ބިޑަށް ނުލައި ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ފާހާނާ ބަރީގެ އިމާރާތުގެ މައްސަލައިގައި، އެންޓި ކޮރަޕްޝަންގެ ޓީމެއް ދާދި ދެންމެއަކު މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެ އެވެ.
30 އޮކްޓޯބަރ 2019
ބިޑަށް ނުލައި ލޮނުޒިޔާރަތް ކޮޅުގައި ހަދަމުން އަންނަ ފާހާނާ ބަރީގެ އިމާރާތުގެ މައްސަލައިގައި، އެންޓި ކޮރަޕްޝަންގެ ޓީމެއް ދާދި ދެންމެއަކު މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެ އެވެ.
ފާހާނާ ބަރީގެ އިތުރުން ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ބޭއްވެވި ނޫސްކޮންފަރެންސެއްގައި ރޭ ވަނީ ވިދާޅުވެފަ އެވެ.
އޭސީސީން ބުނީ މި މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފުސީލެއް ނުދެ އެވެ.
ސިޓީ ކައުންސިލް މެމްބަރުންނާއި އެ އިދާރާގެ ބައެއް އިސްވެރިންނަށް ގުޅުމުން އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅެއް ނުވި އެވެ.
އެ ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ. ފެށޭ މަހު 11 ގައި އެ ޕާކް ހުޅުވުމަށް ފާހާނާ ބަރީގެ އިތުރުން އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
މިހާރު ވަނީ އެ ޕާކްގެ ބޮޑު ބައެއް ނިންމައިފަ އެވެ. ހުސްބިމެއް ގޮތަށް އޮތް އެ ޕާކްގައި ގިނަ އަދަދެއްގެ ރުކާއި ގަހުގެ އިތުރުން ވިނަ އިންދައި ވަނީ ވަރަށް ބޮޑަށް ފެހިކޮށްފަ އެވެ. އަދި އިށީނދެ ތިބުމަށް ގޮނޑިތަކެއް ވަނީ ބަހައްޓައިފަ އެވެ.
އަޑި ޕާކު ސަރަހައްދުގައި ހަދާ ޕާކުގެ މަސައްކަތް މިއަދު ކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަންކަން ފަޅާއަރުވާލި، ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވިގޮތުގައި ޕާކްގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ނިންމަމުން ދަނީ ކައުންސިލުން ފާސް ކުރުމެއް ނެތި އެވެ. އަދި އެ މަސައްކަތްތައް ހަވާލުކޮށް ނިންމާފައިވަނީ ބިޑް ކޮމިޓީ އަށް ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ގަވާއިދު ބުނާގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާން ކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ.
ފަޒީން ވިދާޅުވާ ގޮތުގައި، އެ މަސައްކަތްތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ސުވާލު ކުރެއްވުމުން އެ ކަމަށް ބަޖެޓުން ހަރަދު ނުކުރާ ކަމަށް ކުރިން ވިދާޅުވި އެވެ. އަދި މި ފަހުން އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޝިފާއާ ހަވާލާ ދެއްވައި ފަޒީން ވިދާޅުވި އެވެ. ކައުންސިލް މެމްބަރުންނަށް އެންގުމެއް ނެތި، ގަވައިދާ ހިލާފަށް ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން، މިހާރު އެކަން ގަވައިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ލިޔެކިޔުމަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކައުންސިލްގެ ވެރިން ކުރަމުން ދާ ކަމަށް ރޭ އޭނާ ތުހުމަތު ކުރި އެވެ.
ފަޒީން ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ފަޅާއެރުމުން ލިޔެކިޔުން "ގެއްލުވާލާފައި" ވެ އެވެ. އެގޮތުން، ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދާރީ ހިންގުމުގެ ބާރު އޮތް ބަޔަކަށް ޑޮކިއުމެންޓްތައް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް. މީގެ ކުރިން ވެސް އެކަން ކޮށްފައި އެބަހުރި،" ފަޒީން ވިދާޅުވި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މޭޔަރު ޝިފާ ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސިޓީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު، ފެށުނީންސުރެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް އެ ކައުންސިލަރުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކައުންސިލަރުން ކުރައްވާފައިވާ ވަކިވަކި ތުހުމަތުތަކަކަށް ޝިފާގެ ޓްވީޓްތަކުގައި ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި ޝިފާ ވަނީ މަސައްކަތްތައް ބިޑް ކޮމެޓީއާ ހަވާލުކުރިކަމެއް އަދި ބަޔަކާ ހަވާލުކުރިކަމެއް ނޭނގޭއިރު ކޮރަޕްޝަން ހިމެނެނީ ކިހިނެއްތޯ ސުވާލުކުރައްވައިފަ އެވެ.
"ކޮރަޕްޝަން ފޮރުވަން ލިޔެކިޔުމަށް ބަދަލު އެބަގެނޭ"
އެއްބަސްވުމެއް ނެތި 2 މިލިއަން ރުފިޔާގެ މަސައްކަތެއް
އަމީނީމަގުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދޭ: އޭސީސީ
މުއިއްޒު މިއަދު އޭސީސީ އަށް ހާޒިރުވާން އަންގައިފި
ޕާކިން ސްލޮޓް ދޫކުރި ގޮތުގެ މައްސަލަ އޭސީސީ އަށް
ދައުވާކުރަން ޖެހޭވަރުގެ ކަމެއް ނުކުރަން: މުއިއްޒު
ގަވައިދު އާންމުކުރުން ފަސްވުމުން ޝުޖާއު ސަލާމަތްވެއްޖެ
ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލަ: ޝިފާ
ޕާކުގެ މައްސަލައިގައި ޝިފާއަށް ކޮރަޕްޝަންގެ ދައުވާ
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކޮށްފި