Roadha Mihaaru
ހައުސިން ދާއިރާއާ މެދު ބޭންކްތަކުގެ ކަންބޮޑުވުން ބޮޑު!

ހައުސިން ދާއިރާގެ ކުރިމަގާ މެދު ބޭންކްތަކުގެ ކަންބޮޑުވުން ބޮޑު!

30 އޮކްޓޯބަރ 2019

ހަދަމުން އަންނަ ފްލެޓްތައް ގިނަވެ، "ހައުސިން ބަބުލް" އެއް އުފެދި ބޭންކިން ދާއިރާއަށް އޮބިނޯންނަ ވަރަށް ހާލަތު ހިނގައިދާނެތީ އޭގެ ކަންބޮޑުވުން ރާއްޖޭގެ ބޭންކްތަކުން، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ފާޅުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަދަމުން އަންނަ ފްލެޓްތައް ގިނަވެ، "ހައުސިން ބަބުލް" އެއް އުފެދި ބޭންކިން ދާއިރާއަށް އޮބިނޯންނަ ވަރަށް ހާލަތު ހިނގައިދާނެތީ އޭގެ ކަންބޮޑުވުން ރާއްޖޭގެ ބޭންކްތަކުން، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ފާޅުކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ ބިލް ޑްރާފްޓް ކުރަމުން އަންނަ ސަބް ކޮމިޓީއެއްގެ ބައްދަލުވުމަކަށް މިދިއަ އާދިއްތަދުވަހު ގެންދިޔަ ބޭންކްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯނާއި އެޗްޑީއެފްސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހިމެނެ އެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކޮމިޓީއަކަށް ރާއްޖޭގެ ބޭންކްތަައް ހާޒިރުކޮށް، މައުލޫމާތު ސާފުކުރި ފުރަތަމަ ފަހަރެވެ. އެކަމަކު އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމިޓީގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، "މިހާރު" އަށް ވިދާޅުވީ ރިއަލް އެސްޓޭޓް މަސައްކަތްތައް ގިނަކަމުން، ކުރިއަށް އޮތް ދެތިން އަހަރު ސަޕްލައި ވަރަށް ބޮޑަށް އިތުރުވުމުގެ ބިރު އޮތް ކަމަށް ބޭންކްތަކުން ފާހަގަކުރި ކަމަށެވެ. ނަމަވެސް ބޭންކިން ދާއިރާއާ ގުޅޭ ގާނޫނުތައް ހަދާއިރު ހިމެނެން ޖެހޭނެ ކަމަށް، ބޭންކްތަކުން ވަކި ކަމެއް ފާހަގަކުރިކަން ނުވަތަ ނުކުރާކަން، އެ މެމްބަރު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވ ގޮތުގައި ބޭންކްތަކުގައި މޯގޭޖު ކުރާ މުދާ ވިއްކާލުމުގައި އުނދަގޫތައް ދިމާވާ މައްސަލަ ބޭންކުތަކުން ނެގި އެވެ. މިއީ ކުރިން ވެސް ބޭންކްތަކުން ދައްކާ ވާހަކައެކެވެ. ލޯނު ނުދެއްކި، މޯގޭޖް ވިއްކާލާ ހިސާބަށް ދިއުމުން އެކަން ނުކުރެވި ދިގު މުއްދަތެއް ހޭދަވުމުން، ގެއްލުންތަކާ ކުރިމަތިވާ ކަމަށް ބޭންކްތަކުން ބުނެ އެވެ.

ބޯހިޔާވަހިކަމަކީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ މުޅި އާމްދަނީ ކުއްޔަށް ހޭދަކުރުމުގެ ޝަކުވާ ބޮޑެވެ. ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލަށް އެތައް ވައުދެއްވި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރާއްޖެ އޭގެ ކުރިން ނުދެކޭ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށި އެވެ. އޭގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ހަދާ 7،000 ފަލެޓް ހިމެނެ އެވެ.

މި ސަރުކާރުން މިހާރު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،200 ފްލެޓާއި އެކި ރަށްރަށުގައި 800 ފްލެޓް އަޅަން ވަނީ އިއުލާންކޮށްފަ އެވެ.

އޭގެ އިތުރުން އަމިއްލަ ގިނަ ކުންފުނިތަކަކުން ގެންދަނީ ލަގްޒަރީ ފްލެޓްތަކާއި މެދު ފަންތީގެ ފްލެޓްތައް ވެސް ހަދަމުންނެވެ.

މި ފަހުން ބޭންކްތަކުން ވަނީ ހައުސިންއަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުކޮށްފަ އެވެ. އަދި ގެދޮރު ބިނާކުރަން ކުރިން ދެމުން އައި ލޯނުތައް ކުޑަކޮށް، ވަކި ވަރަކަށް ވަނީ ލިމިޓް ވެސް ކޮށްފަ އެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ވެސް، މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ހައުސިން މަޝްރޫއުތައް ގިނަވުމުން ބޭންކްތަކުން އެޅި ފިޔަވަޅެކެވެ.