Roadha Mihaaru
މި އަގު ކިހިނެއް؟ ފްލެޓެއް 1.8 މިލިއަނަށް!

މި އަގު ކިހިނެއް؟ ފްލެޓެއް 1.8 މިލިއަނަށް!

19 ޑިސެމްބަރ 2016

ހުޅުމާލެއިން މިވަގުތު ދެ ކޮޓަރީގެ ފްލެޓެއްގެ އަގު ވެސް އުޅެނީ ތިން މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އެއީ އާދައިގެ ބަޔަކަށް ގަނެވޭ ވަރަށް ވުރެ ބޮޑު އަގެކެވެ. އެހެންވެ އެއަށް ވުރެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ހޯދަން އެތައް ބަޔަކު ތިބީ އިންތިޒާރުގަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ން އެ ފުރުސަތު މިހާރު ވަނީ ތަނަވަސްކޮށްދީފަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލެއިން މިވަގުތު ދެ ކޮޓަރީގެ ފްލެޓެއްގެ އަގު ވެސް އުޅެނީ ތިން މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އެއީ އާދައިގެ ބަޔަކަށް ގަނެވޭ ވަރަށް ވުރެ ބޮޑު އަގެކެވެ. އެހެންވެ އެއަށް ވުރެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ހޯދަން އެތައް ބަޔަކު ތިބީ އިންތިޒާރުގަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ން އެ ފުރުސަތު މިހާރު ވަނީ ތަނަވަސްކޮށްދީފަ އެވެ.

މިހާރަށް ވުރެ ހެޔޮ އަގެއްގައި އާއްމުންނަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް އެޗުޑީސީން އެޅި ފިޔަވަޅަކީ މިހާރު މާކެޓްގައި ބިން ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ހުޅުމާލެ އިން ހަތް ބިމެއް ހަތް ފަރާތަކާ ހަވާލުކުރުމެވެ.

އާންމުންނަށް ވިއްކަން ތަރައްގީކުރާ ފްލެޓްތަކަށް ދޫކުރަނީ، އަކަފޫޓެއް 1،200ރ އަށް، ހުޅުމާލޭގެ ނެބައިހުޑް އެކަކުން 2،600 އަކަފޫޓާއި 2،713 އަކަފޫޓާ ދެމެދުގެ ސައިޒުގެ ހަތް ބިމެވެ. މިއީ މިވަގުތަށް ބަލާއިރު ހުޅުމާލޭގައި ބިން ވިއްކާ އަގަށް ވުރެ ދެ ގުނަ ހެޔޮ އަގެކެވެ.

ހުޅުމާލެ ތަރައްގީކުރާ ކުންފުނީގެ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ އެ ހަތް ބިން ދޫކުރަނީ އާއްމުންނަށް މިހާރު ހުރި އަގަށް ވުރެ ހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން އެ ހަތް ބިމުގައި އިމާރާތްކުރާ ފްލެޓްތަކުގެ އަގު އާއްމުކޮށް ވިއްކާ އަގަށް ވުރެ މިލިއަނެއްހާ ރުފިޔާ ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިޑް ވިއްކިއިރު ވެސް އަޅުގަނޑުމެން އިސްކަން ދިނީ ފްލެޓް ވިއްކަން ހުށަހަޅާ އަގަށް. އެގޮތުން ބެލިއިރު ހުށަހަޅާފައިވާ އަގުތަކަކީ މިހާރު މާކެޓް އަގަށް ވުރެ އެތައް ގުނައެއް ހެޔޮ އަގެއް،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ވިއްކަން ހުޅުވާލި ހަތް ބިމުގައި 112 ފްލެޓް އިމާރާތްކުރަން ވަނީ ހުށަހަޅައިފަ އެވެ. އިމާރާތްކުރާ ފަރާތްތަކުން ފްލެޓެއް ވިއްކާނީ އަކަފޫޓަކަށް އެވްރެޖްކޮށް 1،850ރ. ގެ ރޭޓުންނެވެ. އޭގެ މާނައަކީ 1،000 އަކަފޫޓުގެ އެޕާޓްމަންޓެއް 1.8 މިލިއަން ރުފިޔާއަށް ގަތުމުގެ ފުރުސަތު އޮތުމެވެ.

"ހުރިހާ ޑިވެލޮޕަރުން ވެސް އެވްރެޖްކޮށް ހުށަހަޅާފައި ވަނީ އެއް އަގުތަކެއް. މި އަގުތަކަކީ މިހާރު މާކެޓް ރޭޓަށް ބަލާއިރު ވަރަށް ހެޔޮ އަގެއް. މިހާ އަގު ކުޑަވެގެން ދިޔައީ އަޅުގަނޑުމެން ބިން ވިއްކަން ކަނޑައެޅި އުސޫލުގެ ސަބަބުން،" ޝަރީފް ވިދާޅުވި އެވެ.

އެޗްޑީސީގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ހައުސިންގެ ވާދަވެރިކަން އުފައްދައި، ވީހާ ވެސް ގިނަ ބައެއްގެ އަތްފޯރާ ހިސާބަށް އަގުތައް ތިރިކުރުމެވެ. އެކަމަށް އަމާޒުކޮށް ޕްލޭންތަކެއް އަންނަނީ އެކުލަވާލަމުންނެވެ.

ދުނިޔޭގެ ވެރިކަންކުރާ އެއްވެސް ސިޓީއަކުން ނުލިބޭ ފަދަ ކުޑަ އަގެއްގައި އަޅުގަނޑުމެން މިހާރު ބިން ވިއްކަމުން މިދަނީ. މީގެ ބޭނުމަކީ ގިނަ ބަޔަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދައިދިނުން. އަޅުގަނޑުމެން ވިސްނާފައި އެބަ އޮތް ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ފުރުސަތުތައް ޑިވެލޮޕަރުންނަށް ދޭން - އެޗުޑީސީގެ އަލީ ޝަރީފް

"ދުނިޔޭގެ ވެރިކަންކުރާ އެއްވެސް ސިޓީއަކުން ނުލިބޭ ފަދަ ކުޑަ އަގެއްގައި އަޅުގަނޑުމެން މިހާރު ބިން ވިއްކަމުން މިދަނީ. މީގެ ބޭނުމަކީ ގިނަ ބަޔަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދައިދިނުން. އަޅުގަނޑުމެން ވިސްނާފައި އެބަ އޮތް ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ފުރުސަތުތައް ޑިވެލޮޕަރުންނަށް ދޭން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި މިފަހަރު ތަރައްގީކުރަން ބިން ހުޅުވާލިއިރު އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ކުރިން މި ދާއިރާގައި އިންވެސްޓްކޮށްފައި ނުވާ މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުން ކަމަށެވެ. އޭގެ ބޭނުމަކަށް ވީ އާ ވިޔަފާރިވެރިން މި ދާއިރާއަށް ނެރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވާދަވެރިކަން އުފައްދައި ވީހާ ވެސް ގިނަ ބަޔަކު މި އިންޑަސްޓްރީއަށް ނެރުން. އެހެންވެ ކުރިން މި ދާއިރާގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް އެ ފުރުސަތު ނުދިނީ،" އަލީ ޝަރީފް ވިދާޅުވި އެވެ.

ހުޅުމާލޭގެ ޑިމާންޑް އަންނަނީ ބޮޑުވަމުން

އެޗްޑީސީން މިފަހަރު ދޫކުރި ބިންތަކުގައި ހަދާ ފްލެޓްތަކުގެ އަގަކީ އެކަށީގެންވާ އަގުތަކެއް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަނުން އެންމެ ފުރަތަމަ ވިއްކި އަގުތަކުގައި މިހާރު ފްލެޓެއް ނުލިބޭނެ. ހުޅުމާލޭގެ ބިމުގެ އަގު މިހާރު އެތައް ގުނައެއް މަތިވެއްޖެ،" ސުހައިލް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން އިމާރާތްކުރި 280 ފްލެޓް ދޫކުރީ ތިން ކޮޓަރި މަހަކު 3،000 އާއި 5،000ރ. އާ ދެމެދު އަގުތަކެއްގައި. ނަމަވެސް މިހާރު ތިން ކޮޓަރީގެ ތަނެއްގެ އަގު ވެސް އޭގެ އެތައް ގުނައެއް ބޮޑުވެއްޖެ."

"ހުޅުމާލެއިން އެޕާޓްމަންޓްތައް ގަނެފައި މިހާރު ކުއްޔަށް ދީފައި ތިބި އެތައް ބަޔަކު ބްރިޖް ނިމޭއިރަށް ބަދަލުވާނެ. ތޮއްޖެހިފައި މިއޮތް މާލޭގައި ދިރިއުޅެން ގިނަ ބަޔަކު ބޭނުމެއް ނުވޭ. ހުޅުމާލޭގެ ހިތްގައިމުކަން މާ ބޮޑު"

ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި 280 ފްލެޓް ދޫކުރީ ކުއްޔަށާއި އަދި ފަސް އަހަރަށް ބަހާލައިގެން ޑައުންޕޭމަންޓް ދައްކައިގެން 25 އަހަރުގެ ތެރޭގައި އަމިއްލަ ކުރެވޭ ގޮތަށެވެ. އޭގެ ފަހުން 2008 ގައި 500 ފްލެޓް ދޫކުރީ ފަސް އަހަރަށް ބަހާލައިގެން ޑައުންޕޭމަންޓް ދައްކައިގެން 25 އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ކުރެވޭ ގޮތަށެވެ.

ހުޅުމާލޭގައި އަލަށް ހަދާ 704 ފްލެޓްގެ މަސައްކަތް ކުރިޔަށް ދަނީ: އެޗްޑީސީން ބުނަނީ ކުރިޔަށް އޮތް ތަނުގައި އަގު ހެޔޮ ފްލެޓްތަކެއް އަންނާނެ ކަމަށް --ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އަލަށް ހަދާ 704 ފްލެޓްގެ މަސައްކަތް ކުރިޔަށް ދަނީ: އެޗްޑީސީން ބުނަނީ ކުރިޔަށް އޮތް ތަނުގައި އަގު ހެޔޮ ފްލެޓްތަކެއް އަންނާނެ ކަމަށް --ފޮޓޯ: އެޗްޑީސީ

"އެ އަގުތަކުގައި އަޅުގަނޑުމެން ތަންތަން ދޫކުރެވުނީ ސަރުކާރުން ވަރަށް ބޮޑު އަދަދެއް ސަބްސިޑައިޒް ކޮށްދިނުމުން. ނަމަވެސް އެއީ ސަރުކާރަކަށް އަބަދު ކުރެވޭނެ ކަމަކަށް ނުވާތީ އަމިއްލަ ފަރާތްތަކަށް ފްލެޓް އިމާރާތްކުރަން ބިން ދޫކުރަން ނިންމީ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހުޅުމާލޭގައި ހައުސިން ޑިމާންޑް ކުރިޔަށް އޮތް ތަނުގައި ދާނީ ހައްތަހާ ބޮޑުވަމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ މާލެ އާއި ހުޅުލެ ގުޅުވާލުމެވެ.

"ހުޅުމާލެއިން އެޕާޓްމަންޓްތައް ގަނެފައި މިހާރު ކުއްޔަށް ދީފައި ތިބި އެތައް ބަޔަކު ބްރިޖް ނިމޭއިރަށް ބަދަލުވާނެ. ތޮއްޖެހިފައި މިއޮތް މާލޭގައި ދިރިއުޅެން ގިނަ ބަޔަކު ބޭނުމެއް ނުވޭ. ހުޅުމާލޭގެ ހިތްގައިމުކަން މާ ބޮޑު،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ޑިމާންޑް ބޮޑުވަމުން އަޔަސް މިހާރު ފްލެޓް ގަންނަން ބޭނުން ގިނަ މީހުންނަށް، މިހާރުގެ އަގުތަކުގައި އަތްލެވޭކަށް ނެތެވެ. އެކަމަކު 2 މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ އަގުތަކަށް، ބޭންކްތަކުން ލޯނު ލިބޭނެ ވަރުގެ އާމްދަނީއެއް ލިބޭ ގިނަ ބަޔަކު އެބަ އުޅެ އެވެ. އަލަށް ދޫކުރާ ހަތް ބިމަކީ އެ ފަންތީގެ މީހުންނަށް އޮތް އުއްމީދެކެވެ.