބާވަ އެވެ؟ އެ ސުވާލުގެ ޖަވާބު މިއަދު ވަނީ ލިބިފަ އެވެ. ޑރ. މުހައްމަދު އަލީގެ ވައިބަ ގްރޫޕާ އެކު އޭނާ އަކީ މިހާރު "ކޮންމެ އާއިލާއެއްގެ ވެސް ޑޮކްޓަރެ"ވެ. އެ ގްރޫޕްގައި އާންމުން ކުރާ ސުވާލުތަކަށް ކޮންމެ ދުވަހަކު ވެސް އޭނާ ޖަވާބު ދެއްވަ އެވެ.

މީގެ ދެ މަސް ކުރިން ހެދި އޭނާގެ ވައިބާ ކޮމިއުނިޓީ ގުރޫޕުގެ މެމްބަރުންގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ. އެ އަދަދު ކޮންމެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ. އެ ގްރޫޕްގައި ސުވާލުކުރަން ހުޅުވާލާފައި އޮންނަނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 10:30 އާ ދެމެދެވެ. ސުވާލުތަކަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޑރ. މުހައްމަދު އަލީ ޖަވާބުދެއްވަ އެވެ.

Dr.Mohamed Ali(އެތެރެހަށީގެ)

Dr.Mohamed Ali(އެތެރެހަށީގެ)

To spread medicine from 15/08/2019

ވައިބާ ކޮމިއުނިޓީއަށް ވަންނަ ލިންކް

މީހުން ކުރާ ސުވާލުތަކުގެ ތެރޭގައި ސިއްހީ ބޮޑު މައްސަލައަކަށް ވެދާނެ ކަމެއް އޮތް ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އޭނާ ލަފާދެއްވަ އެވެ. އަދި އެތެރެހަށީގެ ކަމެއް ނޫން ނަމަ އެ ބައްޔަކާ ގުޅޭ ހާއްސަ ޑޮކްޓަރަކަށް ދައްކަން އޭނާ އެދިވަޑައިގަނެ އެވެ. ބައެއް މީހުން އީސީޖީ އާއި ބައެއް ޓެސްޓްތަކުގެ ނަތީޖާ ވެސް ގްރޫޕަށް ލަ އެވެ. ޑރ. މުހައްމަދު އަލީ ގެންދަވަނީ އެފަދަ ޓެސްޓްތަކުގެ ނަތީޖާއާ މެދު ވެސް ގްރޫޕް މެމްބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކިހާ ފަސޭހަ ހެއްޔެވެ؟ ހަގީގަތުގައި ޑރ. މުހައްމަދު އަލީ އެކުރައްވާ މުހިއްމު މަސައްކަތުން ފައިދާވަނީ ދޭދޭ މީހުންނަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް ފައިދާތަކެއް ކުރާނެ އެވެ. އާސަންދައާ އެކު ހިލޭ ޑޮކްޓަރަށް ދެއްކޭތީ ކިރިޔާ ކަމެއް ވިޔަސް ހޮސްޕިޓަލަށް ދިއުމުގެ އާދަ ބޮޑުވެފައިވާ މި ދުވަސްވަރު އެ ސަލާމަތްކުރެވެނީ ހާދަ ފައިސާއަކާއި ހާދަ ވަގުތެކެވެ. އެފަދަ އެންމެ އެޕޮއިންޓްމެންޓެއް ހަދަން ނުޖެހުމަކީ ވެސް ހޮސްޕިޓަލުތަކަށް ލިބޭނެ ލުޔެކެވެ.

އޭނާ މިކަން ކުރައްވަނީ، ރަސްމީ ގަޑީގައި އައިޖީއެމްއެޗްގައި އޭގެ ފަހުން އޭއެމްޑީސީ އާއި ދި ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ފަހު، އާއިލާއާ އެކު ގޭގައި ހޭދަކުރައްވަން ލިބިވަޑައިގަންނަވާ މަދު ވަގުތުކޮޅުގެ ތެރޭގަ އެވެ. އެހެންކަމުން މިއީ އޭނާގެ ޝައުގުވެރިކަން ބޮޑުކަމުން ކުރެއްވޭ ކަމެކެވެ.

"މޯޓިވޭޝަނެއް ނެތިއްޔާ ނުވާނެ މި ކަމެއް. މިއީ ވަރަށް ބުރަ އަދި ވަގުތު ދާ ކަމެއް. އަނެއްހެން އޮތް ހަމައެކަނި ފައިދާއަކީ މުޖުތަމައުއަށް ކަމެއް ކޮށްދެވުން،" ތިން ކުދިންގެ ބައްޕަ ވިދާޅުވި އެވެ.

"ބައެއް ދުވަސްތައް ދޭ ކުދިންނަށް ވެސް ގިނަ ވަގުތު ނުދެވޭ. އަޅުގަނޑުގެ އަންހެނުންގެ ސަޕޯޓާ އެކު އަސްލު މިކަން މިވަނީ."

ޑރ. މުހައްމަދު އަލީ އޭނާގެ އާއިލާއާ އެކު: މުޅި މުޖުތަމައުއަކީ ވެސް އާއިލާ

ޑރ. މުހައްމަދު އަލީ އޭނާގެ އާއިލާއާ އެކު: މުޅި މުޖުތަމައުއަކީ ވެސް އާއިލާ

އާންމު ގޮތެއްގައި ވައިބަ ގްރޫޕްގައި ދުވާލަކު 20-30 ސުވާލަށް ޖަވާބު ދެއްވަ އެވެ. ބައެއް ޖަވާބުތަކަށް ދިރާސާކުރައްވަ އެވެ. އަދި ގުރޫޕުގައި ކުރަން ނުކެރޭ މީހުން ސީދާ އޭނާއަށް ފޮނުވާ ވަކިވަކި ސުވާލުތަކަށް ވެސް ޖަވާބު ދެއްވަ އެވެ.

"އަންނާނެ އަޅުގަނޑުގެ ދާއިރާއާ ނުގުޅޭ ސުވާލުތައް ވެސް. އެކަހަލަ ސުވާލުތަކަށް އަޅުގަނޑު ކިޔައިދެން ދައްކަން ޖެހޭނީ ކޮންކޮން ޑޮކްޓަރުންނަށްކަން. އަދި ބައެއް މީހުން ކުރާ ސުވާލުތަކަށް ޖަވާބު ހޯދަން ރިސާޗް ވެސް ހަދަން ޖެހޭ. އެކަމަށް ވަގުތު ނަގާ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އޮފް ދުވަހު އަތޮޅުތެރެއަށް!

އުމުރުން 33 އަހަރުގެ ޑޮކްޓަރު އެމްބީބީއެސްއަށް ފަހު ދެ އަހަރު މަސައްކަތްކުރެއްވީ އުފަން ރަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގަ އެވެ. އެތެރެހަށީގެ ބަލިތަކަށް ހާއްސަވެ، ރާއްޖެ ވަޑައިގެން މަސައްކަތްކުރައްވާތާ ދެ އަހަރު ވާނީ އަންނަ މަހަށެވެ.

ވައިބާ ކޮމިޔުނިޓީގައި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ އިތުރުން ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ކްލިނިކްތަކުގެ އެދުމަށް އެ ރަށްރަށަށް ވެސް ވަޑައިގެން ޑރ. މުހައްމަދު އަލީ ގެންދަވަނީ ބަލިމީހުން ބައްލަވަމުންނެވެ. ހިލޭސާބަށް އެކަން އޭނާ ކުރައްވަނީ ލިބިވަޑައިގަންނަވާ އޮފް ދުވަސްތަކުގަ އެވެ.

ޑޮކްޓަރު އަތޮޅުތެރޭ ރަށެއްގައި--

ސިއްހީ ހޭލުންތެރިކަން އުފެއްދެވުމުގެ ރޮނގުން އޭނާގެ މަސައްކަތް މިހާރު ވެސް މި ވަނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންނާ ވަރަށް ބޮޑަށް ގުޅިފަ އެވެ. އޭގެ މިސާލަކަށް ޓީވީއެމްގެ ސިއްހީ ޕްރޮގްރާމް "ދުރާލާ" ނެގިދާނެ އެވެ. އެ ޕްރޮގްރާމްގެ ޕްރެޒެންޓަރަކީ ވެސް، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އެގްޒެކެޓިވް ސެކެޓްރީ އަދި އައިޖީއެމްއެޗްގެ ނެޝަނަލް ހެލްތު ކެއާ އެކަޑެމީގެ ވައިސް ޑީންއަކަށް ހުންނެވި ޑރ. މުހައްމަދު އަލީ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެ ހުރިހާ ކަމެއްގައި އުޅުއްވަމުން ވެސް އަމިއްލަ ދިރިއުޅުން އެހާމެ ރަނގަޅެވެ. އާއިލީ އުފާވެރިކަން ބޮޑެވެ. އެކަމަކު ޒުވާން ޑޮކްޓަރުގެ އެ އުފާވެރިކަމާއި ހިތްހަމަޖެހުން އޮތީ ހަމައެކަނި އޭނާގެ އާއިލާއާ ގުޅިފައެއް ނޫނެވެ: އޭނާއަށް ފެނިވަޑައިގަންނަވަނީ މުޅި މުޅި މުޖުތަމައު ވެސް އާއިލާގެ ބައެއް ގެ ގޮތުގަ އެވެ.