Roadha Mihaaru
ދައުވާކުރަން ޖެހޭވަރުގެ ކަމެއް ނުކުރަން: މުއިއްޒު

ދައުވާ ކުރަން ޖެހޭ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ: މުއިއްޒު

07 އޮކްޓޯބަރ 2021

ހައުސިން މިނިސްޓަރުގެ މަގާމުގައި ހޭދަކުރެއްވި ހަތް އަހަރުގެ ތެރޭގައި ކުރެއްވި އެއްވެސް މަސައްކަތެއްގެ ތެރެއިން ދައުވާ އުފުލަން ޖެހޭ ވަރުގެ ކަމެއް ހިންގަވާފައި ނޯންނާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައުސިން މިނިސްޓަރުގެ މަގާމުގައި ހޭދަކުރެއްވި ހަތް އަހަރުގެ ތެރޭގައި ކުރެއްވި އެއްވެސް މަސައްކަތެއްގެ ތެރެއިން ދައުވާ އުފުލަން ޖެހޭ ވަރުގެ ކަމެއް ހިންގަވާފައި ނޯންނާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލޮނުޒިޔާރަތް ކޮޅުގައި ހުންނަ ބްރިޖް ވިއު އިން ޕްލެޓްފޯމާއި ފުޑް އައުޓްލެޓް ކުއްޔަށް ދިނުމުގައި، ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި އޭސީސީން ވަނީ މުއިއްޒުގެ މައްޗަށް ދައުވާކޮށްދޭން އިއްޔެ ފޮނުވައިފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް ގެންދަވާފައި އޮންނާނީ ގާނޫނީ އިމުގެ ތެރެއިން އުސޫލްތަކާ އެއްގޮތަށެވެ. އެ މަސައްކަތްތަކާ ގުޅުވައި މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދަވަން ޖެހޭ ކަންކަން ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މިނިވަން މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަަމަށެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ދައުވާއެއް އުފުލާނެ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭސީސީން ނިންމާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ މުއިއްޒުގެ މައްޗަށް ކުރުމަށެވެ. މުއިއްޒުގެ އިތުރުން އޭރު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބުގެ މައްޗަށް ވެސް އެ ދައުވާތައް ކުރަން ފޮނުވި އެވެ.

އެ މައްސަލައިގެ ތަފްސީލް ހާމަކުރަން ނެރުނު ބަޔާނުގައި އޭސީސީން ބުނީ ބްރިޖް ވިއު އިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާ ކުންފުންޏާ އެކު ތިން އަހަރުގެ އެއްބަސްވުމެއް އެކުލަވާލި ކަމަށެވެ.

އޭގެ ފަހުން ޕާކިން އޭރިއާ އެ ބިމުގެ ހުޅަނގަށް ޖައްސާލުމަށް ފަހު އެތަނުގައި "ޗާޓައިމް" ގެ ނަމުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާ ކަމަށާއި އޭގެ ސަބަބުން 2،464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާ އަށް ލިބި އިތުރު ފައިދާ އެ ކުންފުންޏަށް ވެފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެ އެއްބަސްވުމާ އެއްގޮތައް ސްޓްރާޑާ އިން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެ އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް އެކަން ނުކޮށް އެ ކުންފުންޏަށް އިތުރަށް މަންފާވާ ގޮތަށް އެ އެއްބަސްވުމަށް އިތުރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.