Roadha Mihaaru
ޓްރަމްޕުގެ އިމްޕީޗްމަންޓް ގެންދާނެގޮތުގެ ޕްލޭން ހަދައިފި

ޓްރަމްޕުގެ އިމްޕީޗްމަންޓް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލައިފި

30 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 30) - އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިމްޕީޗްކުރުމަށް ހިންގާ ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ކޮންގްރެސްގެ ޑިމޮކްރެޓިކުން އާއްމުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 30) - އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިމްޕީޗްކުރުމަށް ހިންގާ ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ކޮންގްރެސްގެ ޑިމޮކްރެޓިކުން އާއްމުކޮށްފި އެވެ.

އެ ޕްލޭނަށް ރިޕަބްލިކަން ޕާޓީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެއީ ސިއްރު ރޭވުމެއް ކަމަށް ބުނެފަ އެވެ. ވައިޓް ހައުސް އިން ވެސް ބުނެފައި ވަނީ ޓްރަމްޕުގެ އިމްޕީޗްމަންޓަކީ "މަކަރުވެރި ރޭވުމެއް" ކަމަށާއި އެ ތަހުގީގު ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ބަދަލު ނާންނަ ކަމަށެވެ.

ޑިމޮކްރެޓިކުން ބުނެފައި ވަނީ ޔުކްރޭނުގެ ރައީސް އަށް ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ޓްރަމްޕް ނާޖާއިޒް ފައިދާ ނަގަން އުޅުއްވި މައްސަލައިގެ ތަހުގީގުގައި ސިއްރު އެއްވެސް ކަމެއް ނެތް ކަމަށެވެ. ހެކި ހޯދުމަށް އިންގި ފަސް ހަފުތާގެ ތަހުގީގީ ބައްދަލުވުންތަކުގައި ރިޕަބްލިކަން މެންބަރުން ވެސް ބައިވެރިވި ކަމަށް ބުނެފައިވެ އެވެ. ތަހުގީގުގައި ދެން އޮންނާނީ ޕަބްލިކާ ގުޅޭ ބައިތަކެވެ. ތަހުގީގުގެ ދެން އޮތް މަރުހަލާތަކުގައި ރިޕަބްލިކަނުންނަށް ވެސް ހެކި ހުށަހެޅޭނެ އެވެ.

ތަހުގީގުގެ ތިން ވަނަ މަރުހަލާގައި އޮންނާނީ އިންޓަލިޖެންސް ކޮމިޓީން ހޯދާ ހެކި ޖުޑިޝަރީ ކޮމިޓީ އަށް ހުށަހެޅުމެވެ. އެ ކޮމިޓީގައި ޓްރަމްޕާއި އެމަނިކުފާނުގެ ވަކީލުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ. އޭގެ ފަހުން ޓްރަމްޕުގެ އިމްޕީޖްމަންޓުގެ ތަފްސީލް ތައްޔާރުކޮށް މުޅި ހައުސްގެ ވޯޓަށް ހުށަހަޅާނެ އެވެ. ޓްރަމްޕް ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ނިންމާނީ ސެނެޓުގެ ވޯޓުންނެވެ. ސެނެޓުން ފާސް ވާނީ ތިންބައި ކުޅަ ދެބައި ވޯޓުންނެވެ. ސެނެޓުގައި އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް ކަމަށް ވުމުން، އިމްޕީޗްމަންޓް ކާމިޔާބުވާނެ ކަމަކަށް ނުބެލެވެ އެވެ.

ޓްރަމްޕް އިމްޕީޗްކުރުމުގެ ތަހުގީގެއް ކުރަން ނިންމީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާ ގުޅުން ހުރި ކަމަށް ބުނާ މައްސަލައެއް ޔުކެރެއިނުން ތަހުގީގުކޮށްދިނުމަށް ޓްރަމްޕް އެދިވަޑައިގަތް މައްސަލައިގަ އެވެ. ރިޔާސީ އިންތިހާބަކަށް ބޭރު ގައުމެއްގެ އެހީ ހޯދުމަކީ ކުށެއް ކަމަށް ވާތީ މި ތަހުގީގު ހިންގަނީ އެކަން ސާބިތުވޭތޯ ބެލުމަށެވެ.

އެމެރިކާގެ ތާރީހުގައި އިމްޕީޗްމަންޓް މިހާތަނަށް ކުރިމަތިވެފައި ވަނީ އެންމެ ދެ ރައީސަކަށެވެ. އެއީ ބިލް ކްލިންޓަނާއި އެންޑްރޯ ޖޯންސަން އެވެ. އެކަމަކު މިއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކުށް ސާބިތުވެ މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. ރައީސް ނިކްސަންއާ ދެކޮޅަށް އިމްޕީޗްމަންޓް ހިންގަން އުޅުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.