Roadha Mihaaru
ގަވައިދު އާންމުކުރުން ފަސްވުމުން ޝުޖާއު ސަލާމަތްވެއްޖެ

މާލޭ ޕްލޭނިން ގަވައިދު ކުރިން އާންމުކޮށްފައި ނެތުމުން ޝުޖާއު ދައުވާއިން ސަލާމަތްވެއްޖެ

05 އޯގަސްޓް 2021

މާލެ ޕްލޭނިންގެ ގަވާއިދާ ހިލާފަށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި، މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ކުރި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލެ ޕްލޭނިންގެ ގަވާއިދާ ހިލާފަށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި، މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ކުރި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ޝުޖާއުގެ މައްޗަށް ދައުވާކުރީ، މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް 250 އަކަފޫޓުގެ ބިމުގައި އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަމަށް ވިޔަސް 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި ޝުޖާއު ސޮއިކޮށް އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި އިމާރާތްކުރުމުގެ ހުއްދަ މީހަކަށް ދިނުމުންނެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ޝުޖާއުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ، ޕްލޭނިން ގަވައިދާ ހިލާފުވެ އޭނާ ކުށް ކުރި ކަމަށް ބުނާ އިރު، ޕްލޭނިން ގަވައިދަކީ އޭނާ ކުށް ކުރި ކަމަށް ބުނާ ތާރީހުގެ މާ ފަހުން ޖޫން 11، 2014 ގައި ގެޒެޓު ކުރި ގަވައިދެއް ކަމަށެވެ.

ގާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ވަނީ ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން މީހަކަށް އަދަބެއް ދެވޭނީ އެ ގަވައިދެއް އާންމުކޮށް ޝާއިއުކޮށްފައިވާ ނަމަ ކަމަށެވެ.

ނަމަވެސް، ދައުލަތުން ބުނި ގޮތުގައި ޝުޖާއު ހިލާފުވެފައި ވަނީ 2008 ވަނަ އަހަރު އެކުލަވާލި މާލޭ ޕްލޭނިން ގަވައިދާ އެވެ. ޕީޖީ އޮފީހާއި އޭޖީ އޮފީހުގެ ސިޓީއަކާ ހަވާލާދީ ދައުލަތުން ބުނީ އެ ގަވައިދު އާންމު ކުރީ ޝުޖާއު ކުށް ކުރި ކަމަށް ބުނާ ތާރީހުގެ ކުރިން ޑިސެމްބަރު 5، 2011 ގައި ކަމަށެވެ.

ޖޫން 11، 2014 ގައި ގެޒެޓުުގައި އާންމުކުރި ޕްލޭނިން ގަވައިދަކީ 2008 ވަނަ އަހަރުގެ ގަވައިދަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ގަވައިދު ބާތިލުކޮށް އަމަލުކުރަން ފެށި ގަވައިދެއް ކަމަށް ދައުލަތުން ބުންޏެވެ. އެއީ މުޅިން އަލަށް މާލޭގެ ޕްލޭނިން ގަވައިދެއް އެކުލަވާލި ތާރީހު ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ގަވައިދު އެކުލަވައިލީ 2008 ގައި ކަމަށް ވިޔަސް އޭގެ މާ ފަހުން ގަވައިދު އާންމުކުރީ އޭރު ގެޒެޓު ވެސް ނުނެރޭތީ އަދި ހުރިހާ ގާނޫނުތަކާއި ގަވައިދުތައް އާންމު ކުރާ އެމްވީ ލޯ ވެބްސައިޓު ވެސް އޭރު ތައާރަފް ނުކުރާތީ ކަމަށް ދައުލަތުން ބުންޏެވެ. ގެޒެޓުގެ ފުރަތަމަ އަދަދު ނެރުނީ ވެސް 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ރައީސް އޮފީހުގެ ދެންނެވުމަކާ ގުޅިގެން ގަވައިދުތަކަށް ސީރިއަލް ނަމްބަރުތައް ދީ ގެޒެޓު ކުރަން ފެށީ، 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމްވީ ލޯ ވެބްސައިޓުގައި ވެސް ގަވައިދުތައް އާންމުކުރަން އެންގީ އެ ދެންނެވުމުންނެވެ.

ގާޒީ ހުސެއިން ފާއިޒު ރަޝާދު ފާހަގަކުރެއްވި ގޮތުގައި، ގެޒެޓުގައި ފެންނަން ހުރީ ޝުޖާއުގެ ފަރާތުން ފާހަގަކުރި 2014ގެ މާލޭ ޕްލޭނިން ގަވައިދާއި 2015 ވަނަ އަހަރުގެ ދެ ގަވައިދެވެ. އަދި ދައުލަތުން ބުނާ 2008 ވަނަ އަހަރުގެ ގަވައިދު ގެޒެޓުގައި ނެތްކަން ފާހަގަކުރެއްވި އެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތާރީހުގައި ގަވައިދު ގެޒެޓުކޮށްފައި ނެތަސް، އެ ތާރީހުގެ ކުރިން އެމްވީ ލޯ ވެބްސައިޓުގައި ގަވައިދު އާންމުކޮށްފައިވާތީ ޝުޖާއުގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށް ނިންމަން ދައުލަތުން އެދިފައިވެ އެވެ. ގަވައިދު އާންމުކުރީ ޑިސެމްބަރު 5، 2011 ގައިކަން ޕީޖީ އޮފީހުގެ ސިޓީއަކާއި އޭޖީ އޮފީހުގެ ސިޓީއަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އެމްވީ ލޯ ވެބްސައިޓުގައި އެ ގަވައިދު ފެންނަން ހުއްޓަސް، އެ ގަވައިދު އާންމުކުރި ތާރީހެއް، އަމަލުކުރަން ފެށި ތާރީހެއް އަދި އެކުލަވައިލި ތާރީހެއް ފެންނަން ނެތްކަން ގާޒީ ފާހަގަކުރެއްވި އެވެ.

ގަވައިދު އާންމު ކުރި ކަމަށް ބުނެ ދެ ސިޓީއެއްގެ ވާހަކަ ދައުލަތުން ދެއްކިޔަސް، އެ ދެ ސިޓީ ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް ޝަރީއަތުން ބުނެފައިވެ އެވެ. އަދި އެ ސިޓީތައް ހުށަހެޅިޔަސް، އެކަން ގާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ރޫހާ ހިލާފުވާނެ ކަމަށް ނިންމުމުގައިވެ އެވެ. އެ މާއްދާގެ ރޫހަކީ ގާނޫނުތައް އާންމުންނަށް ފެންނާނެހެން އާންމުކުރުން ކަމަށާއި ސިޓީއަކުން އެކަން ކުރުން ނޫން ކަމަށް ނިންމުމުގައިވެ އެވެ.

އެހެންކަމުން، ގާޒީ ފާއިޒު ނިންމެވީ ޕްލޭނިން ގަވައިދު ގެޒެޓު ކުރީ ޝުޖާއު ކުރި ކަމަށް ބުނާ އަމަލުގެ ފަހުން ކަމަށް ވާތީ އޭނާގެ މައްޗަށް ދައުވާ ކުރީ ގާނޫނުއަސާސީގެ 61 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި ގަވައިދު އާންމުކުރިކަން އެނގެން ނެތުމުން ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ނިންމައި މައްސަލަ ބާތިލްކުރަން ނިންމެވީ އެވެ.