Roadha Mihaaru
ޓްރަމްޕް އިމްޕީޗް ވެއްޖެތަ؟: ބޮޑު ބަހުސަކަށް!

ޓްރަމްޕް އިމްޕީޗް ވެއްޖެތަ؟: ގާނޫނީ ބޮޑު ބަހުސަކަށް!

22 ޑިސެމްބަރ 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ކޮންގްރެސްގެ ތިރި ގެ ކަމަށް ވާ، ހައުސް އިން އިމްޕީޗުކޮށްފައި ވިޔަސް، އެ ނިންމުން ސެނެޓަށް ނުފޮނުވާހާ ހިނދަކު، އެގޮތަށް ބެލެވެން ނެތް ކަމަށް، ގާނޫނީ ޕްރޮފެސަރަކު ވިދާޅުވުމުން، މުޅިން އާ ބަހުސެއް ފެށިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ކޮންގްރެސްގެ ތިރި ގެ ކަމަށް ވާ، ހައުސް އިން އިމްޕީޗުކޮށްފައި ވިޔަސް، އެ ނިންމުން ސެނެޓަށް ނުފޮނުވާހާ ހިނދަކު، އެގޮތަށް ބެލެވެން ނެތް ކަމަށް، ގާނޫނީ ޕްރޮފެސަރަކު ވިދާޅުވުމުން، މުޅިން އާ ބަހުސެއް ފެށިއްޖެ އެވެ.

އެމެރިކާގައި މިހާތަނަށް ވަރަށް މަދުން ނޫނީ ނުކުރާ ކަމެއްގެ ގޮތުގައި އޮންނަ ރައީސް އިމްޕީޗްކުރުން ހައުސްގައި ޓްރަމްޕާ ދެކޮޅަށް ނިންމާލިޔަސް، މިހާރު ދިމާވެގެން އުޅެނީ މުޅިން އާ މައްސަލައެކެވެ: ހައުސްގެ ނިންމުން، ކޮންގްރެސްގެ މަތި ގެ، ސެނެޓަށް ނުފޮނުވާ ޗުއްޓީއަށް ދިއުމެވެ. މީގެ ކުރިން އެމެރިކާގެ ތާރީޚުގައި ދެ ރައީސަކު އިމްޕީޗްކުރި އިރު އެ ނިންމުން ވަގުތުން ސެނެޓަށް ފޮނުވައި، ސެނެޓްގެ ޝަރީއަތަށް ފުރުސަތު ހުޅުވާލި އެވެ.

މަގާމުގެ ނުފޫޒު ބޭނުން ނާޖާއިޒް ގޮތުގައި ހިއްޕެވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގައި ޓްރަމްޕް އިމްޕީޗް ކުރީ، ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮތް ހައުސްގައި ހަމައެކަނި ޕާޓީގެ ވޯޓުންނެވެ. ޓްރަމްޕް އިމްޕީޗްކުރަން ރިޕަބްލިކަން ޕާޓީގެ އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. މިއީ ވެސް މުޅިން އަލަށް ކުރިމަތިވި ކަމެކެވެ.

ޓްރަމްޕް ހުންނެވީ އިމްޕީޗްކޮށްފައިތޯ ނުވަތަ ނޫންތޯ، ގާނޫނީ އާ ބަހުސަކަށް އެމެރިކާ ވެއްޓުނީ ހަވާޑް ޔުނިވާސިޓީގެ ޕްރޮފެސަރު ނޯ ފެލްޑްމަން ވިދާޅުވި އެއްޗަކުންނެވެ. އެމެރިކާގެ ގާނޫނުއަސާސީގައި ބުނާ ފަދަ އިމްޕީޗްކުރެވިދާނެ ކުށެއް ޓްރަމްޕް ކުރެއްވިތޯ ނުވަތަ ނޫންތޯ، ހައުސްގެ ޖުޑިޝަރީ ކޮމިޓީން ލަފާ ހޯދި ޕްރޮފެސަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގެންނެވި ފެލްޑްމަން ވިދާޅުވީ ހައުސްގެ ނިންމުން ސެނެޓަށް ނުފޮނުވައި އޮތްހާ ހިނދަކު ޓްރަމްޕް އިމްޕީޗް ކުރެވުނީ ކަމަށް ނުބެލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވާ ގޮތުން އިމްޕީޗް ކުރުމަކީ ހަމައެކަނި ހައުސްގައި ނަގާ ވޯޓެއް ނޫނެވެ. އެއީ އެ ވޯޓަށް ފަހު ސެނެޓަށް މައްސަލަ ފޮނުވުމާ އެއްކޮށް އޮންނަ މަރުހަލާއެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އިމްޕީޗްކުރުމާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ "އިމްޕީޗް ކުރިހެން ހީ ވެސް ނުވާ" ކަމަށެވެ.

ފެލްޑްމަން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ އެ ބަހުގައި ގާނޫނީ ބުރަދަނެއް އެބަ އޮތެވެ.

"ކޮންގްރެސް އިން އިމްޕީޗްމަންޓް ލިޔުންތައް ސެނެޓަށް ނުފޮނުވާ ނަމަ، ޓްރަމްޕް ހަގީގަތުގައި ވެސް އިމްޕީޗް ކޮށްފައި ނުވާ ކަމަށް ވިދާޅުވެވޭނެ ވަރުގަދަ ހުއްޖަތެއް އޭނާއަށް އެބަ އޮތް. އެކަމަކު އެއީކީ ކޮންގްރެސްގެ ޑިމޮކްރަޓުން ދޭން ބޭނުންވާނެ މެސެޖެއް ނޫން،" ޓްރަމްޕް އިމްޕީޗް ކުރަން ޖެހޭ ފަދަ ހާލަތުތަކެއް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ހައުސްގައި ވާހަކަ ދެއްކެވި ފެލްޑްމަން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހައުސްގެ ނިންމުން ސެނެޓަށް ފޮނުވަން ޖެހޭ ވަކި މުއްދަތެއް ގާނޫނު އަސާސީގައި ނެތަސް، އެ މަރުހަލާ އަވަހަށް ގެންދަން ޖެހޭނެ އެވެ. ހުއްޖަތުތަކެއް ދެއްކިޔަސް، އިމްޕީޗްމަންޓްގެ ލިޔުންތައް ހިފަހައްޓައިގެން ހައުސްއަށް އޮވެވިދާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެކަމަކު ފެލްޑްމަންގެ ޚިޔާލަށް، އެމެރިކާގެ ގާނޫނުއަސާސީއާ ބެހޭ ގިނަ ޕްރޮފެސަރުން ދެކޮޅެވެ. ޓްރަމްޕް އިމްޕީޗްކުރަން ޖެހޭ ފަދަ ސަބަބެއް ހޯދިފައި ނެތް ކަމަށް ވިދާޅުވެ، ހައުސްގައި ރައީސާ އެއްކޮޅަށް ވާހަކަ ދެއްކެވި ޕްރޮފެސަރު ޖޮނަތަން ޓާލޭ ގަބޫލުކުރައްވަނީ ހައުސްގެ ނިންމުމާ އެކު ޓްރަމްޕް އިމްޕީޗް ވެފައިވާ ކަމަށެވެ.

ޓާލޭއަކީ އިމްޕީޗް ކުރާވަރުގެ ކުށެއް ކުރައްވާފައި އޮތް ކަމަށް ވިދާޅުވެ، މީގެ 20 އަހަރު ކުރިން، ހައުސްގައި ރައީސް ބިލް ކްލިންޓަނާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅެކެވެ.

"ހައުސްގެ މެޖޯރިޓީން އިމްޕީޗްމަންޓް ލިޔުންތައް ފާސްކުރުމުން އިމްޕީޗްމަންޓް ފުރިހަމަވީ. އެކަން ފުރިހަމަވާން އިތުރު މަރުހަލާއެއް ގާނޫނު އަސާސީގައި ހިމަނާފައެއް ނެތް،" ފެލްޑްމަންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޓާލޭ ވިދާޅުވި އެވެ.

އިމްޕީޗްކުރުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ކަމެކެވެ. ރައީސްގެ ނަމުގައި ޖެހޭ ވަރަށް ބޮޑު ލައްގަނޑެކެވެ. އެކަމަކު އިމްޕީޗްކުރިޔަސް ރައީސްކަމުގެ މަގާމެއް ނުގެއްލެ އެވެ. އިމްޕީޗްކުރި ކުށްތައް ސެނެޓަށް ހުށައަޅައި، ސެނެޓްގައި ޝަރީއަތެއް ކުރިއަށް ގެންދެ އެވެ. ސެނެޓުގެ ތިންބައި ކުޅަ ދެބައިގެ ވޯޓުން، އެ ކުށްތައް ސާބިތުވެއްޖެ ނަމަ، ރައީސްކަމުގެ މަގާމު ގެއްލޭނެ އެވެ.

ސެނެޓްގެ ކޮންޓްރޯލް އޮތީ، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ.

ސެނެޓަށް މައްސަލަ ނުފޮނުވާ ލަސްކުރަނީ ކީއްވެ؟

ހައުސްގެ ރައީސް ނެންސީ ޕެލޯސީ ސެނެޓަށް އެ މައްސަލަ ނުފޮނުވައި، އެ މަރުހަލާ ލަސްކުރައްވަމުން ގެންދަވަނީ ސެނެޓުގައި ޓްރަމްޕްގެ ޝަރީއަތް އިންސާފުވެރިވެދާނެ ކަމާ މެދު ސުވާލު އުފެއްދެވުމަށް ފަހު އެވެ. ޑިމޮކްރަޓެއް ކަމަށްވާ ޕެލޯސީ ބޭނުންވަނީ ސެނެޓުގެ ޝަރީއަތް ކުރިއަށް ގެންދަން ކަނޑައަޅާ އުސޫލުތައް އެނގުމުން ނޫނީ އެ މައްސަލަ ސެނެޓަށް ނުފޮނުވާށެވެ.

ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ހިޔާލު ހުރީ އިތުރު ހެކިން ހާޒިރުނުކޮށް އަވަހަށް މައްސަލަ ނިންމާ ގޮތަށެވެ. އެކަމަކު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވަނީ، އެމެރިކާގެ އުއްތަމަފަނޑިޔާރު ރިޔާސަތުގައި އިންނަވާ ސެނެޓް ޝަރީއަތަށް އިތުރު ހެކިން ބޭނުންވާ ކަމަށެވެ. އެއީ ހައުސް އިން ތަހުގީގު ހިންގި އިރު، މައުލޫމާތު ދޭން ހާޒިރުވާން ޓްރަމްޕް ނުފޮނުވި ބައެއް އޮފިޝަލުންނާއި ބައެއް ލިއެކިއުންތަކެވެ.

ޖުމްލަ 100 މެމްބަރުން ތިބޭ ސެނެޓުން ޓްރަމްޕް މަގާމުން ވަކިކުރެވޭނީ މަދުވެގެން 67 ވޯޓު ލިބިގެންނެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ 53 މެމްބަރުން ހިމެނޭތީ އެއީ ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބުވުން އެކަށީގެންވާ ކަމެއް ނޫނެވެ.